އެނގޭތަ؟ ޕާސްޕޯޓުގެ ޗިޕުގައިވާ މައުލޫމާތު ފޯނުން ދެނެގަނެވޭނެ
ޕާސްޕޯޓުގައި ޗިޕެއް ހުރޭ: ޕާސްޕޯޓުގެ ބޭރުގަނޑު ނުލަނބާތި
ޒަމާނީ ހުރިހާ ޕާސްޕޯޓުތަކަކީވެސް އީ-ޕާސްޕޯޓެކެވެ. ދިވެހި ރާއްޖެ ހިމެނޭހެން، މި ނިޒާމުގައި ގާއިމުކޮށްފައިވާ ހުރިހާ ގައުމުތަކުންވެސް ދޫކުރާ ޕާސްޕޯޓް ފޮތުގެ ބޭރުގައި އިންނަ ކުޑަ ޗިޕް ނިސާނުން އެއީ އީ-ޕާސްޕޯޓެއްކަން ދެނެގަނެވެއެވެ.
މީގެ މާނައަކީ، ޕާސްޕޯޓުގެ މައުލޫމާތު ހިމެނޭ ސަފުހާގައިވާ ފަދަ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ އެން.އެފް.ސީ (NFC) ޗިޕެއް އެ ފޮތުގައި ހިމެނޭ ކަމެވެ. މި ޗިޕަކީ ހަމައެކަނި ކާކުކަން ދެނެގަތުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ތިބާގެ ސްމާޓްފޯނުންވެސް އީ-ޕާސްޕޯޓުގެ އެތެރޭގައިވާ މި ޗިޕް ސްކޭންކޮށް ކިޔާލެވޭނެއެވެ. އަދި ޕާސްޕޯޓް ފޮތުގައި ޗާޕުކޮށްފައި ނުހުންނަ ފޮޓޯއެއްވެސް މި ޗިޕުގެ ތެރޭގައި ރައްކާކުރެވިފައި ހުރެއެވެ.
'ރީޑްއައިޑީ މީ' (ReadID Me) ފަދަ އެޕްތައް ބޭނުންކޮށްގެން، ޕާސްޕޯޓުގެ އެން.އެފް.ސީ ޗިޕް ސްކޭންކޮށް އޭގެ އެތެރޭގައި ހުރި މައުލޫމާތު ބަލާލެވޭނެއެވެ. މިއީ ޕާސްޕޯޓް ލެނބިގެން ނުވަތަ ފެންޖެހިގެން ގެއްލުމެއް ލިބުމަށްފަހު، އޭގެ އީ-ޕާސްޕޯޓް ޗިޕް ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްވެސް ބޭނުންކުރެވިދާނެ މޮޅު އުކުޅެކެވެ. މި ސްކޭންގެ ހުރިހާ ކަމެއް ހިނގަނީ ސީދާ ފޯނުގެ ތެރޭގައި ކަމަށްވެފައި، އެޕް ބަންދުކުރުމާއެކު އެ މައުލޫމާތު ފޮހެވިގެންދާތީ، ތިމާގެ ޒާތީ މައުލޫމާތު އެހެން އެއްވެސް ތަނަކާ ހިއްސާނުކުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. މީގެ އިތުރުން، ޕާސްޕޯޓަކީ ސައްހަ އެއްޗެއްކަން މި އެޕުން ކަށަވަރުކޮށްދޭއިރު، ތިބާގެ އެންމެ މުހިންމު ރަސްމީ ލިޔުމުގައި އެކުލެވޭ ޓެކްނޮލޮޖީގެ ކުޑަ ތަޖުރިބާއެއްވެސް ކޮށްލެވެއެވެ.
