އިޒުރޭލުގެ އަރަބި ޕާޓީތަކުން ނަތަންޔާހޫ އަކާ ބައިވެރިއެއް ނުވި
އިޒުރޭލުގެ ވެރިކަމަށް އައުމަށް ހުރި މަގުތައް ހޯދުމަށް ސިޔާސީ ބޮޑެތި ފެކްޝަންތަކުން އަދިވެސް ދަނީ ގަދައަޅައި މަސައްކަތް ކުރަމުން
އަރަބި ޕާޓީތަކުން ނަތަންޔާހޫއާއި ބައިވެރި ނުވާނެކަމަށް ބުނެ އައިޒެންކޮޓަށް ތާއީދުކުރަން ނިންމައި، އިސްރާއީލުގެ ކޯލިސަން މަސްވަރާތަކުގެ ފަހު މަރުހަލާތައް ފަށައިފިއެވެ.
މިދިޔަ ހަފުތާގައި އިޒުރޭލުގައި ބޭއްވި އާންމު އިންތިހާބުގައި ރެކޯޑު އަދަދަކާއެކު 19 ގޮނޑި ކާމިޔާބުކުރި އަރަބި ޕާޓީތަކުން، (ނަތަންޔާހޫ ސަރުކާރާއި) އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ބްލޮކް (ޕާޓީ) އަށް ތާއީދުކުރަން ނިންމައިފިއެވެ. މިއާއެކު އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަލުން ވެރިކަމަށް އައުމަށް ކުރާ އުއްމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޔަހޫދީ މައި އިދިކޮޅު ހަތަރު ޕާޓީ ހިމެނޭ ބްލޮކަށް ވެސް، 120 ގޮނޑި ހިމެނޭ އިސްރާއީލުގެ ޕާލަމެންޓް (ކްނެސެޓް) ގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި ހަމައެއް ނުކުރެވުނެވެ. ނަމަވެސް އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ތިބި ފަލަސްތީނު މީހުން ތަމްސީލުކުރާ މައި ދެ ޖަމާއަތާއެކު ގުޅިގެން މަސައްކަތް ކުރުމަކީ، ސިޔާސީ ގޮތުން ކަންކަން ހުއްޓުމަކަށް އައުމާއި އަލުން އިންތިހާބަކަށް ދާންޖެހުން ހުއްޓުވުމަށް ލިބޭނެ މަގެކެވެ.
އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން ދިފާއީ ގޮތުން ވީ އިހުމާލުތަކާއި، ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ފަސާދައިގެ ސަރީއަތްތަކާ ހުރެ، އޭނާއާއެކު ކޯލިޝަން ނުހަދާނެ ކަމަށް އިދިކޮޅު "ޗޭންޖް" ބްލޮކުން ވަނީ ކުރިންވެސް ބުނެފައެވެ.
އެހެން ނަމަވެސް، ވެރިކަންކުރާ ކޯލިޝަންގެ ބައެއްގެ ގޮތުގައި ވިޔަސް ނުވަތަ ބޭރުން ތާއީދު ދީގެން ވިޔަސް، އަރަބި ޕާޓީތަކުގެ ތާއީދު ހޯދުމަކީ ކަނާތުފިޔައިގެ ފަރާތްތަކުން އައިޒެންކޮޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމެކެވެ. ހާއްސަކޮށް ޔަހޫދީ ވޯޓު ހޯދުމަށްޓަކައި ނަތަންޔާހޫ ހިމެނޭހެން ގިނަ ލީޑަރުންނާއި ޕާޓީތަކުން ފާޅުކަން ބޮޑު ގޮތެއްގައި އަރަބިންނާ މެދު ނަސްލީ ތަފާތުކުރުންތައް ކުރިއަށް ނެރެމުންދާ ދަނޑިވަޅެއްގައެވެ.
އިޒުރޭލުގައި ދިރިއުޅޭ މަދު އަރަބި އާބާދީއަކީ ޒަމާނުއްސުރެ ސިޔާސީ ގޮތުން އެކަހެރިކުރެވިފައިވާ ބައެކެވެ. އޮކްޓޯބަރު 7 ގެ ފަހުން އެމީހުން ވަނީ އިހުނަށްވުރެ ބޮޑަށް ބާކީކޮށްލާފައެވެ. ގައްޒާގައި ހިންގަމުންދާ ގަތުލުއާންމަށާއި ހުޅަނގު އައްސޭރި ހިސާރުކުރުމަށް ފާޑުކިޔައި ހިޔާލުފާޅުކުރުމުގެ ސަބަބުން، ފަލަސްތީނުގެ ކުރީގެ ދެ މެންބަރަކާއި މިހާރުގެ ކްނެސެޓް މެންބަރަކު ވެސް ވަނީ މީގެ ކުރިން ކުރު މުއްދަތަކަށް ހައްޔަރުކޮށްފައެވެ.
