ހަމައެކަނި އެއްބައިވަންތަކަމުގެ ބަސްތަކުން ފުއްދާނުލައި އަމަލީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

އަނިޔާ ލިބޭ ފަރާތްތަކުގެ އަޑުއަހައި، އަނިޔާވެރި އަމަލުތަކާ ދެކޮޅުހަދައި، އެއްބައިވަންތަކަން އަމަލީ ސިފައަކަށް ބަދަލުކުރުމަށް ސާޖިދާ މުހައްމަދު މުޖުތަމައަށް ގޮވާލައްވައިފި

ނޮވެންބަރު 25, 2026 - 14:10
އަދާހަމަވެއްޖެ: 2 ދުވަސްތައް ކުރިން
ހަމައެކަނި އެއްބައިވަންތަކަމުގެ ބަސްތަކުން ފުއްދާނުލައި އަމަލީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި
އަންހެނުންނާއި ކުދީންނަށް ކުރާ އަނިޔަލާއި ދެކޮޅަށް ތެދުވުމުގެ ހިޔާލީ ތަސްވީރެއް

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް ބިރުވެރިކަމާއި އަނިޔާ އަދި ތަފާތުކުރުމެއް ނެތި ދިރިއުޅެވޭނެ މާހައުލެއް ކަށަވަރުކުރުމަށްޓަކައި، ހަމައެކަނި އެއްބައިވަންތަކަމުގެ ބަސްތަކުން ފުއްދާނުލައި އަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުޖުތަމައަށް ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމަކީ ހަމައެކަނި އެއް މުއައްސަސާއަކަށް ނުވަތަ ވަކި ބަޔަކަށް ދޫކޮށްލެވޭނެ ޒިންމާއެއް ނޫން ކަމަށެވެ. އެކަމަށްޓަކައި ހިތްވަރާއި، އެއްބާރުލުމާއި، އަދި އެއްވެސް ސިފައެއްގައި އަނިޔާވެރިކަން ބަލައިނުގަތުމުގެ އެންމެންގެ އަޒުމު ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ގުޅޭ ކޮންމެ ބަހުސެއްގެ ފަހަތުގައި ވަނީ، އަބަދު ބޭރުފުށުން ނުފެންނަ ގޮތްގޮތަށް ދިރިއުޅުމަށް އަސަރުކޮށްފައިވާ އެތައް ފުރާނައެކެވެ. އަނިޔާ ލިބޭ ގިނަ ފަރާތްތަކަށް، އަނިޔާ ހުއްޓުނު ކަމުގައި ވިޔަސް އެކަމުގެ ވޭނާއި ތަކުލީފު ނިމުމަކަށް ނާދެއެވެ. މީހުން ފާޑުކިޔާފާނެތީއާއި، ގަބޫލުނުކޮށްފާނެތީއާއި، ކުށްވެރިކޮށްފާނެތީ ނުވަތަ ނުބައިކޮށް މާނަކޮށްފާނެތީ އުފެދޭ ބިރުވެރިކަމުގެ ސަބަބުން، އެ ވާހަކަ ދެއްކުމަކީ އަނިޔާ ތަހައްމަލުކުރުމެކޭ އެއްފަދަ އުނދަގޫ ކަމަކަށް ވެއެވެ. ބައެއް ހާލަތްތަކުގައި، ވަށައިގެންވާ މީހުންގެ ފަރާތުން ފެނިދާނެ އަމަލުތަކަށް ބިރުން، ހަނުހުރުމަކީ ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތް ކަމުގައި ވެގެންދެއެވެ.

އަނިޔާ ލިބޭ ފަރާތްތަކާމެދު ގޮތް ނިންމުމެއް ނެތި އެމީހުންގެ އަޑުއެހުމަށް ގޮވާލައްވައި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަމާއި ވިސްނުންތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ހިތާބުގައި އަލިއަޅުއްވާލައްވާފައިވަނީ ވަރަށް ސާދާ، ނަމަވެސް ގިނަ ފަހަރަށް ހަނދާންނެތޭ ހަގީގަތަކަށެވެ. އެއީ، އަނިޔާގެ ވާހަކަ ދެއްކުމުގެ ހިތްވަރު މީހަކު ހޯދާ ހިނދު، އެހީތެރިކަމަށް އެދިގެން ދާ މީހުންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއުކުރަން ޖެހިގެން ނުވާނެ ކަމެވެ.

ގޮތް ނިންމުމެއް ނެތި އަޑުއެހުމަކީ ހަމައެކަނި ހަމްދަރުދީ ފާޅުކުރުމަށްވުރެ މާ ފުޅާ ކަމެކެވެ. އޭގެ މާނައަކީ އަނިޔާ ލިބޭ ފަރާތްތަކުގެ ވާހަކަތައް ސީރިއަސްކަމާއެކު ބަލައިގަނެ، އެމީހުންގެ ތަޖުރިބާތައް ދޮގުނުކޮށް، އަދި އެހީތެރިކަމަށް އެދުމަކީ ލަދުވެތިވާންޖެހޭ ނުވަތަ ކުށްވެރިވާންޖެހޭ ކަމަކަށް ނުވާނެ މާހައުލެއް ބިނާކުރުމެވެ. ހަމައެއާއެކު، އެހީތެރިކަން ބައްޓަންކުރަންވާނީ މުޖުތަމައުގެ އުންމީދުތަކާއި ހީކުރުންތަކުގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެންކަން ގަބޫލުކުރުމެވެ.