ޕާސްޕޯޓުގައި ޗިޕެއް ހުރޭ: ޕާސްޕޯޓުގެ ބޭރުގަނޑު ނުލަނބާތި
ޒަމާނީ ޕާސްޕޯޓް ފޮތްތަކުގައި ސަލާމަތީ ގޮތުން ވަރުގަދަ ފީޗާތަކާއި އިލެކްޓްރޯނިކް ބައިތައް ހިމެނެއެވެ. އޭގެ ތެރޭގައި ފޮތުގެ ތެރޭގައި ހަރުކޮށްފައިވާ އެން.އެފް.ސީ ޗިޕް ހިމެނެއެވެ. އެންޓެނާއަކާ ގުޅާފައިވާ މި ޗިޕް، ފޯނުތަކާއި ސްކޭނަރުތަކުން ކިޔާލެވެއެވެ. ނަމަވެސް، މި އެން.އެފް.ސީ ޗިޕް ހުންނަނީ ތިބާ ހީކުރާ ތަނަކު ނޫނެވެ. ވަރުގަދަ ޕޮލީކާބޮނޭޓް ޕްލާސްޓިކުން ހަދާފައިވާ ޒާތީ މައުލޫމާތު ހިމެނޭ ސަފުހާގައި ހޮލޮގްރާމްތަކާއި އެހެނިހެން ސަލާމަތީ ފީޗާތައް ހުރި ނަމަވެސް، އެ ސަފުހާގައި އެއްވެސް އިލެކްޓްރޯނިކް ބައެއް ނުހުރެއެވެ.

އެއާޕޯޓުތަކުގެ' ޗެކް-އިން' ޗެކްޕޮއިންޓްތަކުން ދާއިރު، އާންމުކޮށް ޕާސްޕޯޓުގެ މައުލޫމާތު ސަފުހާ ސްކޭންކުރަން ޖެހެއެވެ. ނަމަވެސް އެ މަރުހަލާގައި ޕާސްޕޯޓުގެ ޗިޕެއް ނުކިޔައެވެ. އޭގެ ބަދަލުގައި އެއީ، ޕާސްޕޯޓުގެ ތިރީގައި އޮންނަ 'މެޝިން-ރީޑަބަލް ޒޯން' ބޭނުންކޮށްގެން މައުލޫމާތާއި ފޮޓޯ ނަގާ އޮޕްޓިކަލް ސްކޭނެކެވެ.
މެޝިން-ރީޑަބަލް ޒޯނަކީ ޕާސްޕޯޓުގެ މައުލޫމާތު ސަފުހާގެ އެންމެ ތިރީގައި، އާދައިގެ އަކުރުތަކަކާއި ހާއްސަ ނިސާންތަކެއް ބޭނުންކޮށްގެން ލިޔެފައި އޮންނަ ބަޔަށް ކިޔާ ނަމެވެ. މި ބައި ފަރުމާކޮށްފައިވަނީ އޮޕްޓިކަލް ކެރެކްޓާ ރެކޮގްނިޝަން (އޯ.ސީ.އާރް) ސްކޭނަރުތަކުން ޗެކްޕޮއިންޓްތަކުގައި އަވަހަށް ސްކޭންކުރެވޭ ގޮތަށެވެ. މިއީ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންކުރާ ބައެއް ނޫނެވެ. އެއީ އޯ.ސީ.އާރް ސްކޭނަރުތަކަށާއި ކޮމްޕިއުޓަރުތަކަށް ފަސޭހައިން ދެނެގަނެވޭނެހެން ވަކި މިންގަނޑަކަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
އީ-ޕާސްޕޯޓް ފޮތެއްގައި ޗިޕް ހަރުކޮށްފައި ހުންނަނީ ފޮތުގެ ބޭރުގަނޑުގެ ތެރޭގައެވެ. ޕާސްޕޯޓް ކަވަރަކަށް ފޮތް ލާއިރު ސަމާލުވާން ޖެހެނީ މި ސަބަބަށްޓަކައެވެ. މާ ބޮޑަށް ފޮތް ލެނބިއްޖެނަމަ އޭގެ އެތެރޭގައިވާ އިލެކްޓްރޯނިކް ބައިތަކަށް ގެއްލުން ވެދާނެއެވެ. މި ޗިޕް އެންމެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި، ފޮތް ނުލަނބާށެވެ. ތޮރުފާ ނުހަދާށެވެ. އަދި އާދަޔާ ހިލާފަށް ހޫނު ނުވަތަ ފިނި ގަދަ ތަންތަނުގައި ނުބަހައްޓާށެވެ.