ވެރިކަމަށް ވާސިލުވުމަށް ހުރި މަގުތަކާމެދު ޕާޓީތަކުން ވިސްނަމުންދާއިރު، ސަޕޯޓަރުންނަށް ވެފައިވާ ވައުދުތައް އުވާލައި، ބޮޑެތި ދޫދިނުންތަކެއް ދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އިންތިހާބުގައި ވީ ކިހިނެއް؟
ބޮޑުވަޒީރު ނަތަންޔާހޫގެ ލިކުޑް ޕާޓީ އިސްވެ އޮވެ އެކުލަވާލި ޔަހޫދީ ކޮންޒަވޭޓިވް އަދި ހަރުކަށި ކަނާތުފިޔައިގެ ކޯލިޝަނަށް 120 ގޮނޑީގެ ތެރެއިން ލިބުނީ 53 ގޮނޑިއެވެ. އެހެންކަމުން ސާފު އަގުލަބިއްޔަތެއް ނުލިބުނެވެ.

ކުރީގެ މިލިޓަރީ ޗީފް ގާދީ އައިޒެންކޮޓްގެ ޔަޝާރް ޕާޓީ އިސްވެ އޮތް އިދިކޮޅު ބްލޮކަށް ލިބުނީ 48 ގޮނޑިއެވެ. އެއީ އަގުލަބިއްޔަތާ އަދި މާ ދުރު އަދަދެކެވެ.
އަނެއްކޮޅުން، އަރަބި ވޯޓަރުންގެ 80 އިންސައްތަ މީހުން ވޯޓުލާން ނުކުތުމާއެކު، އަރަބި ލީޑަރުން އިސްވެ ތިބި ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން ވަނީ ކުރިއާ އަޅާބަލާއިރު ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. މަންސޫރު ޢައްބާސްގެ ރާމް ޕާޓީން އަށް ގޮނޑި ހޯދިއިރު، ޔޫސުފް ޖަބާރީންގެ ޖޮއިންޓް ލިސްޓުން 11 ގޮނޑި ކާމިޔާބުކުރިއެވެ.
އަރަބި ބްލޮކުން އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ނަމަވެސް، ޔަހޫދީ ރައްޔިތުންގެ ފަރާތުން އަތުވެދާނެ ނުރުހުމަކަށް ބަލައި އައިޒެންކޮޓް އެމީހުންގެ ތާއީދު ބަލައިނުގަނެފާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އަރަބިންނަކީ އިސްރާއީލުގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. ވެރިކަންކުރާ ކޯލިޝަނެއްގައި މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ އަރަބި ޕާޓީއެކެވެ. އެއީ 2021 ވަނަ އަހަރު ރާމް ޕާޓީންނެވެ. އެ ސަރުކާރު ދެމިއޮތީ ދެ އަހަރަށް ވުރެ ވެސް ކުރު މުއްދަތަކަށެވެ.
އައިޒެންކޮޓާއި އިދިކޮޅު އެހެން ލީޑަރުން ކުރިން ވިދާޅުވެފައިވަނީ ސަޕޯޓަރުންގެ ރުހުން ހޯދުމުގެ ގޮތުން އަރަބި ޕާޓީތަކާއެކު ކޯލިޝަން ނަހަދާނެ ކަމަށެވެ.
ނަތަންޔާހޫ ބުނަނީ ކީކޭ؟
އިންތިހާބުގެ ތެރޭގައި އަރަބި ޕާޓީތަކުން ބޭރުގެ އެހީއާއެކު މަކަރު ހަދާފައިވާ ކަމަށް އެއްވެސް ހެއްކެއް ނެތި ނަތަންޔާހޫ ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ގަތުމަށް ރިސްވަތު ދިން ކަމަށް ބުނެ ތިން އެކްޓިވިސްޓަކު ހައްޔަރުކުރި މައްސަލަ ފަދަ މަދު ކަންތައްތަކެއް ނަތަންޔާހޫއާއި އޭނާގެ ލިކުޑް ޕާޓީން ދަނީ ފާހަގަކުރަމުންނެވެ. އެމީހުންނަކީ ރާމް ޕާޓީއާ ގުޅުން އޮތް ބައެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.
