ހައްޖު ކޯޕަރޭޝަންގެ އާ ތަސައްވުރާއި އެކު އެ އޮފީސް އިމާރާތުގެ ބިންގާ އެޅުން

ވީހާވެސް ކުޑައަގެއްގައި ހައްޖަށްދިއުމަށް މަގުފަހިކުރުމަށް ކުންފުނީގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ތަސައްވުރާއި އެކު ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުން

ސެޕްޓެންބަރު 15, 2024 - 17:09
 0
ހައްޖު ކޯޕަރޭޝަންގެ އާ ތަސައްވުރާއި އެކު އެ އޮފީސް އިމާރާތުގެ ބިންގާ އެޅުން
ހައްޖު ކޯޕަރޭޝަންގެ އާ ތަސައްވުރާއި އެކު އެ އޮފީސް އިމާރާތުގެ ބިންގާ އެޅުން

ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ބޭނުމާއި މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއިއެކު ހައްޖަށް އަދި އުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ.

މިގޮތުން ދިވެހި ރައްޔިތުން ވީހާވެސް ކުޑައަގެއްގައި ހައްޖަށް ދިއުމަށް މަގުފަހިކުރުމަށްޓަކައި، ހައްޖު ކޯޕަރޭޝަންގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ތަސައްވުރާއި އެކު ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މި މަހު 14 ވަނަ ދުވަހު ވަނީ އަޅާފައެވެ.

ހައްޖު ކޯޕަރޭޝަންގެ އިމާރާތެއް އެޅުމަށް 2022 ވަނަ އަހަރު ޖޫންމަހު ހައްޖު ކޯޕަރޭޝަނާއި އެޗްޑީސީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް އެކަން ކުރިއަށް ގޮސްފައި ނުވުމަކީ ހައްޖު ކޯޕަރޭޝަން މިއަދާއި ހަމައަށްވެސް އަމިއްލަ ފަރާތެއްގެ އިމާރާތުގައި ހިންގަންޖެހިފައިވާ ސަބަބުކަން ފާހަގަކޮށްލެވެއެވެ. 8 ބުރީގެ އެ އިމާރާތް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އޯކް އިމާރާތުގެ ކުރިމަތިން އޮންނަ 5000 އަކަފޫޓުގެ ބިމުގައެވެ.

ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތަކީ 9 ފަންގިފިލާ ހިމެނޭ އިމާރާތެކެވެ. މި އިމާރާތް އަޅަނީ ކުރިންވެސް ކަނޑައެޅިފައިވާ ތަނުގައި ހަމަ އެ ބިމުގައެވެ. މި ޕްރޮޖެކްޓަށް 79 މިލިއަން ރުފިޔާ ހޭދަވާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ލަފާކުރެއެވެ. ހައްޖު ކޯޕަރޭޝަނުން ވިސްނާފައި އޮތީ އެ އިމާރާތުގެ ފަންގިފިލާތައް ކުއްޔަށްދީގެން އާމްދަނީ ހޯދާށެވެ.

ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ، ކުޑަ ކުންފުންޏެއް ނޫންކަމަށާއި، އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދޭވަރުގެ ކުންފުންޏެއް ކަމަށެވެ. 

ހުރިހާވެސް އަމާޒަކީ ދައުލަތުގެ ފައިސާއަށް ބަރޯސާވުން ކުޑަކޮށް ދިވެހި ރައްޔިތުން ވީހާވެސް ކުޑައަގެއްގައި ހައްޖަށް ދިއުމަށް މަގުފަހިކުރުން - ޝަކީލް

އިރާދަ ކުރެއްވިއްޔާ މިއީ އެ މަސައްކަތުގެ ފެށުން. ކުރިއަށް މި އޮތް މަދު ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ތިޔަބޭފުޅުންނަށް ފެނިގެންދާނެ ހައްޖު ކޯޕަރޭޝަނުން ރާވާފައި ހުރި މަސައްކަތްތަކުގެ ތެރެއިން - ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ތެރޭ ހައްޖު ކޯޕަރޭޝަން ހިންގަމުން އައިސްފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނި ހިންގަމުންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ސަރުކާރަށް ބަރޯސާ ނުވެ ހިންގޭ ވަރުގެ ތަނަކަށް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ވިދާޅުވިމަގުން ކަންކަން ކުރުމަށް ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން އެކުންފުނިން އަންނަނީ އުމްރާގެ ހިދުމަތްތައްވެސް ފޯރުކޮށްދެމުންނެވެ. ޝަކީލް ވިދާޅުވީ ހައްޖާއި އުމްރާގެ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވުމަކީ ރައީސްގެ އެދިވަޑައިގަތުމެއް ކަމަށާއި، ކުންފުނީގެ އެންމެހާ ހިދުމަތްތަކެއް އެ މަގުން ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.