އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް
1. ތައާރަފާއި މުހިއްމު ބައެއް ނުކުތާތައް
ހަމްދުހުރީ ގަދަ ކީރިތިވަންތަ ﷲ އަށެވެ. އަޅަމެން ހަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނ،ީ ތައުބާވެ އެކަލާނގެ ހަޒްރަތަށެވެ. އަޅަމެންގެ ނަފުސުތަކާއި އަމަލުތަކުގެ ނުބައިކަމުން الله ތައާލާގެ ހަޒްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިހްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިހްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދެއްކޭނޭ ފަރާތެއް ނުވެއެވެ. އެއިލާހަށް ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް الله ފިޔަވައި ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަސްހާބުންނާއި ތާބީންނަށް ސޮލަވާތް ލައްވާށި. އާމީން.
މި މައުލޫއަކީ މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ފިކުރުތައް ހުއްޓިފައިވާ ދިމާއެކެވެ. ހަމައެކަނި އާއްމުންނެއް ނޫނެވެ. ދީނިއްޔާތު ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މެއެވެ. ސަބަބަކީ މައުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތަކުގެ ޒަރީއާއިން ދީނީ ހުކުމްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ދިއުމެވެ. އަދި އެކެއްގެ ބުނުމާއި އަނެކާގެ ބުނުމާއި ދެމެދުގައި ބައެއް ފަހަރަށް ތަފާތުވާ ތަފާތުވުމަކީ އޮޅުންބޮޅުންތަކަށް މަގުފަހިވާ ސަބަބެއްކަމުގައި ވެފައިވުމެވެ. ވަކީން ހާއްސަކޮށް ފިގުހީ ހިލާފުވުންތަކުގެ ސަބަބުތަކާއި ގޮތްތައް ނޭނގޭ އާންމުންގެ ތެރޭގައެވެ. މި ސަބަބަށްޓަކައި މުސްލިމުންގެ އެތައް ބައެއްގެ ހިޔާލު ހުއްޓިފައިވާ މި މައުލޫއަށް އިންސާފުކޮށްލުމީ ވަރަށް މުހިންމު ކަމެކެވެ.
الله ތަބާރަކަ ވަތައާލާ މި އުންމަތަށް ދެއްވާފައިވާ ނިއުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ނިއުމަތަކީ މި ދީނުގެ އަސްލުތަކާއި މަސްދަރުތަކާމެދު މުސްލިމުންގެ މެދުގައި އެއްވެސް ހިލާފެއް ހިޔާލު ތަފާތުވުމެއް ނެތް ކަމެވެ. އަސްލުގައި ހިލާފުތައް ހުރީ މުސްލިމުންގެ ހަގީގީ އެއްބައިވަންތަކަމަށް ބުރުލެއް ނާރާނެފަދަ ކަންކަމުގައެވެ.
الله ﷻ ކީރިތި ރަސޫލު ﷺ ފޮނުއްވީ ހިދާޔަތާއި ހައްގު ދީނައިގެންކަމީ މާތް الله ގެ ފޮތާއި އެކަލާނގެ ރަސޫލު ﷺ ގެ ސުންނަތުގެ އަލީގައި އެންމެހާ މުސްލިމުން ޔަގީންކުރާ ކަމެކެވެ. މިފަދައިން ގަބޫލުކުރުމުން އެ އިގުރާރުވެވެނީ އެހެން މީހަކަށް ބަޔާންކޮށްދޭން ނުޖެހޭނޭހާ ސާފުކޮށް އެކަލޭގެފާނު މި ދީން ބަޔާންކޮށްދެއްވާފައިވާކަމެވެ. އެހެނީ ހިދާޔަތު، ހުރިހާ މާނައެއްގައި ވެސް ފުރެދުންތައް ނަފީކުރެއެވެ. އަދި ހައްގު ދީން ހުރިހާ ބާތިލު ދީންތަކެއް ނަފީކުރެއެވ.ެ އެކަލޭގެފާނު ފޮނުއްވުނީ ހިދާޔަތާއި ހައްގު ދީނާއިގެންނެވެ.
ކީރިތި ރަސޫލު ﷺ ގެ ޒަމާނުގައި މީސްތަކުން ކަމަކާއި މެދު ހިލާފެއް އުފެދިއްޖެ ނަމަ ހުކުމްކުރުމަށްޓަކައި ކީރިތި މާތް ނަބިއްޔާގެ އަރިހަށް ދިއުމުން އެކަލޭގެފާނު އެކަމުގެ ހުކުމް އިއްވަވައެވެ. އެމީހުންގެ މެދުގައި ހިލާފު އުފެދުނީ ކީރިތި ގުރުއާނުން އާޔަތަކާއި މެދުގައި ނަމަވިޔަސް ނުވަތަ ހުކުމް ބާވާނުލައްވާ އޮތް މައްސަލައަކާއި މެދުގައި ކަމަށް ވިޔަސްމެއެވެ. އެހެންނަމަ އެހިނދުން الله ﷻ އެކަންކަމުގެ ހުކުމްތައް ބާވާލައްވައެވެ. އެހެންވެގެން ކީރިތި ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި [އެމީހުން ކަލޭގެފާނާއި އެވެނި ކަމަކާއި މެދު ސުވާލުކުރެއޭ] މިފަދައިން އައިސްފައިވެއެވެ. ދެން الله ﷻ އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ކީރިތި މާތް ނަބިއްޔާއަށް އަންގަވައި، އެ ހުކުމްތައް މީސްތަކުންނަށް ބަޔާންކުރެއްވުމަށް އަމުރުކުރައްވައެވެ. މީގެ މިސާލަކީ ސޫރަތުލްމާއިދާގެ 4 ވަނަ އާޔަތާއި ސޫރަތުލްބަގަރާގެ 189 އަދި 217 އަދި 219 ވަނަ އާޔަތާއި ސޫރަތުލްއަންފާލްގެ 1 ވަނަ އާޔަތާއި މިނޫންވެސް މިފަދަ އާޔަތްތަކެވެ.