އެހެން ނަމަވެސް، ނަތަންޔާހޫގެ ވާހަކަތަކުގެ ބުރަދަން ދަނީ ކުޑަވަމުންނެވެ. އާދީއްތަ ދުވަހު އިޒުރޭލުގެ ކޯޓަކުން ވަނީ ތުހުމަތުކުރެވޭ އެކަކު ދޫކޮށްލައި، އަނެކަކު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އިޒުރޭލުގެ އިލެކްޝަންސް އޮފިޝަލުން ވެސް ވިދާޅުވެފައިވަނީ ވޯޓުގެ ސައްހަކަމާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ. އިސްރާއީލުގެ އިލެކްޝަންސް ވެރިޔާއާއި އެޓާނީ ޖެނެރަލް އަދި ޝިން ބެޓް އިންޓެލިޖެންސްގެ ވެރިޔާ އެކުގައި ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯއިން ދައްކުވައިދިނީ، ވޯޓުގެ ނަތީޖާ ދެމެހެއްޓުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާ މަންޒަރެވެ.
ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ވެރިޔާ ނޯއަމް ސޮހްލްބާގް އެ ވީޑިއޯގައި ވިދާޅުވީ، ތުހުމަތުތަކުގައި ހަގީގަތެއް އޮތް ކަމަށް ދެއްކި ނަމަވެސް، އިންތިހާބީ މަރުހަލާގެ އިތުބާރަކަށް އަދި މުޅި ނަތީޖާއަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން ނަތަންޔާހޫއާއި ލިކުޑް ޕާޓީން ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން އަރަބި ޕާޓީތަކާ ގުޅުމަކީ ގައުމަށް ހިޔާނާތްތެރިވުން ފަދަ ކަމެއް ކަމަށެވެ. އަދި ޒަޔަނިސްޓް ޕާޓީތަކުން އަރަބި ބްލޮކާ ގުޅިގެން މަސައްކަތް ކުރުމަކީ "އިޒުރޭލަށް ނުރައްކާވާނެ" ކަމެއް ކަމަށް އިންތިހާބަށްފަހު ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވެއެވެ.
އިޒުރޭލުގެ ބައެއް ރައްޔިތުންވެސް މި ވިސްނުމަށް ތާއީދުކުރެއެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ، އެފަދަ އިއްތިހާދަކާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިޒެންކޮޓްގެ ގޭ ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ.
އަރަބި ޕާޓީތަކުން އައިޒެންކޮޓަށް ތާއީދު ކުރާނެތަ؟
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން ވަނީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށްޓަކައި އިދިކޮޅު ބްލޮކާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮންމެހެން ސަރުކާރުގެ ތެރެއަށް ވަދެގެންނެއް ނޫނެވެ.
ރާމް ޕާޓީގެ ޢައްބާސް ކުރިންވެސް ވިދާޅުވެފައިވަނީ، ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ އެ ޕާޓީއަށް ދޭނަމަ އައިޒެންކޮޓްގެ ސަރުކާރަކާ ގުޅެން ތައްޔާރު ކަމަށެވެ. އޭނާގެ ނައިބަކީ ޔަހޫދީ ގާނޫނުހަދާ މެންބަރަކަށް ވުމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ދިން ރަނގަޅު އިސާރާތެއްގެ ގޮތުގައި ބެލެވެއެވެ.
ހަމައެއާއެކު، ދަ ގާޑިއަން އަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޖޮއިންޓް ލިސްޓުގެ ޖަބާރީން ވިދާޅުވީ، ނަތަންޔާހޫއާއި ސަރުކާރުގައި ތިބި ހަރުކަށި ބޭފުޅުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރާއި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް މަގާމުން ދުރުކުރުމަށްޓަކައި "ޗޭންޖް" ބްލޮކަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށެވެ.
އޭނާ ސާފުކޮށްދެއްވި ގޮތުގައި، އެ ޕާޓީގެ ވިސްނުމަކީ އައިޒެންކޮޓްގެ ސަރުކާރެއްގައި ބައިވެރިވުމެއް ނޫނެވެ. ނަމަވެސް ކްނެސެޓްގެ ތެރޭގައި އެ ސަރުކާރަށް ވޯޓު ދިނުމެވެ. މީގެ ސަބަބުން، 61 ގޮނޑިއަށް ވުރެ މަދު ގޮނޑިއާއެކު "މައިނޯރިޓީ ސަރުކާރެއް" އުފެއްދުމުގެ ފުރުސަތު އައިޒެންކޮޓަށް ލިބިގެންދާނެއެވެ.
