ރާއްޖޭގެ ގާނޫނީ ހަޔާތަށް 92 އަހަރު - މެޑިކަލް ނެގްލިޖެންސް ގާނޫނެއް އަދިވެސް ނެތް!

މެއި 18, 2024 - 05:20
 0

ގދ. ފަރެސްމާތޮޑާ އަހްމަދު އިހްސާން، އޭނަގެ 3 އަހަރުގެ ދަރިފުޅު އައިޝަތު އިޔާން ހުންއައިސްގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން (ޑރ. ޕަވާލް) ބައްލަވާފައި އިންފެކްޝަނެއް ހުރުމުން، (ޖެންޓަމިސިން ކިޔާ) ބާރުގަދަ އެންޓިބަޔޯޓިކެއް އެ ކުއްޖާއަށް ދެއްވިއެވެ. އޭގެ ފަހުން އެ ކުއްޖާ ކަންފަތް ބީރުވެ އަޑު އިވުމުގެ ނިއުމަތުން މަހުރޫމް ވެގެން ދިޔައެވެ.

އެއީ 2007 ވަނަ އަހަރެވެ. ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވި އެ މައްސަލަ، ކަމާބެހޭ ހުރިހާ ވުޒާރާތަކަށް އިހުސާން ހުށަހެޅިއެވެ. އަޅާ ނުލުމުން، އެރަށު ކޯޓަށްވެސް ހުށަހެޅިއެވެ. މައްސަލަ ނިމިގެން ދިޔައީ އިހުސާނާއި ދެކޮޅަށް، ޑޮކްޓަރާއި ހޮސްޕިޓަލުގެ އިހުމާލެއް ނެތް ކަމަށެވެ. އިހުސާން އެ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ހުކުން އައީ ހަމަ އެގޮތަށެވެ؛ މެޑިކަލް ނެގްލިޖަންސެއް ނެތް ކަމަށެވެ.

އައިޝަތު އިޔާންގެ މުސްތަގުބަލް ބަދަލުވެ ބަނަވެގެން ދިޔަ އެ އިހުމާލުގެ އިންސާފު ހޯދަން އިހުސާންގެ ހުރިހާ ވަގުތަކާއި ރައްކާކުރެވިފައި ހުރި ފައިސާކޮޅު ގުރުބާން ކުރަން ފަސްޖެހުމެއްނެތި،  ރާއްޖޭންނާއި ރާއްޖެއިން ބޭރުގެ މާހިރުންނަށް ކުރިންހެދި ޓެސްޓުތަކާއި ރިޕޯޓުތައް ދައްކައި، އިތުރު ޓެސްޓުތައް ހަދައި އިހުމާލެއް އޮތްތޯ ނެތްތޯ ކަށަވަރުކުރިއެވެ. އަދި އެ އެންމެންގެ ލަފަޔާއި ރިޕޯޓުތަކާއި އެކު އޭނާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.

އެތައް އަހަރު ތަކަކަށް ދިގުދެމިގެންދިޔަ އެ މައްސަލައިގެ ހުކުން، 25 ޖުލައި 2019 ގައި ސުޕްރީމް ކޯޓުން އިއްވިއެވެ. 12 އަހަރުވީ އެ މައްސަލައިގެ ހުކުން އައީ ދައުލަތާއި ދެކޮޅަށް، އިހުސާނާއި އެއްކޮޅަށެވެ. އައިޝަތު އިޔާނަށް ފަރުވާ ދިނުމުގައި އިހުމާލު ވެފައިވާ ކަމަށް ކަނޑައަޅައި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައިކޯޓުން އިއްވާފައިވާ ހުކުންތައް ބާތިލުކޮށް، އިޔާނަށް ލިބުނު އިޔާދަ ނުކުރެވޭނެ ގެއްލުމުގެ ބަދަލާއި، ނަފްސާނި ގެއްލުމުގެ ބަދަލާއި، އިހުސާނަށްވި މާލީ ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 7،119،100 (ހަތް މިލިޔަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ) ރުފިޔާ ދައުލަތުން ދިނުމަށެވެ.

މި ހުކުން ވެގެން ދިޔައީ މިފަދަ ހުކުމެއް (ހާއްސަކޮށް ދައުލަތަކާއި ދެކޮޅަށް) ސަރުއީ ކޯޓަކުން ނެރުނު ފުރަތަމަ ހުކުމަށެވެ. އިހުސާންގެ ދަރިފުޅުގެ އަޑު އިވުން އިޔާދަ ނުވިއެވެ. ނަމަވެސް އެއީ އިހުސާނަށާއި އޭނަގެ ދަރިފުޅަށް ކުޑަކުޑަ ތަސައްލީއެއް ލިބުނު އަދި ސަރުކާރުތަކަށް ދެވުނު ވަރުގަދަ މެސެޖެކެވެ. ބޭސްފަރުވާ ދޭ ތަންތަނަށާއި މީހުންނަށް ދެވުނު އިންޒާރެކެވެ.

