ޓްރަމްޕްގެ ދައުރު ނިމުމަކާ ދިމާއަށް މިސްރާބު ޖަހައިފި
މިޑްޓާމް އިންތިހާބާ ދިމާކޮށް ވޯޓު ހޯދަން ޓްރަމްޕް ހުރިހާ އުކުޅެއް ބޭނުންކުރަނީ
ރިޔާސީ އައު ދައުރެއް ފެށުމުގެ ރަސްމިއްޔާތު އޮތީ އަދި ވަރަށް ދުރުގަ އެވެ. ނަމަވެސް ގާތިލް ޑިކްޓޭޓަރުންނާ ގާތްގުޅުން ނުބާއްވާ، އަމިއްލަ ނަފްސަށާއި އާއިލާއަށް މުއްސަނދިކަން ނުހޯދާ، ޒަމާންވީ އެކުވެރި ގައުމުތަކާ ބޭކާރު އަރާރުންތައް ނުއުފައްދާ، އަދި ބޭރު (މީހެއް/ނުވަތަ ބައެއްގެ) ނުފޫޒުގައި ޖެހި، މެދުއިރުމަތީގައި ހަނގުރާމައެއް ނުފަށާނެ ރައީސަކު ގައުމުގައި ހުންނާނެ ދުވަހެއް ތަސައްވުރު ކުރެވެން މިހާރު ފަށައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ދަނީ އޮއްސެމުންނެވެ. މިހާރު އޭނާއަށް އޮތް އާންމު ތާއީދަކީ ޒަމާނީ ތާރީހުގައި އެމެރިކާގެ "ކޮމާންޑަރ އިން ޗީފް" އެއްގެ ދައުރުގެ މި ހިސާބުގައި ރެކޯޑް ކުރެވުނު އެންމެ ދަށް މިންވަރެވެ.
އެހެންކަމުން ނިމުން މިއޮތީ ކައިރިވެފަ އެވެ. އެކަމަކު ފަސޭހައިން ޓްރަމްޕް ދޫދެއްވައި ދުރަށް ވަޑައިނުގަންނަވާނެކަން ވެސް އެނގެ އެވެ.
މިއީ ހަމައެކަނި ލަފާކުރުމެއް ނޫނެވެ. ބަލި ގަބޫލުކުރަން ޓްރަމްޕަށް ކުޅަދާނައެއް ނޫންކަމާއި، ބޭނުންވާ ކަންކަން ހާސިލްކުރެއްވުމަށް މަކަރު ހައްދަވަން ފަސްނުޖެހޭނެކަން އަދި ހިތްހަމަނުޖެހޭ އިންތިހާބީ ނަތީޖާއެއް ބަދަލުކޮށްލެއްވުމަށް، އެކިއެކި ހަމަނުޖެހުންތައް ހިންގާ ބަޔަކު ހިންގާއިރު، ޓްރަންޕު ބައްލަވަން ތައްޔާރަށް ހުންނެވިކަމުގެ ހެކި ވަނީ ފެނިފަ އެވެ. މިޑްޓާމް އިންތިހާބަށް ޓްރަމްޕްގެ ސަރުކާރުން ނުފޫޒު ފޯރުވާފާނެ ކަމަށް ބަލައި ތައްޔާރުވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަންބޮޑުވެފައިވާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ އަދި މިހާރުގެ އޮފިޝަލުންގެ ގްރޫޕަކުން ސްޓޭޓް އަދި ފެޑެރަލް ގާނޫނުހަދާ ފަރާތްތަކަށް ސިއްރިޔާތުގައި އިރުސާދު ދެމުންދާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
މިކަމާ ކަންބޮޑުވަނީ ހަމައެކަނި ސަލާމަތީ އޮފިޝަލުންނެއް ނޫނެވެ. ގައުމުގެ ބޮޑުބައި އޮތީ ބިރުވެރިކަމެއްގަ އެވެ. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓާއި އޭބީސީ ނިއުސް އަދި އިޕްސޮސް ގުޅިގެން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ އާ ސާވޭއެއްގައި ބައިވެރިވި 2500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ބުނެފައިވަނީ، ވޯޓުތައް ރަނގަޅަށް ގުނާނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް، ރިޕަބްލިކަން ޕާޓީ ބަލިވެއްޖެނަމަ އެ ނަތީޖާ ޓްރަމްޕް ގަބޫލުކުރައްވާނެ ކަމަށް ނުދެކޭ ކަމަށެވެ.
