ދަރަނި ދަންތުރައިން މިންޖުވުމަށް 970 މިލިއަން ޑޮލަރު ދައްކައިފިން: ރައީސް މުއިއްޒު
ސާޅީސް ދުވަސް ތެރޭ 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފި؛ ރައީސް ދެއްވީ ދަރަަނި ދަންތުރައިން ސަލާމަތްކުރައްވާނެ ކަމުގެ ޔަގީންކަން
ދިވެހި ރައްޔިތުން ދަރަނި ދަންތުރައިން ސަލާމަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވަމުން ވިދާޅުވީ، ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި މި ސަރުކާރުން 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިއަދު ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ސަރުކާރުން އަދާކުރި ކަމަށެވެ. މިއީ 2019 ވަނަ އަހަރު އެކި ފަހަރު މަތިން އިންޑިޔާއިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން މިއަދު (11 މެއި 2026 ގައި) ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ކަމަށެވެ.
"އެގާރަ މޭގައި ޕޭކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރުވެސް އަަޅުގަނޑުމެން މިއަދު ހެނދުނު ސެޓްލްކޮށްފިން. އެހެންވީމާ ޖުމްލަ ވޭތުވެދިޔަ 40 ދުވަސް ތެރޭގައި 970 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި އަޅުގަނޑުމެން ދައްކައި ހަލާސްކޮށްފިން" ރައީސް
ކުރީ ސަރުކާރުންވަނީ 17 މާޗު 2019 ގައި، އަދި 26 ޖޫން 2019 ގައި އަދި 1 އޮކްޓޯބަރު 2019 ގައި ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން ދަރަންޏަށް ނަގާފައިވާ ކަމަށާއި، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަަށް އެއިރުގެ ސަރުކާރުން އެ ފައިސާ ދެއްކުން ފަސްކުރަމުންދިޔަ ކަމަށް ރައީސް ހާމަ ކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން 2024 ވަނަ އަހަރުގައި އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަދާކުރުމަށްފަހު ބާކީ 100 މިލިއަން ޑޮލަރު ރޯލްއޯވާ ކުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު އެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު 17 ސެޕްޓެންބަރު 2026 ވަނަ ދުވަހުގައި އަދާކުރަން ޖެހޭތީ އެވެސް ދައްކަވާނެ ކަމަށެވެ.
ދިވެހި ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް، އަދި ރާއްޖޭގެ ތަސައްވުރު ބޭރުގެ ދުނިޔޭގައި ކިލަނބުވާ ގޮތަށް ވާހަކަދައްކަވާތީ ހިތާމަކުރައްވާކަމަށް ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ "އަދި ހައިރާންވާ އަނެއް ރީޒަނަކީ ސަބަބަކީ އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑުމެން މިދަނީ ދައްކަމުން. ދައްކާތީވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއްނުވޭ ކޫލް ކަމެއްހެން. ދެން އެހެންނަމަވެސް އެބަޔަކަށް އެނގޭނީ އެބަޔަކު ވާހަކަދައްކާނެ ގޮތެއް" ކަމަށެވެ.
މި ސަރުކާރަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލުމެއް ނެތި ރައްޔިތުންނަަށް ހާމަކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަަޅުވާފައިވާ ދަރަނިން އެ ރައްޔިތުން ސަލާމަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online