ރަޖިސްޓްރީނުވެ ހުރި އުޅަނދުތައް ނެގުން - ކިހިނެތް ހަދާނީ؟

ޖުލައި 28, 2024 - 22:21
 0
ރަޖިސްޓްރީނުވެ ހުރި އުޅަނދުތައް ނެގުން - ކިހިނެތް ހަދާނީ؟

ރަޖިސްޓްރީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި އެކި ތަންތަނުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން މިމަހު 23 ވަނަ ދުވަހު ވަނީ ފަށާފައެވެ.

ފުލުސްއޮފީހުުން ނެރުނު ބަޔާނުގައި ވަނީ ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އެ ދުވަހު ނަގާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެކަމަށެވެ. އެ ބަޔާނުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށްވެސް ވެއެވެ.

2020 ވަނަ އަހަރު މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކުރީގެ ނައިބުރައީސް އިސް ނަންގަވައިގެން އޭރުގެ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރި ވެޑައިގެން މަސްވަރާތައް ކުރިއަށް ގެންގޮސްފައިވެއެެވެ. މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ބޭއްވުނު މަސްވަރާތަކުގައި (އޭރުގެ) މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ފުލުހުންގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެގޮތުން ވެހިކަލް ޕާކިންގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާއި ޓްރެފިކްގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިޔަށް ގެންދިއުމުގެ މުހިންމުކަމާއި، މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެހާރުން އެހާރަށް ކުރެވެން ހުރި ކަންކަން  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުންނާއި، ކުރިޔަށް އޮތްތަނުގައި ޓްރެފިކްގެ ކަންކަމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަސްވަރާކުރެވުނެވެ.

ރެޖިސްޓްރީ ނުވެހުރި އުޅަނދުތައް މިމަހު 23 ވަނަ ދުވަހު (ޓޯވް ކޮށް) ނަގަން ފަށާފައިވާއިރު، ޖެހިގެން އައި 24 ވަނަ ދުވަހު މާލެ ސަރަހައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ނަމުގައި ޕްރޮގްރާމެއް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާހު ކުރައްވާފައެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލި "އަރބަން ޓްރެފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއި މަސްވަރާ އާއެކު އެކުލަވާލި ޕްލޭނުގައިވާ ހަރަކާތްތަކެއް ކަމަށާއި، އެކަންކަން ބެހޭ މައިގަނޑު 3 ބައި ވަނީ ހާމަކުރައްވާފައެވެ. އެއީ:

  • ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
  • ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން
  • މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

މީގެ ތެރޭގައި:

  • ގަރާޖްނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން ނުކުރެވޭނެގޮތް ހެދުމުގެ ސަބަބުން ކާރު ރެޖިސްޓަރ ކުރި އަދަދު އެވްރެޖުކޮށް 122 އިން 60 އަށް ދަށް ވެފައިވުން؛
  • މަގުމައްޗަކީ ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށްގެނެސް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެގޮތަށާއި (އަމިއްލަބޭނުމަށް ނުވަތަ ވިއްކުމަށްވިޔަސް) ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުންނޫނީ އެތެރެ ނުކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރުން؛
  • ޑޮމެއިންގެ ހިދުމަތް އޯޕަން ބިޑިންގ ނިޒާމުގެ ތެރެއަށް ގެނެސް، ޑޮމެއިންތަކާއި އެހިދުމަތް ޒަމާނީކޮށް، ރެކޯޑެއް ނެތި ދީފައިހުރި ޑޮމެއިން ނަންބަރުތައް އާންމުކޮށް، އެކަމަށް ގާނޫނީ ހައްލެއް ހޯދުން؛
  • ވެހިކަލް ލިމިޓް ކުރުމާއި ޢުމުރު ކަނޑައަޅައި، ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން؛
  • ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި، ރެޖިސްޓްރީ ކުރާ ޖާގަ އެހެންކަމަކަށް ބޭނުންކުރުން ހުއްޓުވުން ހިމެނެއެވެ.