ޑިމޮކްރެޓުންގެ 94 އިންސައްތަ އާއި ވަކި ފަރާތަކަށް ނުޖެހޭ މީހުންގެ 77 އިންސައްތަ މީހުން ޓްރަމްޕް ބަލި ގަބޫލުކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަދި ހަމައެއާއެކު ރިޕަބްލިކަން ޕާޓީގެ 36 އިންސައްތަ މީހުން ވެސް އޭނާގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަ އެވެ. ޓްރަމްޕް ރިޔާސީ މަގާމު ބޭނުންކުރައްވަނީ އަމިއްލަ މުއްސަނދިކަން އިތުރުކުރަން ކަމަށް އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލުކުރެ އެވެ. ތަކެތީގެ އަގުބޮޑުވުމާއި ތެލުގެ އަގަށް ވުރެ ވެސް ބޮޑަށް ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މިހާރު ވެފައިވަނީ ސަރުކާރުގެ ފަސާދަ އެވެ.
އީލޮން މަސްކް އެއްފަހަރަކު ވިދާޅުވި ފަދައިން: "މި ވާހަކައާމެދު ފުންކޮށް ވިސްނާލާށެވެ."
މި މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި މަޖްލިސްމެންބަރުން (ހައުސް) އަދި ބެލެވޭ ގޮތުގައި ސެނެޓް ވެސް ރިޕަބްލިކަނުންނަށް ގެއްލިއްޖެނަމަ، ހަމަނުޖެހުން ފެށޭނެ ކަމަށް އާދައިގެ ގޭންގްސްޓަރެއް ފަދައިން ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
"މި އިންތިހާބުގައި ގެއްލިގެން ހިނގައިދާނެ ކަންކަން ދެކެން ބޭނުންނަމަ ފްރާންސަށް ބަލާލާ،" ކެންސަސްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ދާދިފަހުން ވިދާޅުވި އެވެ. ކްލާސްރޫމްތަކުގެ ހާލަތު ރަނގަޅުކުރުމަށް އެދި ހައިސްކޫލް ދަރިވަރުން ފެށި އިހުތިޖާޖުތައް ބޮޑެތި ހަމަނުޖެހުންތަކަކަށާއި ލޫޓުވުންތަކަކަށް ބަދަލުވެފައިވާ ފްރާންސް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމަކީ "ވަޒަންވެރިންނާއި، ޖިހާދީން އަދި ކޮމިއުނިސްޓުން ވެރިވެގަނެ، ލޫޓުވައި އަނދާ އަޅިއަށް ހަދާފައިވާ ތަނެއް" ކަމަށެވެ.
(ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ އެ ވާހަކަތަކަކީ "ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އެއީ މޮޔަ ވާހަކަތަކެއް" ކަމަށެވެ.)
ޓްރަމްޕްގެ މި ބިރުދެއްކުންތައް ކާމިޔާބު ނުވެއްޖެ ހާލަތެއްގައި، އަދި އެކަން ކާމިޔާބެއް ވެސް ނުވާނެ އެވެ. އޭނާ ކުރައްވަނީ ތަޖުރިބާކާރު މަކަރުވެރިން ކުރާ ކަންކަމެވެ. އެއީ ދަޅަދެއްކުމާއި، (އިންތިހާބު ކާމިޔާބުކުރަން) ހީލަތްތެރި ހުނަރުވެރި އުކުޅުތައް ބޭނުންކުރުމެވެ.
ކޮންގްރެސްގެ އަގުލަބިއްޔަތު ރިޕަބްލިކަނުންނަށް ލިބިއްޖެނަމަ، އެމެރިކާގެ ކޮންމެ މީހަކަށް 5000 ޑޮލަރު ދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބަލިވެއްޖެނަމަ އެއްވެސް އެއްޗެއް ނުލިބޭނެ އެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކަށް ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ އަދި ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ކަމެކެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. ސެޕްޓެމްބަރު މަހު ބޭއްވި ރިޕަބްލިކަން ޕާޓީގެ ހާއްސަ ކޮންވެންޝަނުގައި އޭނާ ފަހުރުވެރިކަމާއެކު ވިދާޅުވީ "އެއަށް ކިޔާނީ ޓްރަމްޕް ޑިވިޑެންޑް" ކަމަށެވެ.
