ކޮންގްރެސްގެ ފުރިހަމަ ބާރު ޑިމޮކްރެޓުން ހޯދައި، ރިޕަބްލިކަނުންނަށް ތާރީހީ ބޮޑު ނާކާމިޔާބީއެއް: ދެންވާނީ ކިހިނެތް؟

ނޮވެންބަރު 05, 2026 - 07:19
ކޮންގްރެސްގެ ފުރިހަމަ ބާރު ޑިމޮކްރެޓުން ހޯދައި، ރިޕަބްލިކަނުންނަށް ތާރީހީ ބޮޑު ނާކާމިޔާބީއެއް: ދެންވާނީ ކިހިނެތް؟
  • އިތުރު ސްޓޭޓް ސަރުކާރުތަކަކާއި ޓެކްސަސް ހައުސްގެ ފުރިހަމަ ބާރު ޑިމޮކްރެޓުންނަށް

    އެމެރިކާގެ ކޮންގްރެސް (ރައްޔިތުންގެ މަޖިލިސް)ގެ ދެ މަޖިލިސް ކަމަށްވާ ދަށުގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)  އާއި މަތިގެ (ސެނެޓުގެ) އަގުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށް، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށާއި ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮޑު ސިހުމެއް ގެނުވައިފިއެވެ. މިއީ 1990 ވަނަ އަހަރަށް ފަހު ކޮންގްރެސްގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ބާރު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

    ޒަމާނުއްސުރެ ރިޕަބްލިކަނުންގެ ބާރުގަދަ ކަމަށް ބެލެވުނު ކެންސަސް، ޓެކްސަސް އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓްތަކުގެ މުހިންމު ގޮނޑިތައް ޑިމޮކްރެޓުން ކާމިޔާބުކޮށް، އެތައް އަހަރެއްވީ ސިޔާސީ ރެކޯޑުތައް މިވަނީ މުގުރާލާފައެވެ. ބައެއް މަދު ދާއިރާތަކުން ރިޕަބްލިކަނުންނަށް ކާމިޔާބީ ލިބުނު ނަމަވެސް، މުޅި އިންތިހާބުގެ ނަތީޖާއިން ފެންނަނީ އެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.

  • ރިޕަބްލިކަނުންނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް؟

    ރިޕަބްލިކަނުންނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް؟

    އަންދާޒާ ކުރި މިންވަރަށް ވުރެ ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް ކޮންޓްރޯލް ރިޕަބްލިކަނުންގެ އަތުން ވަނީ ބީވެފައެވެ.

    މިހާތަނަށް ސާފުވި ނަތީޖާތަކަށް ބަލާއިރު، ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޑިމޮކްރެޓުން ވަނީ 228 ގޮނޑި ކަށަވަރުކޮށްފައެވެ. ރިޕަބްލިކަނުންނަށް ލިބުނީ 139 ގޮނޑިއެވެ. އަދިވެސް ގޮތެއް ނުނިމިވާ 34 ދާއިރާއެއްގެ ކުރީގައި އުޅެނީ ޑިމޮކްރެޓުންނެވެ. އެ ހުރިހާ ގޮނޑިއެއް ކާމިޔާބު ވެއްޖެނަމަ، ހައުސްގައި ޑިމޮކްރެޓުންގެ ގޮނޑީގެ އަދަދު 260 އަށް ވުރެ މައްޗަށް އަރާނެއެވެ. މިއީ 1990 ވަނަ އަހަރު 267 ގޮނޑި ކާމިޔާބުކުރި ފަހުން އެ ޕާޓީއަށް ހައުސްގައި ލިބޭނެ އެންމެ ބޮޑު އަޣުލަބިއްޔަތަށް ވާނެއެވެ. މީގެ ކުރިން 2008 ވަނަ އަހަރު ވެސް ޑިމޮކްރެޓުން ވަނީ 257 ގޮނޑިއާއެކު ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. އޭރު ރިޕަބްލިކަނުންނަށް ލިބުނީ 178 ގޮނޑިއެވެ.