އެހެން ނަމަވެސް، އައިޒެންކޮޓާއި އޭނާގެ ބައިވެރިން ދެން އަޅާނެ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ. އިދިކޮޅު ބްލޮކުން ކުރިން ވަނީ އަރަބި ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ސަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އިޒުރޭލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، އަސްކަރިއްޔާއަށް މީހުން ވެއްދުމަށް ތާއީދުކުރުމަށާއި، އަދި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
"އައިޒެންކޮޓް އެ ވިދާޅުވާ ސަރުތުތަކަކީ ކޯލިޝަންގެ އެތެރޭގައި ތިބޭ ޕާޓީތަކަށް މުހިންމު ސަރުތުތަކެއް. ވަރަށް ސާފު ސަބަބުތަކަކާ ހުރެ އަޅުގަނޑުމެން ކޯލިޝަނުގެ ބައިވެރިއަކަށް ވާކަށް ގަސްތެއް ނުކުރަން،" ދަ ގާޑިއަން އަށް ޖަބާރީން ވިދާޅުވިއެވެ. މީގެ އިތުރުން "ހުޅަނގު އައްސޭރީގައި އަޅުގަނޑުމެންގެ ރައްޔިތުން ހިސޯރުކޮށްފައި އޮތްހާ ހިނދަކު، ސަރުކާރެއްގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ނުތިބެވޭނެ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެން ވާނީ ކިހިނެއް؟
އިންތިހާބުގެ ރަސްމީ ނަތީޖާ ބުދަ ދުވަހު އިއުލާންކޮށް ސައްހަކުރާނެއެވެ.
އެއަށްފަހު، ބޮޑުވަޒީރުކަމަށް ބޭނުންވަނީ ކޮން ބޭފުޅެއްތޯ ބެއްލެވުމަށްޓަކައި، ޕާލަމެންޓަށް ހޮވުނު 11 ޕާޓީގެ ލީޑަރުންނާ ރައީސް އިސްޙާޤް ހަރޒޮގް ބައްދަލުކުރައްވަން ފަށްޓަވާނެއެވެ. ރައީސްގެ ރަސްމީ ގެކޮޅުގައި ބާއްވާ މި ބައްދަލުވުންތައް ވަގުތުން ދުރަށް ދައްކާނެއެވެ.
ދެން އޮންނާނީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކު އިހުތިޔާރު ކުރެއްވުމެވެ. މައި ދެ ބްލޮކްގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ ނަތަންޔާހޫ ނުވަތަ އައިޒެންކޮޓް ކަމަށްވުމުން، މި ފުރުސަތު ލިބޭނީ މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށެވެ.
އަރަބި ޕާޓީތަކުން އައިޒެންކޮޓްގެ ނަން ހުށަހަޅާނެ ކަމަށް ބެލެވޭތީ، ރައީސް ހަރޒޮގްގެ ފަރާތްޕުޅުން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑީ އިދިކޮޅު ލީޑަރަށެވެ.
ކޯލިޝަން ހެދުމަށް އައިޒެންކޮޓަށް ނުވަތަ ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެ މުއްދަތުގައި އެކަން ކާމިޔާބު ނުވެއްޖެނަމަ މަސްވަރާތަކަށް އިތުރު 14 ދުވަސް އިތުރުކުރެވިދާނެއެވެ. އޭގެ ފަހުން ރައީސް ހަރޒޮގް އެހެން ކެންޑިޑޭޓަކަށް އެ ފުރުސަތު ދެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފުރުސަތު ކުޑަ ނަމަވެސް، ނަތަންޔާހޫއާއި އިދިކޮޅު ބްލޮކް ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް މަސްވަރާ ކުރުމަކީ ވެސް ވެދާނެ ކަމެކެވެ. ނުވަތަ އިދިކޮޅު ބްލޮކުން މަދުވެގެން އަށް މެންބަރުން އޭނާގެ ކޮޅަށް ގެންދިއުމަށް ނަތަންޔާހޫ މަސައްކަތް ކުރެއްވުން ވެސް އެކަށީގެންވެއެވެ.
ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ޔަޝާރް ޕާޓީން ބުނެފައިވަނީ، ލިކުޑް ޕާޓީ ވަނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައި ކަމަށާއި، އެ ޕާޓީގެ ބައެއް މެންބަރުންނަށް ލިކުޑުން ގުޅަމުންދާ ކަމަށެވެ.
މި މަސްވަރާތައް ކޮންމެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް، އިންތިހާބުވި މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 10 ވަނަ ދުވަހު އޮންނާނެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online