މާލޭ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ މަގުތައް ތޮއްޖެހެމުން ދާކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ހައްލުވެސް ހޯދަން ޖެހި، ހޯދާނެ ހައްލުތަކުގެ ވާހަކަ ނުދައްކާ އެއްވެސް ބަޔަކުވެސް ނެތެވެ. ނަމަވެސް ވަށާޖެހޭނެ ހައްލެއްގެ ވާހަކަ ހަމަ އެކަކުވެސް ނުދައްކައެވެ. ޖުމްލަ ހައްލެއް ލިބިދާނެ ކަމެއްވެސް ނުކުރެއެވެ.

ކަމެއް ކުރަންވާނީ އެކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަންވެސް ކޮށްފައެވެ. މިސާލެއްގެ ގޮތުން 2023 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލްގެ 86 ވަނަ ޖަލްސާގައި، ނުގަވާއިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކަރ ޖެހުމާއި، މާލޭގައި ހުރި ބައެއް ޕާކިންގ ޖާގަތަށް ނަގަމުންދިއުމުގެ ކަންބޮޑުވުން ފާޅުކޮށް، ޕާކު ކުރާނެ ޖާގަ ނުދައްކައި އެކިއެކި ޖޫރިމަނާތައް ކޮށް، ވެހިކަލް ޓޯވް ކުރުމުގެ މައްސަލައިގެ ވާހަކަތައް ދެކެވުނެވެ. އަދި މާލޭގެ ލޭންޑް ޔޫސް ޕްލޭން، އޭރުގެ ސަރުކާރުން ފާސްކޮށްނުދީ މަރުތަޅު އަޅުވައި ހިފަހައްޓާފައިވާތީ، މޭޔަރު މުއިއްޒު 5 އަހަރުގެ ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މާލޭގެ 8 ތަނެއްގައި އަޅާނެ ޕާކިންގް ބިލްޑިންގްތަކެއް އެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އަޑުހަރުކޮށް ވާހަކަ ދައްކައި ބަޔާންތައް ނެރެފައި ވެއެވެ. ރަނގަޅު ވާހަކައެކެވެ. އިހަށް ކުރަން ޖެހޭ ކަންކަން އިހަށް ކުރަންޖެހޭނެއެވެ. އަދަބު ދޭންވާނީ އަދަބު ނުލިބޭނެ ގޮތް އޮވެ، އަމަލު ނުކުރުމުންނެވެ.

މާލެއަށް ކާރު އެތެރެ ކުރާ ކޮންމެ މީހެއްގެ ގަރާޖެއް ނޯވެއެވެ. އެއްބަޔަކަށް ގަރާޖު (ސިޓީ) ލާޒިމްވެގެން އެ ހޯދިއިރު، އަނެއް ބަޔަކަށް އެ ގަރާޖު (ސިޓީ) ވެސް ހޯދާކަށް ނުޖެހުނެވެ. ކާރު ރެޖިސްޓަރ ކޮށްދިނީ މަގުމައްޗަށެވެ. މީގެ މިސާލަކި ހުޅުމާލޭގެ (އަގުބޮޑު) ޕްރައިވެޓް ފްލެޓު ގަނެފައިވާ މީހުންނަށް، ގަރާޖެއް ނެތި އެޗްޑީސީގެ ސިޓީއަކުން މަގުމައްޗަށް އެމީހުންގެ ކާރުތައް ރެޖިސްޓަރ ކޮށްދީފައިވާ ކަމެވެ.