    މަތިގެ ނުވަތަ ސެނެޓަށް ބަލާއިރު، 54 ގޮނޑި ކާމިޔާބުކޮށް ސާފު އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ވަނީ ހޯދާފައެވެ. ރިޕަބްލިކަނުންނަށް ލިބުނީ 44 ގޮނޑިއެވެ. މިއީ ބަރަކް އޮބާމާގެ ތާރީހީ ރިޔާސީ ކާމިޔާބީއާއެކު 2008 ވަނަ އަހަރު ސެނެޓުގެ 56 ގޮނޑި ޑިމޮކްރެޓުން ހޯދި ފަހުން، ސެނެޓުން އެ ޕާޓީއަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

    މި އިންތިހާބުގައި ވޯޓު ދޭއިރު، އަމިއްލަފުޅަށް ވޯޓު ކަރުދާހުގައި ނަން އޮތް ކަމަށް ދެކިގެން ވޯޓު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، ވާދަވެރި މުހިންމު ދާއިރާތަކަށް އެމަނިކުފާނު ތާއީދުކުރެއްވި ގިނަ ކެންޑިޑޭޓުން ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން، 1998 ވަނަ އަހަރަށް ފަހު ދުވަހަކުވެސް ޑިމޮކްރެޓިކް ސެނެޓަރަކު އިންތިހާބު ނުވާ ސައުތު ކެރޮލައިނާގައި، ޓްރަމްޕް ތާއީދުކުރެއްވި ދާލީން ގްރަހަމް ބަލިކޮށް، އެ ގޮނޑި ކާމިޔާބުކުރީ ޑިމޮކްރެޓިކް ކެންޑިޑޭޓް އެނީ އެންޑްރޫސް އެވެ.

    ނޯތު ކެރޮލައިނާގައި ޓްރަމްޕް ތާއީދުކުރެއްވި ކުރީގެ ރިޕަބްލިކަން ކެމްޕޭން އޮފިޝަލް މައިކަލް ވަޓްލީ ބަލިކުރެއްވީ ޑިމޮކްރެޓިކް ގަވަރުނަރު ރޯއީ ކޫޕަރ އެވެ. އަދި ޓެކްސަސްގައި ޓްރަމްޕް ކުރިއެރުވި އެޓާނީ ޖެނެރަލް ކެން ޕެކްސްޓަންގެ މައްޗަށް ކާމިޔާބު ހޯދީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޭމްސް ޓަލަރީކޯ އެވެ. މީގެ އިތުރުން މިޝިގަންގައި ޓްރަމްޕްގެ އެންޑޯސްމަންޓާއެކު ނުކުތް ކުރީގެ ކޮންގްރެސް މެންބަރު މައިކް ރޮޖާސް ބަލިވީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އަލް-ސައްޔިދުގެ އަތުންނެވެ.

  • މި ނާކާމިޔާބީގެ ސަބަބުން ރިޕަބްލިކަނުންނަށް އަންނާނެ ބަދަލުތައް

    އާންމުކޮށް މިޑްޓާމް އިންތިހާބުތަކުގައި ވެރިކަންކުރާ ޕާޓީއަށް ގޮނޑިތަކެއް ގެއްލުމަކީ އާދައިގެ ކަމެއް ނަމަވެސް، މި ފަހަރުގެ ގެއްލުން މާ ބޮޑެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރިޕަބްލިކަން ޕާޓީގެ މެންބަރަކު ބުނި ގޮތުގައި، މި ނަތީޖާ އައީ އެމީހުން އުއްމީދު ކުރި ވަރަށް ވުރެ ވެސް މާ ގޯސްކޮށެވެ. އެމީހުންގެ އެތެރޭގެ ދިރާސާތަކުން ސެނެޓުގެ އަގުލަބިއްޔަތު ހިފެހެއްޓޭނެ ކަމަށް ދެއްކި ނަމަވެސް، ހަގީގަތް މުޅިން ތަފާތު ވެގެން ދިޔައީއެވެ.

    ޔުނައިޓެޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ޔޯކްގެ ސިޔާސީ ސައިންސްވެރިއެއް ކަމަށްވާ ކްރިސް ފެދަރސްޓޯން ވިދާޅުވީ، މިއީ ރިޕަބްލިކަނުންނަށް ކުރިމަތިވި ބޮޑު ލޮޅުމެއް ކަމަށެވެ. ޓްރަމްޕް ތާއީދުކުރެއްވި ކެންޑިޑޭޓުން މުޅި ގައުމުގައި ވެސް ބަލިވެފައިވަނީ، ޑިމޮކްރެޓިކް ޕާޓީގެ ކުރިއަރާފައިވާ ފިކުރުގެ މީހުންނާއި މެދުމިނުގެ ކެންޑިޑޭޓުންގެ އަތުންނެވެ.

    އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓެކްސަސްގައި ޓަލަރީކޯ ގާތްގަނޑަކަށް 10 ޕޮއިންޓުގެ ފަރަގަކުން ސެނެޓު ގޮނޑި ކާމިޔާބުކުރުމަކީ މީގެ ބޮޑު ހެއްކެކެވެ. ޓެކްސަސްއަކީ ޒަމާނުއްސުރެ ރިޕަބްލިކަނުންގެ މައި މަރުކަޒެކެވެ. މީގެ އިތުރުން ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ބަލިކޮށް ޑިމޮކްރެޓިކް ކެންޑިޑޭޓް ގީނާ ހިނޮހޯސާ ހޯދި ކާމިޔާބީއަކީ އެންމެންނަށް ވެސް ލިބުނު ބޮޑު ސިހުމެކެވެ. ހާއްސަކޮށް، ދާއިރާތަކުގެ އިންތައް އަލުން ކަނޑައަޅައި، އިތުރު ފަސް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ރިޕަބްލިކަނުން އުއްމީދު ކޮށްގެން ތިއްބައެވެ.

    ފެދަރސްޓޯން ވިދާޅުވި ގޮތުގައި، މި ނަތީޖާއާއެކު ކޮންގްރެސްއާއި ވައިޓް ހައުސްގެ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ސީރިއަސް ތަހުގީގުތައް ހިންގުމާއި، މަގާމުން ވަކިކުރުމުގެ މައްސަލަތައް (އިމްޕީޗްމަންޓް) ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑެވެ. ހަމައެއާއެކު، ޓްރަމްޕާ ދެކޮޅަށް ހަރުކަށި އިދިކޮޅު މަސައްކަތްތަކެއް ކުރުމުގެ ރޫހު ޑިމޮކްރެޓުންގެ މެދުގައި އިތުރުވެގެންދާނެއެވެ.

    ޖާމަން މާޝަލް ފަންޑުގެ އެކްސްޓާނަލް ރިލޭޝަންސްގެ ނައިބު ރައީސާ ސުދާ ޑޭވިޑް-ވިލްޕް ވިދާޅުވީ، މިއީ ވެރިކަންކުރާ ޕާޓީއާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަކޮށްދިން އިންތިހާބެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓްރަމްޕަށް ބޮޑު ތާއީދެއް އޮތް ޓެކްސަސް، އައޮވާ އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓްތަކުން ޑިމޮކްރެޓުން ކުރިއެރުން ހޯދުމުގެ އިތުރުން، މި އިންތިހާބާއެކު ސިޔާސީ އައު ބާބެއް ފެށިގެން ދިޔައީއެވެ. ޓްރަމްޕަށް އަދިވެސް ތާއީދު އޮތް ނަމަވެސް، އޭނާގެ ސަޕޯޓަރުންގެ ބާރު ބައިބައިވެފައިވާތީ، 2028 ވަނަ އަހަރު އޭނާގެ ނަމުގައި ކެމްޕޭން ކުރުން ރިޕަބްލިކަނުންނަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

  • ރިޕަބްލިކަނުންނަށް އޮތް އުއްމީދަކީ ކޮބައި؟

    ރިޕަބްލިކަނުންނަށް އޮތް އުއްމީދަކީ ކޮބައި؟

    ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރިޕަބްލިކަނުންނަށް މުޅިން ހުރިހާ ދޮރެއް ބަންދެއް ނުވެއެވެ.

    ޓްރަމްޕްގެ މަގުބޫލުކަން ބޮޑު ފްލޮރިޑާގައި، ރިޕަބްލިކަން ސެނެޓަރ އޭޝްލީ މޫޑީ ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އެންޖީ ނިކްސަން ބަލިކުރައްވާފައެވެ. އަދި ފްލޮރިޑާގެ ގަވަރުނަރު ކަމުގެ އިންތިހާބު ރިޕަބްލިކަން ކެންޑިޑޭޓް ބައިރަން ޑޮނަލްޑްސް ކާމިޔާބު ކުރެއްވުމާއެކު، އޭނާ ވެގެންދާނީ އެ ސްޓޭޓުގެ ފުރަތަމަ ކަޅުނަސްލުގެ ގަވަރުނަރަށެވެ.