އެހެން ނަމަވެސް ހިތާމައަކީ އެދުވަސް ހަނދާން ނެތި ގޮސްފައިވާ ކަމެވެ. ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި، ހުދު ސަރުކާރާއި ގާނޫނު ހަދައި ގާނޫނު ތަންފީޒު ކުރާ ފަރާތްތައްވެސް މެއެވެ. 

10 އަހަރުގެ މިޝްކާ، 2021 ވަނަ އަހަރުގެ ޖޫން 2 ގައި ނިޔާވި ހާދިސާއަކީ އަދި އެއަށްވުރެ ހިތާމަވެރި ހާދިސާއެކެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުއްޓައި، ހާލުދެރަވި މިޝްކާއަށް ފަރުވާ ލިބުން ލަސްވީ އެމްބިއުލާންސް އަށް އެދި އެޗްޕީއޭއަށް ގުޅާތާ އެތައް ވަގުތެއް ދިޔަ އިރު ވެސް އެއްވެސް ސިއްހީ އެހީއެއް ނުލިބި ލަސްވުމުގެ ސަބަބުންނެވެ. ދެ ގަޑިއިރާއި ތިރީސް މިނެޓު ވީފަހުން، ހޮސްޕިޓަލަށް ގެންދެވުނު އިރު ނޭފަތުން ލޭ އައިސް، ހާޓް އެޓޭކެއް ޖެހި ހުއްޓިފައި އޮތް ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވީ ވެންޓިލޭޓަރުގައި އޮންނަތާ 24 ގަޑިއިރު ފަހުންނެވެ.

ކުއްލި ގޮތަކަށް މިޝްކާ ނިޔާވުމުގައި ސިއްހީ ހިދުމަތް ދިނުމުގެ އިހުމާލު ނުވަތަ މެޑިކަލް ނެގްލިޖަންސް ވާކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ނިންމައި ރިޕޯޓުތައް ނެރެފައި ވެއެވެ. އަދި އިހުމާލުވި ފަރާތަކީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދުކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ތަހުގީގު ހިންގައި، ޖިނާއީ ދައުވާކުރުމަށް (ޕީޖީއޭ) ކިބައިން އެދިފައި ވެއެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް (އަމިއްލަ ފަރާތަކުން) ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ މިއަދާއި ހަމައަށްވެސް އޮތީ ނުނިމިއެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ނަންބަރު 13/2015) ގެ 50 ވަނަ ބާބާއި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު 29/2015) ގެ 35 ވަނަ ބާބުގައި، ސިއްހީ ހިދުމަތް ދޭ ފަރާތުގެ ޒިންމާތައް ފަނޑުގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، ސިއްހީ ހިދުމަތް ދިނުމުގައި ސާމިލުވާ ހުރިހާ ފަރާތްތަކާއި ކަންކަން ހިމަނައި، އެ ހިދުމަތް ދިނުމުގައި އިހުމާލު ނުވަތަ މެޑިކަލް ނެގްލިޖަންސް ގާނޫނަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަދައި ތަރައްގީކޮށް، އެ ނެތުމުން ސިއްހީ ހިދުމަތުގެ ރައްކާތެރިކަން ފުރިހަމަ ގޮތުގައި ދިނުމާއި ލިބިގަތުމުގައި ދިމާވާ ގޯސްތައް ނެތި/ނުވަތަ މަދުވެ، އެ ގާނޫނުގެ ހިމާޔަތާއި ރައްކާތެރިކަމާއި ފައިދާ، އެ ގައުމު ތަކުގެ އެންމެންނަށްވެސް ލިބެމުންދާ ވަސީލަތަކަށް ވީއިރު، ރާއްޖޭގައި މިއީ ނެތް ގާނޫނެކެވެ.

ދިވެހި ރާއްޖޭގައި މި ގާނޫނު ހެދުމަށް 2023 ވަނަ އަހަރު، އޭރުގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލިހުގެ ލެޖިސްލޭޓިވް (ގާނޫނީ) އެޖެންޑާއަށް ލައި، މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް، ދިވެހި ރާއްޖޭގެ ގާނޫނީ ހަޔާތަށް 92 އަހަރު ވެގެން ދިޔައިރު، މުހިއްމުކަން ބޮޑު މިފަދަ އެތައް ގާނޫނުތަކެއް ވުޖޫދުކުރެވިފައި ނުވާކަން ފާހަގަވެއެވެ.