އިންސާފު ހޯދުމަށް ހުރި ފުރުސަތުތައް ހަރުދަނާކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް ސާޖިދާ މުހައްމަދު ގޮވާލެއްވިއެވެ. މިގޮތުން ޖަވާބުދާރީވާންޖެހެނީ ހަމައެކަނި ކުށްކުރާ ފަރާތްތައް ނޫން ކަމަށާއި، މުއައްސަސާތައްވެސް ޖަވާބުދާރީވާންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވައުދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށްޓަކައި މިއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކަށް ހައްލު ހޯދުމުގައި އެންމެ މުހިންމު އަސާސަކީ ޖަވާބުދާރީވުމެވެ. އަނިޔާވެރި އަމަލުތަކަކީ މުޖުތަމައުން ހިމޭނުން ބަލައިގަންނަ، އުޒުރު ދައްކާ ނުވަތަ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަމަކަށް ވެގެން ނުވާނެއެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ ކުށްވެރިންނަށް ނުބައި ގޮތުގައި ހަމްދަރުދީވުމުގެ ސަބަބުން ނުވަތަ ހިތްހަމަނުޖެހޭ ހަގީގަތްތަކާ ކުރިމަތިލާން ފަސްޖެހުމުގެ ސަބަބުން ނަމަވެސް، އަނިޔާއަށް އަޅާނުލާ ސަގާފަތެއް އޮތުމަކީ އެކަން އިތުރަށް ދެމިއޮތުމަށް މަގުފަހިވާނެ ކަމެކެވެ.

އަނިޔާވެރި އަމަލުތައް އާދައިގެ ކަމެއްގެ ގޮތުގައި ދެކުމާ ދެކޮޅުހެދުމަށް އެކަމަނާ ގޮވާލެއްވި ގޮވާލެއްވުމުން ދައްކުވައިދެނީ، މުޖުތަމައުގެ ވިސްނުން ބައްޓަންކުރުމުގައި ކޮންމެ މީހަކުވެސް އަދާކުރާ ދައުރެވެ. މި ޒިންމާ ގޭތެރެއާއި، މަސައްކަތުގެ މާހައުލާއި، މުޖުތަމައުތަކާއި، އަދި ދުވަހުން ދުވަހަށް އޮންނަ ގުޅުންތަކަށް ފުޅާވެގެންދެއެވެ. އެ ތަންތަނުގައި އިހުތިރާމާއި ކަރާމާތާއި ހަމަހަމަކަން ފެންނަންޖެހޭނީ ހަމައެކަނި އުސޫލެއްގެ ގޮތުގައި ނޫން ކަމަށާއި، އަމަލުތަކުން އެކަން ދައްކުވައިދޭންޖެހެއެވެ.

16 ދުވަހުގެ ހަރަކާތްތައް ކުރިއަށްދާއިރު، އަނިޔާ ލިބޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމާއި، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކޮށް ރަނގަޅުވުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް ހާއްސަ އިސްކަމެއް ދެއެވެ. ހިމާޔަތާއި އިންސާފަކީ ނުހަނު މުހިންމު ދެ ކަންތައް ކަމުގައި ވިޔަސް، އަނިޔާ ލިބުނު ފަރާތްތަކަށް އަލުން ރައްކާތެރިކަމާއި، ކަރާމާތާއި، އަދި އަމިއްލަ ދިރިއުޅުމުގެ ބާރު ހޯދުމުގެ ފުރުސަތު ލިބެންޖެހޭނެކަން ގަބޫލުކުރުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ތަސައްވުރަކީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަކަމާއެކު ތެދުވެ، އުފާވެރި އަދި ކަރާމާތްތެރި ދިރިއުޅުމެއް އުޅެވޭނެ މުޖުތަމައެއް ބިނާކުރުމެވެ. އެ ތަސައްވުރު ހާސިލުކުރުމަށްޓަކައި، ހަބަރުތަކުގެ ސުރުހީތަކަށް އަނިޔާގެ ވާހަކަ އަރާ ވަގުތު އެކަން ކުށްވެރިކުރުމަށްވުރެ މާ ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެކަމަށްޓަކައި ގެއްލުންދެނިވި ވިސްނުންތަކާ ދެކޮޅަށް ތެދުވެ، އަނިޔާއެއް ފެންނަ ހިނދު ނުވަތަ އެކަމަށް އުޒުރު ދައްކާ ހިނދު އަޑުއުފުލައި، އަދި މީހަކު އެހީތެރިކަމަށް އެދޭ ވަގުތު އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

މި ކެމްޕޭން 16 ދުވަހަށް ދެމިގެންދިޔަ ނަމަވެސް، މި ކެމްޕޭނުން އުފުލާ ޒިންމާއަކީ ކަލަންޑަރުގެ ދުވަސްތައް ބަދަލުވުމާއެކު ނިމުމަކަށް އަންނާނެ ކަމެއް ނޫނެވެ. މުޖުތަމައުގެ އަޒުމުގެ ހަގީގީ މިންގަނޑަކަށް ވާނީ، ކޮންމެ ދުވަހަކުވެސް އަނިޔާ ލިބޭ ފަރާތްތަކާމެދު އަމަލުކުރެވޭ ގޮތާއި، އެމީހުންގެ އަޑު އިވޭ މިންވަރާއި، އިންސާފު ލިބެން ހުރި މިންވަރާއި، އަދި އަނިޔާވެރި އަމަލުތައް ބަލައިގަތުމުގެ ބަދަލުގައި އެކަމާ ކުރިމަތިލާ މިންވަރެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރަން ފެށެނީ، އަޑުއެހުމުގެ ސައުގުވެރިކަމާއި، އަމަލީ ފިޔަވަޅު އެޅުމުގެ ހިތްވަރާއި، އަދި އަނިޔާއަކީ ހަމައެކަނި ތަހައްމަލުކުރަންޖެހޭ އެއްޗެއް ކަމުގައި އެއްވެސް އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް އިހުސާސްވިޔަ ނުދިނުމަށް ކުރާ އަޒުމާއެކުގައެވެ.