    ވައިއޯމިންގްގެ ސެނެޓު ގޮނޑި ރިޕަބްލިކަން ކެންޑިޑޭޓް ހެރިއެޓް ހޭގްމަން ކާމިޔާބު ކުރެއްވިއިރު، އަލަބާމާގެ ގަވަރުނަރު ކަމުގެ ރޭސް ޓޮމީ ޓިއުބަރވިލް ވަނީ ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން އައިޑަހޯ، އާކަންސޯ، ލޫއިޒިއާނާ، ސައުތު ޑެކޯޓާ، ނެބްރާސްކާ، ކެންޓަކީ އަދި ވެސްޓް ވާޖީނިއާ ފަދަ ސްޓޭޓްތަކުން ވެސް ރިޕަބްލިކަނުން ވަނީ ކާމިޔާބީ ހޯދާފައެވެ.

    އެމެރިކާގެ ތާރީހުގައި ވެސް މީގެ ކުރިން މިފަދަ ހާލަތްތައް އެ ޕާޓީން ވަނީ ތަހައްމަލު ކޮށްފައެވެ. ޖޯޖް އެޗް ޑަބްލިއު ބުޝްގެ ވެރިކަމުގައި 1992 ވަނަ އަހަރު ރިޕަބްލިކަނުންނަށް ލިބުނީ އެންމެ 176 ގޮނޑިއެވެ. އޭރު ޑިމޮކްރެޓުން 258 ގޮނޑި ހޯދިއެވެ. އަދި 2008 ވަނަ އަހަރު ވެސް ރިޕަބްލިކަނުންނަށް ލިބުނީ އެންމެ 178 ގޮނޑިއެވެ. އެހެން ނަމަވެސް، އެ ދެ ފަހަރު ވެސް ދެ އަހަރު ދުވަހުގެ ތެރޭގައި ހާލަތު ބަދަލުކޮށްލަން އެމީހުންނަށް ކުޅަދާނަވިއެވެ. އެގޮތުން 1994 ގައި ކޮންގްރެސްގެ ދެ މަޖިލިސް ވެސް އަނބުރާ ހޯދިއިރު، 2010 ގައި ހައުސްގެ އަގުލަބިއްޔަތު ހޯދިއެވެ.

    އެހެން ނަމަވެސް، މި ފަހަރު ކަންކަން ތަފާތު ވެދާނެ ސަބަބެއް އެބައޮތެވެ. ޗެތަމް ހައުސްގެ ޔޫއެސް އެންޑް ނޯތު އެމެރިކާ ޕްރޮގްރާމްގެ ޑިރެކްޓަރ ލޯރެލް ރެޕް ވިދާޅުވީ، އާންމުކޮށް މިޑްޓާމް އިންތިހާބުތަކުގައި ހާރިޖީ ސިޔާސަތުތަކަށް މާ ބޮޑު ސަމާލުކަމެއް ނުލިބޭ ކަމަށެވެ. އެކަމަކު މި ފަހަރު، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޓްރަމްޕްގެ ހާރިޖީ ސިޔާސަތާމެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

    އޭނާ ވިދާޅުވި ގޮތުގައި، ތެލާއި ކާބޯތަކެތީގެ އަގު އުފުލުމަކީ ޓްރަމްޕްގެ ސަރުކާރުގެ ބައިނަލްއަގުވާމީ ނިންމުންތަކާ ގުޅިފައިވާ ކަމެއް ކަމަށް ވޯޓުލީ މީހުން ދެކެއެވެ. އަދި ބަދަލަކަށް ބޭނުންވެފައިވާ މިންވަރު މި ނަތީޖާއިން ރައީސަށް ސާފުކޮށް އަންގައިދީފިއެވެ.

    ރެޕް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ބައިނަލްއަގުވާމީ މައިދާނުގައި ޓްރަމްޕަށް ބައެއް ދަތިތަކާ ކުރިމަތިވި ނަމަވެސް، ރައީސްގެ ބޮޑެތި ބާރުތައް އަދިވެސް އޮންނާނެ ކަމަށެވެ. ބޭރު ގައުމުތަކާއެކު އަމިއްލަ ގޮތްތަކުގައި ގުޅުން ބޭއްވުމާއި، ބޭނުންވާ ތަންތަނަށް ސިފައިން ފޮނުވުމާއި ހަނގުރާމަ ކުރުމުގެ ފުޅާ އިހުތިޔާރު އަދިވެސް ރައީސަށް ލިބިގެންވެއެވެ.