ޕާސްޕޯޓުގެ ޗިޕުގައި ހުންނަ ހުރިހާ މައުލޫމާތެއްއަދި ފޯނުން އެ ސްކޭންކުރާނެ ގޮތް
އީ-ޕާސްޕޯޓުގައި ބޭނުންކުރަނީ އެން.އެފް.ސީ ޗިޕެއް ކަމަށްވާތީ، އެން.އެފް.ސީ ޗިޕާއި އެންޓެނާ ހިމެނޭ ކޮންމެ ފޯނަކުންވެސް އެ ސްކޭންކުރެވޭނެއެވެ. މިކަން ކުރުމަށް 'ރީޑްއައިޑީ މީ' ފަދަ އެޕެއް ބޭނުންވާނެއެވެ. އެޕް ޑައުންލޯޑްކުރުމަށްފަހު ޕާސްޕޯޓުގެ އިލެކްޓްރޯނިކް މައުލޫމާތު ކިޔާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ފެށުމުގެ ގޮތުން 'ގެޓް ސްޓާޓެޑް' (Get started) އަށް ފިތާލުމަށްފަހު، އައިޑީގެ ބާވަތް އިހުތިޔާރުކުރާށެވެ. ޕާސްޕޯޓެއް ސްކޭންކުރާނަމަ 'ޕާސްޕޯޓް' (Passport) އަށް ފިތާލާށެވެ.
ދެން އެޕުން އެދޭނީ ޕާސްޕޯޓުގެ ފޮޓޯ ޖެހި ސަފުހާ ސްކޭންކުރުމަށެވެ. މިގޮތަށް އެދުމުގެ ދެ ބޭނުމެއް އޮވެއެވެ. ފުރަތަމަ ބޭނުމަކީ ޕާސްޕޯޓް ފޮތް އޮތީ ތިބާގެ އަތުގައިކަމާއި، އޭގެ އިލެކްޓްރޯނިކް ޗިޕް ސްކޭންކުރަން ތިބާ ގަސްދުކުރާކަން ކަށަވަރުކުރުމެވެ. ފޮތް ލައްޕާފައި އޮއްވައި މި އެޕް ބޭނުންކޮށްގެން ޕާސްޕޯޓުގެ ޗިޕް ސްކޭންކުރެވޭނަމަ، އެއީ ސަލާމަތީ ގޮތުން ވަރަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. ދެވަނަ ބޭނުމަކީ ޕާސްޕޯޓުގެ މައުލޫމާތު ސަފުހާގައިވާ ލިޔުންތަކާއި ޗިޕުގައި ރައްކާކޮށްފައިވާ މައުލޫމާތާ ދިމާވޭތޯ އަޅާކިޔައި ޔަގީންކުރުމެވެ.
ސްކޭންކުރުމުގެ ބަދަލުގައި، އަމިއްލައަށް ލިޔެގެންވެސް ޕާސްޕޯޓުގެ މައުލޫމާތު އެޕަށް އެޅިދާނެއެވެ. މީގެ ތެރޭގައި ޕާސްޕޯޓް ނަންބަރާއި، ޕާސްޕޯޓުގެ ވެރިފަރާތުގެ އުފަން ދުވަހާއި، ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހު ހިމެނެއެވެ. އެއަށްފަހު އެޕުން 'ސްޓާޓް ރީޑިން' (Start reading) އަށް ފިތާލުމަށްފަހު، ޕާސްޕޯޓުގެ ފަހަތު ބޭރުގަނޑުގެ މަތީގައި ފޯނު ބާއްވާލާށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޕާސްޕޯޓުގެ ޗިޕުގައި ހުރި މައުލޫމާތު ފޯނުން ފެންނާނެއެވެ.