ނަމަވެސް ރަސޫލު ﷺ ސުވަރުގެވަޑައިގަތުމަށްފަހު އެ ދޮރު މުސްލިމުންނަށް ބަންދުވެގެން ދިއުމާއި އެކު ބައެއް މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ހިލާފުތައް އުފެދިފައިވެއެވެ. އެހެނަސް އެއީ ސަރީއަތުގެ އަސްލުތަކާއި ތަރަހަތަކުގެ މެދުގައެއް ނޫނެވެ. އެއްވެސް ސައްކެތް ނެތި އަހަރެމެން އެންމެން ވެސް ގަބޫލުކުރާ ގޮތުގައި އެބޭފުޅެއްގެ އިލްމާއި އަމާނާތްތެރިކަމާއި ދީންވެރިކަމާ މެދު އިތުބާރުލިބިފައިވާ އެއްވެސް އިލްމުވެރިއަކު ކީރިތި ގުރުއާނާއި ސުންނަތުން ފުރިހަމައަށް ސާފުވާން އޮތް ކަމަކާއިމެދު ގަސްދުގައި ހިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ އިލްމުވެރިކަމާއި ދީންވެރިކަމުން ސިފަލިބިއްޖެ މީހެއްގެ އަމަލުތަކުގެ ހުންގާނަކީ ހައްގެވެ. އެމީހެއްގެ އަމަލުތަކުގެ ހުންގާނުކަމުގައި ހައްގު ގޮތް ހަދައިފި މީހަކަށް މާތް الله ހައްގު ގޮތް ތަނަވަސްކޮށްދެއްވާނެއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ.
وَلَقَدْ يَسَّرْنَا الْقُرْءَانَ لِلذِّآْرِ فَهَلْ مِن مُّدَّآِرٍ - (سورة القمر الآية 17)
މާނައީ: އަދި ހަމަކަށަވަރުން ހަނދާންކުރުމަށްޓަކައި (ގުރުއާން ދަސްކޮށް އާޔަތްތަކާއި މެދު ފިކުރު ހިންގުމަށްޓަކައި) ތިމަންރަސްކަލާނގެ ގުރުއާން ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދާންކުރާނޭ (އެ ގުރުއާނުގެ އާޔަތްތައް ކިޔަވާ ދޭހަކޮށް ފިކުރުކޮށް މަންފާ ލިބިގަންނާނޭ) މީހަކު އެބަހުރިހެއްޔެވެ؟ އެބަހ:ީ ގުރުއާން (މާނައާއި އެކު) ދަސްކޮށް އާޔަތްކާއި މެދު ފިކުރު ހިންގާ މަންފާ ލިބިގަންނަ މީހަކަށް އެ ގުރުއާން ތިމަންރަސްކަލާނގެ ފަސޭހަކޮށްދެއްވީމެވެ. އެހެން އާޔަތެއްގައިވެއެވެ.
فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى - (سورة الليل الآية 5-7)
މާނައީ: އަދި ތަގުވާވެރިވެ އެމީހެއްގެ މުދަލުން ޒަކާތްދީ އަދި އެކަމުގެ ހެޔޮ ޖަޒާ މާތް الله ދެއްވާނެކަން ޔަގީންކޮށްފި މީހާއަށް ހެޔޮ ކަމުގެ މަގުތައް ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވާހުށީމެވެ.
ނަމަވެސް ހަމަ މިފަދަ އިލްމުވެރިންގެ ކިބައިން ވެސް الله ﷻ ގެ ހުކުމްފުޅުތައް ބަޔާންކުރެއްވުމަގައި ކުށްކުރެވުމަކީ އެކަށީގެންވާ ކަމަކެވެ. އެއީ އެކަން ވާނޭ ވެސް ގޮތެވެ. އެހެނީ އިންސާނާ ވަނީ الله ﷻ ސިފަކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ.
وَخُلِقَ ٱلْإِنسَـٰنُ ضَعِيفًۭا - (سورة النساء الآية 28)
މާނައީ: އަދި އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ. ވުމާއެކު އިންސާނާއަކީ އެނގުމާއި ދެނެގަތުމުގައި ބަލިކަށި އެއްޗެކެވެ. އިލްމުތައް ދިރާސާކުރުމާއި ވަށާޖެއްސުމުގައި ވެސް ހަމަ އެފަދައެވެ. އެހެންވީމާ ބައެއް ކަންކަމުގައި ކޮންމެ އިންސާނެއްގެ ކިބައިންވެސް ކުށްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އިލްމުގެ އަހުލުވެރިން ހުކުމްތައް ބަޔާންކުރެއްވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ހިލާފުވެވަޑައިގަނެވުމުގެ ސަބަބުތަކަކީ ހިކި ފަސްތަނެއް ފެންނަން ނެތް ކަނޑެއް ފަދަ ފުން ވާހަކަތަކެކެވެ.
ނަމަވެސް މި ލިޔުމުގައި އަލި އަޅުވާލެވިފައި ވަނީ އެ ފުން މައުލޫގެ މައިގަނޑު ހަތް ސަބަބެއްގެ މައްޗަށެވެ.
( [ކުރިއަށް] އޮތް ސޮފްހާ ބައްލަވާ )
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online