"މެޑިކެއަރ ޕާޓް-ބީ ޕްރީމިއަމް" ތަކަށް އައި އިތުރުވުން ފޫބެއްދުމަށްޓަކައި، ސަރުތުހަމަވާ 20 މިލިއަނެއްހާ ދޮށީ އުމުރުގެ މީހުންނަށް 90 ޑޮލަރުގެ ރީބޭޓް ޗެކް (އަނބުރާދޭ ފައިސާ) މިހާރުވެސް ވަނީ ފޮނުވާފަ އެވެ. މިއީ އިންތިހާބުގެ ކުޑަތަންކޮޅެއް ކުރިން ބޭންކް އެކައުންޓްތަކަށް (އެއްފަހަރު) ޖަމާވާނެ ގޮތަށް ހަމަޖައްސާފައިވާ އެއްޗެކެވެ. މީގެ އިތުރުން 30 ސްޓޭޓަކުން އިތުރު އެއް މިލިއަން އެމެރިކާ މީހުންނަށް "އޮބާމާކެއަރ ރީފަންޑް" ގެ ގޮތުގައި 500 ޑޮލަރު ލިބޭނެ ކަމަށް ބެލެވެ އެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ޑީސަލާއި ގަސްކާނާގެ އަގު އިންތިހާއަށް އުފުލި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑުވެރިންނަށް 8 ބިލިއަން ޑޮލަރުގެ އެހީއެއް ދެއްވާނެ ކަމަށް މިދިޔަ މަހު ޓްރަމްޕް އޮއްސެވި ވައުދު ތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެ ފަހުން ނޯތު ކެރޮލައިނާގައި އޭނާ ވައުދުވެވަޑައިގެންނެވީ ކޭމްޕް ލެޖޫންގެ ހާދިސާއާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ބަދަލެއް ދިނުމަށެވެ. އެއީ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ނުރައްކާތެރި ކެމިކަލްތަކުން ތަގައްޔަރުވެފައިވާ ފެން ބޭނުންކުރުމުގެ ސަބަބުން މެރިން ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ބަލިތައް ޖެހުނު މައްސަލައެވެ. ނަމަވެސް އެ ބަދަލު ވެސް ދޭނީ ރިޕަބްލިކަން ޕާޓީ މޮޅުވެއްޖެނަމަ އެވެ.
"އަހަރެމެން މޮޅުނުވެއްޖެއްޔާ، ފައިސާއެއް ނޯންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ވޯޓުލާ ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމަށް އޭނާ ހީކުރައްވަނީ ހެއްޔެވެ؟ ވޯޓު ހޯއްދެވުމަށް އޭނާ ދައްކަވާ މިފަދަ ދަޅަތަކަކީ އަމަލީ ގޮތުން ނުކުރެވޭނެ، ގާނޫނާ ހިލާފު، އަދި (އަމިއްލަ އެދުމުން ފުރިފައިވާ) ދަހިވެތި އުކުޅުތަކެކެވެ. މިއީ މެދުފަންތިއާއި މަދު އާމްދަނީ ލިބޭ ފަރާތްތަކަށް އޭނާގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ފޮރުވުމަށް ޖަހާ ދުންފިނީގެ ދާވަޅެކެވެ.
ޓްރަމްޕްގެ 'ވަން ބިގް ބިއުޓިފުލް ބިލް އެކްޓް' ގެ ދަށުން ގެނައި އުނިކުރުންތަކުގެ ސަބަބުން 12 މިލިއަނެއްހާ އެމެރިކާ ރައްޔިތުންނަށް ވަނީ ސިއްހީ އިންޝުއަރެންސް ގެއްލިފަ އެވެ. އަދި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މި ބިލުގެ ދަށުން ގެންނަ އެންމެ ބޮޑެތި އުނިކުރުންތައް ތަންފީޒުވާން ފަށާނީ ވެސް މިޑްޓާމް އިންތިހާބަށް ފަހުގަ އެވެ.
