'މައްސަލަ' ހައްލުކުރަން އޮޕަރޭސަން ކުރަނގި ނަމުގައި ބިދޭސީންގެ އިނގިލީގެ ނިސާން ނަގަން ފަށައިފި

މެއި 3, 2024 - 03:47
 0

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި ބިދޭސީންގެ އިނގިލީގެ ނިސާނާއި ފޮޓޯ ނެގުމުގެ މަސައްކަތްތަކެއް ދާހިލީ ވުޒާރާއިން ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ މިއަދު މި ފެށި އޮޕަރޭސަނުގެ މަގުސަދަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.

" 'އޮޕަރޭޝަން ކުރަނގި' އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު، ސައްތަ އިން ސައްތަ ބައޯމެޓްރިކަލީ ކަށަވަރުކުރުމަށް، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގޭ ގައުމީ ފެންވަރުގެ ހަރަކާތެއް" ކަމަށާއި، މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މި ކަމުގެ ބެކްގްރައުންޑް މަސައްކަތްތައް ވަރަށް ބޮޑަށް ކޮށްފައިވާނެ ކަމަށާއި އަދި އެ މައްސަލައިގެ އަސްލު ދެނެގަނެ، އެ މައްސަލަ ދާއިމީކޮށް ހައްލު ކުރާނެ ޕްލޭނެއް ކަނޑައަޅާފައިވާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

މިއަދު ހިންމަފުށީގައި ފެށި މި އޮޕަރޭސަނުގެ ފުރަތަމަ ބައިއެއް އަހަރުގެ ތެރޭގައި ނިންމައި، މި މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ނިންމައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭރު މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބޭރު މީހުން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ފުރަތަމަ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމާއި އެމީހުންގެ ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ ކަމަށް ވިދާޅުވެ "ކ. އަތޮޅު ހިންމަފުށީގައި މި ވަގުތު މި ފެށުނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން މި ސިސްޓަމުގެ ތެރެއަށް އެމީހުންގެ ފިންގަރ ޕްރިންޓާއި (އިނގިލީގެ ނިސާނާއި) ފޮޓޮގްރަފިކް އައިޑެންޓިފިކޭސަން (ފޮޓޯ އާއި) އެއްކޮށް ބައޯމެޓްރިކް ޑާޓާއާ އެއްކޮށް އެމީހުންގެ މައުލޫމާތު އަޅުގަނޑުމެންގެ ސެންޓްރަލް ސިސްޓަމަށް ނެގުމުގެ މަސައްކަތް" ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.

އެކެއްގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ހުންނަ މީހަކު އަނެއް ކުންފުންޏަށް މަސައްކަތް ކުރުމަކީ ގަވައިދާ ހިލާފު ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި އިޖުތިމާއީ މައްސަލަތަކާއި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ "ޖެހިގެން އަންނަ ދެ އަހަރު ތެރޭ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ މީގެ ތެރޭގައި އެބަ އުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް މީހުން، ޕަސްޕޯޓެއް ނެތް މީހުން، ވޯކް ޕާމިޓުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް މީހުން އެމީހާ އަކީ މިވެނި މީހެއް ކަން ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން ސާބިތު ކޮށް ނުދެވޭ މިހުން އެބައުޅޭ" ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ޖެހިގެން އަންނަ 2 އަހަރު ކުރާ މަސައްކަތުގެ ތަފްސީލެއް ނުދެއްވައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ބިދޭސީންގެ ބައޯމެޓްރިކް އައިޑެންޓިފިކޭސަނެއް ހަދައި ސިސްޓަމުގެ ތެރެއިން ދެނެގަނެވޭނެ ނިޒާމު ގާއިމު ކުރައްވާނެ ކަމަށާއި، އަދި ދެނެނުގަނެވޭނަމަ އެ ބިދޭސީއެއް ނިސްބަތްވާ ގައުމުގެ އެމްބަސީއާއި ގުޅިގެން އެ ޑޮކިއުމެންޓުތައް ހޯދޭނެ ކަމަށާއި، އޮޕަރޭސަނުގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ޖިނާއީ ކުށަކަށް އަރައިގަނެފި ނަމަ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކޮށްލާނެ ކަމަށާއި، މި އޮޕަރޭސަނުން ހޯދާ މައުލޫމާތު ރައްކާކުރާ ޑޭޓާބޭސް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޭނުންކުރެއްވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"މި ޕްރޮސެސް މިގޮތަށް ކުރިއަށްދާކަމަށްވާނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ" ކަމަށް ވަޒީރު ވިދާޅުވި އިރު، ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބިދޭސީންގެ ދަފްތަރު ފޮރުވައި ނުވަތަ ނައްތާލާފައިވާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކާއި އާންމުންވެސް މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން މި ސަރުކާރުގެ މަގްސަދު ތެދުވެރި ނޫންކަމަށް އަޑު އުފުލަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.