  • އެމެރިކާގެ ކޮންގްރެސް އެކުލެވިގެންވަނީ ކިހިނެތް؟

    އެމެރިކާގެ ކޮންގްރެސް ބެހިގެންވަނީ ވަކި ދެ މަޖިލީހެއްގެ މައްޗަށެވެ. އެއީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ތިރިގެ) އަދި ސެނެޓް (މަތިގެ) އެވެ.

    ބިލެއް ގާނޫނަކަށް ވުމުގެ ކުރިން މި ދެ މަޖިލީހުން ވެސް އެ ބިލެއް ފާސްކުރަން ޖެހެއެވެ. ނަމަވެސް، އާންމު ރައްޔިތުންގެ މަސްލަހަތާއި ވަކިވަކި ސްޓޭޓްތަކުގެ މަސްލަހަތު ހަމަހަމަކޮށް ހިފެހެއްޓުމަށްޓަކައި، މި ދެ މަޖިލިސް އެކުލަވާލާފައިވަނީ މުޅިން ތަފާތު ދައުރުތަކާއި، އޮނިގަނޑުތަކާއި، އަދި ހާއްސަ ބާރުތަކެއް ލިބިގެންވާ ގޮތަށެވެ.

    ހައުސް އޮފް ރެޕްރެޒެންޓެޓިވްސް: "ރައްޔިތުންގެ މަޖިލިސް"

    މެންބަރުން ހިދުމަތްކުރައްވަނީ ކުރު، ދެ އަހަރުގެ ދައުރެއްގައި ކަމަށްވެފައި، ވަކިވަކި ދާއިރާތަކެއް ތަމްސީލުކުރައްވާތީ، ހައުސް ފަރުމާކޮށްފައިވަނީ ދުވަހުން ދުވަހަށް ރައްޔިތުންގެ ސުއޫރުތަކަށާއި އާންމު ހިޔާލަށް އަންނަ އަވަސް ބަދަލުތަކަށް ސީދާ ޖަވާބުދާރީވާން ޖެހޭ ގޮތަށެވެ.

    ހާއްސަ ބާރުތަކާއި ދައުރު:

    ވާރު ނުވަތަ ޓެކުހާއި އާމްދަނީއާ ގުޅޭ ބިލްތައް ހުށަހެޅުން: އެމެރިކާގެ ގާނޫނުއަސާސީ ލާޒިމްކުރާ ގޮތުގައި އާމްދަނީ އިތުރުކުރުމަށް (ޓެކްސް، ޓެރިފް ފަދަ) އަމާޒުކުރާ ކޮންމެ ބިލެއް ވެސް އެންމެ ފުރަތަމަ ހުށަހަޅަންވާނީ ހައުސް އަށެވެ.

    ފެޑެރަލް އޮފިޝަލުން މަގާމުން ދުރުކުރުމުގެ މައްސަލަ (އިމްޕީޗްމަންޓް) ހުށަހެޅުން: ހައުސް އަދާކުރަނީ ގްރޭންޑް ޖޫރީއެއްގެ ދައުރެވެ. ރައީސަކު، ފެޑެރަލް ފަނޑިޔާރަކު، ނުވަތަ ކެބިނެޓް އޮފިޝަލަކު ބޮޑު ކުށެއް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ، ރަސްމީކޮށް ދައުވާ އުފުލުމަށްޓަކައި ހައުސްއިން އިމްޕީޗްމަންޓްގެ މާއްދާތަކަށް ވޯޓަށް އަހައެވެ.

    ނަތީޖާ އެއްވަރުވާ ހާލަތްތަކުގައި ރައީސަކު އިންތިހާބުކުރުން: އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތު (270 ވޯޓު) ނުލިބިއްޖެނަމަ، ކޮންމެ ސްޓޭޓެއްގެ ވަފުދަކަށް އެއް ވޯޓު ދެވޭ އުސޫލުން ރައީސަކު ކަނޑައަޅާނީ ހައުސް އިންނެވެ.