މުއްސަނދިންގެ ޓެކްސް ކުޑަކުރުމުގެ ބަދަލެއްގެ ގޮތުން، 5 މިލިއަނަށް ވުރެ ގިނަ އެމެރިކާ ރައްޔިތުންނަށް ވަނީ ފެޑެރަލް (ދައުލަތުންދޭ) ކާބޯތަކެތީގެ އެހީ ކަނޑާލާފައި ނުވަތަ ކަނޑާލުމުގެ ބިރު ހީވެފަ އެވެ. އޭގެ ތެރޭގައި 2 މިލިއަނެއްހާ ކުޑަކުދިން ހިމެނެ އެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ފުޑް ބޭންކުތަކަށް އޮތް ބާރު ބޮޑުވެފައިވާއިރު، ފައިސާ ނެތުމުގެ ސަބަބުން ބައެއް ސްޓޭޓްތަކުގައި ސްކޫލްތަކުން ހިލޭ ދޭ މެންދުރުގެ ކެއުން ވެސް ދަނީ ހުއްޓެމުންނެވެ.
ވޯޓުގެ ބަދަލުގައި ފައިސާ ދިނުމަށް ވައުދުވާން ޓްރަމްޕް މާބޮޑު ލޮއެތްބެއް ކުރައްވާއިރު، އިންތިހާބަށް ފަހު ދަރަނި އަދާނުކުރާ ދަރިވަރުންގެ ފަހަތުން، ދަރަނި ހޯދާ އެޖެންސީތައް ފޮނުވުމަށް ރާވާފައިވާ (ހީލަތްތެރި) ރޭވުންތަކާމެދު އޭނާ ހުންނެވީ ހިމޭނުންނެވެ. އެމެރިކާގެ ވޮޝިންގްޓަން ސަން އިން ބުނާ ގޮތުގައި ޓްރެޒަރީ ޑިޕާޓްމަންޓުން މިހާރުވެސް ދަނީ އަމިއްލަ އެޖެންސީތައް މެދުވެރިކޮށް ދަރަނިވެރިންގެ އަތުން ފައިސާ އަތުލުމަށް މަސައްކަތް ކުރަމުންނެވެ. އެ ރޭވުމުގެ ދަށުން މުސާރައިގެ 15 ޕަސެންޓް އަތުލުމަށާއި، ޓެކްސް ރީފަންޑްތައް ހިފެހެއްޓުން ހިމެނެ އެވެ.
މިއީ ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ އެތައް މިލިއަން ރައްޔިތުންނަށް އޮތް މާލީ ބޮޑު ބިރެކެވެ. ބައިޑަންގެ ވެރިކަމުގައި މާފުކޮށްދޭން ނިންމި މި ލޯނުތައް ބާތިލުކުރީ ފިކުރީ ގޮތުން ބެހިފައިވާ އެމެރިކާގެ ސުޕްރީމް ކޯޓުންނެވެ.
ދަރަނިވެރިންގެ ހައްގުގައި މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ "ޕްރޮޓެކްޓް ބޮރޯވަރސް" އިން ހާމަކުރާ ގޮތުގައި، މި ދަރަނިވެރިންގެ ތިންބައިކުޅަ ދެބައި (2.6 މިލިއަނަށް ވުރެ ގިނަ މީހުން) ދިރިއުޅެނީ 2024 ގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތަކުގަ އެވެ. ދަރިވަރުންނަށް ހާއްސަކޮށް ދޫކޮށްފައިވާ ލޯނު، ނުދެއްކޭ މީހުން އެންމެ ގިނައީ ރިޕަބްލިކަނުންގެ ބާރުގަދަ މިސިސިޕީ، ލުއިޒިއާނާ އަދި އަލަބާމާގަ އެވެ.
ދަރިވަރުންގެ ލޯނު މާފުކުރުމަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ މުއްސަނދިންނަށް ދޭ ހަދިޔާއެއް ކަމަށް ބުނެ ރިޕަބްލިކަނުން ދައްކާ ވާހަކަތަކުގެ ހަގީގަތަކީ މިއީ އެވެ.
އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ދެކޭގޮތުގައި، އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ނަމަވެސް، އެގައުމުގެ މިޑްޓާމް އިންތިހާބު (ޓްރަންފު ނިސްބަތް ވެވަޑައިގަންނަވާ) ރިޕަބްލިކަނުން ކާމިޔާބު ކޮށްފިނަމަ، ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ އާއްމު ރައްޔިތުންނަށް ވަރަށް އަނަރޫފަ ހިތްދަތި، ދުވަސްތަކަކަށެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online