މި މައުލޫމާތުގެ ތެރޭގައި ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރެވުނު ނަތީޖާއާއި، މުއްދަތު ހަމަވެފައިވޭތޯ ބެލި ބެލުމާއި، ސަލާމަތީ ފީޗާތައް ހިމެނެއެވެ. މީގެ އިތުރުން، ފުރިހަމަ ނަމާއި، ޖިންސާއި، ގައުމިއްޔަތާއި، އުފަން ދުވަހާއި، އުފަން ތަނާއި، ޕާސަނަލް ނަންބަރު ފަދަ ޒާތީ މައުލޫމާތު ޗިޕުން ދައްކާނެއެވެ. ޕާސްޕޯޓުގެ ސެކިއުރިޓީ މައުލޫމާތުގރ އިތުރުން، އޭގައިވާ މެޝިން-ރީޑަބަލް ޒޯނުގެ ކޮޕީއެއްވެސް އޭގައި ފެންނަން ހުންނާނެއެވެ.
ފޮތުގައި ނުހުންނަ ކަމެއް ޗިޕުގައި ހުރޭ: ޕާސްޕޯޓް ފޮޓޯގެ ފުރިހަމަ ކުލަ ކޮޕީއެއް
ޗިޕުގެ ތެރޭގައި ވަރަށް ހާއްސަ އެހެން އެއްޗެއްވެސް ހިމެނެއެވެ. އެއީ ތިބާގެ ޕާސްޕޯޓް ފޮޓޯގެ ވަރަށް ސާފު، ފުރިހަމަ ކުލަ ކޮޕީއެކެވެ. ޕާސްޕޯޓް ފޮތުގެ ޕޮލީކާބޮނޭޓް މައުލޫމާތު ސަފުހާގައި ހުންނަނީ ކަޅާއި ހުދުގެ ފޮޓޯއެއް ކަމަށްވެފައި، އެންޑޯސްމަންޓް ސަފުހާގައި ހުންނަނީ އެހާ ސާފު ނޫން ކުލަ ފޮޓޯއެއް ނަމަވެސް، އެންމެ ސާފު ކުލަ ފޮޓޯ ރައްކާކުރެވިފައި ހުންނަނީ ހަމައެކަނި ޗިޕުގައެވެ. މަތީގައި ބަޔާންކުރެވުނު ފިޔަވަޅުތަކާ އެއްގޮތަށް 'ރީޑްއައިޑީ މީ' ބޭނުންކޮށްގެން، ތިބާގެ ޕާސްޕޯޓް ފޮޓޯ އަމިއްލައަށް ބަލައި ބޮޑުކޮށްލެވޭނެއެވެ.
މިއީ ގިނަ ބަޔަކު އެއްގޮތަކަށްވެސް ވިސްނާނުލާ ޕާސްޕޯޓުގެ ބައެއް ނަމަވެސް، މިއީ އަޖައިބުވާހާ ސްމާޓް އަދި ރައްކާތެރި ނިޒާމެކެވެ. މެޝިން-ރީޑަބަލް ޒޯން ފުރަތަމަ ސްކޭންނުކޮށް ޗިޕް ނުކިޔޭނެ ގޮތް ހަދާފައިވާއިރު، އޭގައިވާ މައުލޫމާތަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކްރިޕްޓޯގްރަފިކް ސޮޔަކުން އެ މައުލޫމާތު ވަނީ ރައްކާތެރިކޮށްފައެވެ. އެހެންނަމަވެސް، ރަނގަޅު އެޕެއް ބޭނުންކޮށްގެން އޭގެ އެތެރޭގައި ހުރި މައުލޫމާތު އަމިއްލައަށް ބަލާލެވޭނެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online