ޗައިނާ އާއި އިންޑިޔާގެ ލޯނު ދަންތުރައިގައި ހަނާވެ ފަނާވަނީ ދިވެހީންގެ ރާއްޖެ!
ޗައިނާ ވިޔަސް އިންޑިއާ ވިޔަސް ރާޢްޖެއަށް ކަންކަން ކޮށްދިނުމުގައި ފަހަކަށް އައިސް ގެންގުޅޭ އުސޫލެއް އޮވެއެވެ. ހިލޭ އެހީއެއް ވިޔަސް ލޯނެއް ވިޔަސް ރާއްޖެއަށް ފައިސާ ނުދީ ބޭނުންވާ ކަންކޮށްދިނުމުގެ އުސޫލެވެ. ލޯނެއްވެސް ހިލޭއެހީއެއްވެސް ދެނީ ބޭނުންވާ ކަމެއް ކުރުމަށެވެ. އެކަމެއް ކޮށްދެނީ އެމީހުން އައިސް އެމީހުން އަމިއްލައަށެވެ.
އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗަކާއި ވަސީލަތެއް ހޯދާ ރާއްޖެ އެތެރެކުރަނީ އެމީހުންނެވެ. އެކަމެއް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެގައުމެއްގެ މީހުންނެވެ. މަސައްކަތުގައި އުޅޭ މީހުންނަށް ބޭނުންވާ ދަތްކޮއްޓިއަށް ދާންދެން ބޭނުން ކުރަނީ އެ މީހުން އަމިއްލައަށް އެތެރެކޮށްގެންނެވެ. ކަފަބުރެއްހާ ހިސާބުވެސް ރާއްޖޭގެ ފިހާރައަކުން އެމީހުން ނުގަނެއެވެ.
އިންޑިއާއިން އަޅާދިން އައްޑޫ ޕޮލިސް އެކަޑަމީއަކަސް، އުތުރު ތިލަފަޅު ޑޮކްޔާޑަކަސް، ވިލިމާލެ ބުރިޖަކަސް އެކަން އޮތީ އެހެންނެވެ. ޗައިނާއިން އަޅާދިން ހުޅުމާލެ ބްރިޖަކަސް ،ދަރުމަވަންތަ ހޮސްޕިޓަލަކަސް، ހިޔާ ޓަވަރަކަސް، އެކަމުގައި ތަފާތެއް ނެތެވެ. ބޭރު ބަޔަކު ލައްވާ އެއްވެސް މެގަ ޕްރޮޖެކްޓެއް ހިނގަމުން ދާއިރު ދިވެހި ރައްޔިތަކަށް ލިބޭ ވިޔަފާރިއެއް ނަފައެއް ނޯވެއެވެ. މުޅި ޕްރޮޖެކްތައް ހިނގާ ހުރިހާ ހަރަދެއް އަލިފުން ޔާއަށް ލިބެނީ ލޯނު ނުވަތަ އެހި ދޭގައުމަކަށެވެ. އެ ޕްރޮޖެކްތަކުން ވެރިން ހޯދާ ކަޓެއް ފިޔަވާ ރާއްޖެއަށް ލޯލާރިއެއްވެސް ނުލިބެއެވެ.
ދަރިންގެ ދަރިންގެ މިނިމިންޏަށް ގައުމު ދަރުވާލައިގެން ހިންގާ މެގަ ޕްރޮޖެކްޓްތަކަށް ކުރާހޭދައިގެ ކުޑަ މިންވަރެއްވެސް ދިވެހިންނަށް ނުލިބުމަކީ ދިވެހިން ބިކަވުމުގެ ސަބަބެކެވެ. މުޅި ޕްރޮޖެކްޓަށް ހޭދަކުރަހާ ފައިސާއެއް ލިބެނީ ލޯނު ނުވަތަ އެހީދޭ ގައުމަށެވެ. އެގައުމުގެ ރައްޔިތުންނަށެވެ. ލޯނަށް ދައްކަ ފައިސަވެސް އެ މީހުންނަށެވެ.
ރާއްޖޭގެ މަސައްކަތްތެރި ކުންފުނިތައް ކުރިއަރާ ދިޔުމަށް ހުރަސްއެޅޭ ގޮތަށް އެކިވަރުގެ ފަށަލަތައް ލައިގެން އޮންނަނީ އޮބިއަޅާފައެވެ. ވަރުވަރުން ދަރަޖަކޮށްގެން ހިންދަމާލިޔަ ނުދީ އޮންނަނީ އިނދަޖައްސާފައެވެ. ސަރުކާރުގެ ކުންފުނިތައް އޮންނަނީ ސިޔާސީ ބޭނުމަށް ފަސާދައިން ޖަރީކޮށްފައެވެ. ވެރިކަމަށް އަންނަ ކޮންމެ ބަދަލަކާއެކު، ދައުލަތުގެ ކުންފުނިތައް ގުނބޯލުންގެ އައްޑައަކަށް ބަދަލުވެ، ކުންފުނިތަކުގެ 'އެފިސެންސީ' ނައްތާލައެވެ.
ރާއްޖޭގައި ތިބި ދުނިޔޭގެ ފެންވަރުގެ އިންޖިނޭރުންނާއި ފަންނުވެރިންނަށް، ރާއްޖޭގައި ކުރިއަރާ ދިޔުމަށް ޖާގައެއް ނެތެވެ. އުސޫލުތަކާއި ފުރޭނުން ތަކުގައި ތާށިވެ މީހަކަށް ކުރާނެކަމެއް، ކުރެވޭނެ ކަމެއް ނޯވެއެވެ. ސިކުނޑިތައް ހަފޮޅު އެތެރޭގައި ތަޅުލައިގެން ތިބި ސިޔާސީ ދަނޑިވަޅީންގެ ބުމަރަކަށް ގައުމުގެ އުފެއްދުންތެރިކަން އޮތީ ވެނިމިފައެވެ. އަބަދުވެސް ރާއްޖޭގައި ސިޔާސީން ޖަހާބެރަށް ނަށަމުން ކިޔާނީ ބަނގުރޫޓް ލަވައެވެ. ކާން ބޭނުންވާނީ ހިހޫތަނުންނެވެ.
މިލިއަން ބިލިޔަނުން ފައިސާކޮޅު ކަޅާ ކޮށްލައިގެން ސިޔާސީ މައްކާރުން ބަޗައެވެ. ލޯނުތަކުގެ ދަންތުރައިގައި ދިވެހީންގެ ރާއްޖެ ހަނާ ކުރަމުން ފަނާކުރަމުންނެވެ. ދަރީންގެ ދަރީންގެ ބޮލުގައި އެ ދަރަނި އަޅުވާފައެވެ.
ރިޝްވަތާއި ފަސާދު އަނިޔާވެރިކަމާއި ނިފާޤުން
މިޞްރުގައި ރަސްކަން އެއީ ކުރި ކަޅު އަނދިރިވި އަހުދެކޭ
ޖާހަކަށް އަދި މުދަލަކަށް އަޅުވެތިނުވީ ވިއްޔާއެއީ
ފާހަގަވެ ކަޅު ލިސްޓުގައި ލިޔެ ހުނިޖެހޭނޭ މީހެކޭ
~ މަސްދަރު: ހީރަސް ނިއުސް ~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online