    ސެނެޓް: "ފުންކޮށް ވިސްނާ މަޖިލިސް"

    ހަ އަހަރުގެ ދައުރަކާއެކު، އަދި ހުރިހާ ސްޓޭޓަކަށް ހަމަހަމަ ތަމްސީލުވުމެއް އޮންނާތީ (ސްޓޭޓެއްގައި 600،000 މީހުން ދިރިއުޅުނަސް ނުވަތަ 39 މިލިއަން މީހުން ދިރިއުޅުނަސް ކޮންމެ ސްޓޭޓަކަށް ދެ ސެނެޓަރުން)، ސެނެޓް ފަރުމާކޮށްފައިވަނީ ކަންކަމުގައި ލަސްލަހުން، ފުންކޮށް ވިސްނާ، އަދި ސިޔާސީ ކުއްލި ރާޅުތަކުން ރައްކާތެރިވެވިފައިވާ ތަނެއްގެ ގޮތުގައެވެ.

    ހާއްސަ ބާރުތަކާއި ދައުރު:

    ރައީސް ކަނޑައަޅުއްވާ މަގާމުތައް ފާސްކުރުން: ރައީސް އައްޔަނު ކުރައްވާ ބޭފުޅުންގެ އަޑުއެހުންތައް ބާއްވައި، އެ ބޭފުޅުން މަގާމަށް އައްޔަނު ކުރުމަށް ފާސްކުރުން ނުވަތަ ބާތިލްކުރުމަށް ސެނެޓުން ވޯޓުދެއެވެ. މީގެ ތެރޭގައި ހިމެނެނީ:

    • ފެޑެރަލް ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން.
    • ކެބިނެޓް ސެކްރެޓަރީންނާއި ސަރުކާރުގެ އިދާރާތަކުގެ ވެރިން.
    • ސަފީރުންނާއި އަސްކަރީ އިސް ވެރިން.

    ބައިނަލްއަގުވާމީ މުއާހަދާތައް ތަސްދީގުކުރުން:

    ރައީސަށް ބައިނަލްއަގުވާމީ މުއާހަދާތަކާ މެދު މަސްވަރާކުރެއްވިދާނެއެވެ. ނަމަވެސް އެ މުއާހަދާތަކަށް އަމަލުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެގެންނެވެ.

    އިމްޕީޗްމަންޓް ސަރީއަތްތައް ހިންގުން:

    އޮފިޝަލަކު މަގާމުން ދުރުކުރުމަށް ހައުސްއިން ފާސްކޮށްފިނަމަ، ކޯޓެއްގެ ދައުރު އަދާކުރާނީ ސެނެޓުންނެވެ. ސެނެޓަރުން ތިއްބަވާނީ ޖޫރީންގެ ގޮތުގައެވެ. އަދި އެ އޮފިޝަލަކު ކުށްވެރިކޮށް މަގާމުން ވަކިކުރެވޭނީ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ.

    ދެ މަޖިލިސް ގުޅިގެން މަސައްކަތްކުރާ ގޮތް

    ފެޑެރަލް ގާނޫނެއް ފާސްކުރުމަށްޓަކައި، ހައުސް އަދި ސެނެޓުން ވެސް ފާސްކުރަން ޖެހޭނީ އެއްވެސް ތަފާތެއް ނެތް އެއް އިބާރާތްތަކެއް އެކުލެވޭ ބިލެކެވެ.

    އެއް ގާނޫނަކާ ގުޅޭގޮތުން ހައުސް އަދި ސެނެޓުން ކުދިކުދި ތަފާތުތަކެއް ހުރި ބިލްތަކެއް ފާސްކޮށްފިނަމަ، ދެ މަޖިލީހުގެ ލީޑަރުން ބައްދަލުކުރައްވާނީ 'ކޮންފަރެންސް ކޮމިޓީ' އެއްގައެވެ. އެއީ ދެފަރާތް އެއްބަސްވާ ބިލެއް އެކުލަވާލުމަށެވެ. އެއަށްފަހު، އެ ބިލުގައި ރައީސް ސޮއިކުރެއްވުމަށް ނުވަތަ ވީޓޯ ކުރެއްވުމަށް ފޮނުވުމުގެ ކުރިން، ދެ މަޖިލީހުން ވެސް އަލުން އެ ބިލަށް ވޯޓުދީ ފާސްކުރަން ޖެހޭނެއެވެ.