މާލޭގެ ހުރިހާ ގޯތިތައް ކަހަލަ ގޮތަކަށް، ހުރީ ބައިބައިކޮށް ފޮތިފޮތިކޮށް އާއިލާގެ މީހުންނަށް ބަހާފައެވެ. އެމީހެއްގެ ބައި އެމީހަކު 2 ބުރިއަށް ނުވަތަ ދިހަބާރަ ބުރިއަށް ހަދައެވެ. ބިލްޑިންގ ކޯޑުގައި އިމާރާތުގެ ތިރީ ބުރީގައި ގަރާޖެއް އޮތުން ލާޒިމު ކުރެވިދާނެއެވެ. ތިރީ ބުރީގައި ގަރާޖުވެސް ހެދީއެވެ. ނަމަވެސް އެ ގެއަށް ވަންނަން އޮންނަ ގޯޅިން އެ ޖަރާޖަށް ހަމަ ގައިމުވެސް ކާރެއް ވެއްދޭ ފުޅާމިނެއް ނެތެވެ. ދެންކުރާނީ ކީތް ހެއްޔެވެ؟ ކާރެއް ހޯދުމުގެ ހައްގުން އެމީހާ މަހުރޫމް ވީހެއްޔެވެ؟ ކުއްޔަށް ނަގައިގެންވެސް ކާރު ރެޖިސްޓަރ ކުރާނެ ގަރާޖެއް މިހާރަކު ނެތެވެ.

(ހުޅުމާލެ ފަދަ ތަންތަނުގައި) ފްލެޓްތަކުގައި އުޅޭ މީހުން ޖަރާޖެއް ހެދޭނެ ގޮތެއްވެސް ނޯވެއެވެ. އެމީހުންނަށް ކާރެއް ހޯދުމުގެ ހައްގު ނެތީހެއްޔެވެ؟ އޮތްނަމަ، އެގޮތަކީ ކޮބައިބާވައެވެ؟ އެމީހެއްގެ ގަރާޖު އެމީހަކު ހަދަން ބިންކޮޅެއްދެނީ ހެއްޔެވެ؟ ނުވަތަ އެއްކަލަ ޕާކިންގ އިމާރާތުން، އެމީހާގެ ކާރު ރެޖިސްޓަރކޮށް ބާއްވާނެޕާކިންގ ޖާގައެއް ކުއްޔަށް ދެނީ ހެއްޔެވެ؟ ނުވަތަ އެބުނާ ގަރާޖު (ސިޓީ) ގަންނާނީ ހެއްޔެވެ؟ 

ރަށް ރަށަށް ވެހިކަލް ގެނެވޭނެ އަދަދު (ކޯޓާ) ކަނޑައެޅުމުން، އެންމެ ފުރަތަމަ އެކަން ކުރާނީ ކޮންބައެއް ހެއްޔެވެ؟ ފައިސާވެރިންނާއި ވިޔަފާރިވެރިން ނޫންބާވައެވެ؟ އަވަހިއްޔާ އަވަހެވެ. (ފައިސާތަކެއްނެތް) އާދައިގެ ރައްޔިތުމީހާ ފައިސާކޮޅެއް ރައްކާކޮށްގެން ކާރެއް/ވެހިކަލެއް ގެންނަން ބެލިއިރު އެތެރެ ކުރެވޭކަށް ނެތެވެ، ކޯޓާ ހަމަވެއްޖެއެވެ. ކަށިބެހި ދުވަހު މީމަހަށް ލިބުނު ނަސީބެއް ނުލިބުނެވެ. ގާނޫނު އަސާސީގައި ބުނާ ހަމަހަމަ ހައްގެއް ނުލިބުނެވެ.

އަލަށް ވެހިކަލެއް އެތެރެކުރާނަމަ، ގަރާޖު ހޯދަންޖެހޭކަން މިހާރު އެނގެއެވެ. އެ ނުހޯދައި (ޓޯވްކުރުމުން ޖޫރިމަނާ ދައްކައި އަލުން ނެރެ ބާއްވާއިރަށް އަނެއްކާ ޓޯވްކޮށް މިސަކަރާތެއްގައި ވެހިކަލް ރެޖިސްޓަރ ނުކުރެވި އެ ހަލާކު ކުރާކަށް) އެތެރެއެއް ނުކުރާނެއެވެ. ކާރު/ވެހިކަލް އޮތީ (މި ގަވައިދާއި ފިޔަވަޅުތަކުގެ ކުރިން) އެތެރެވެފައެވެ. ކަންކުރާނެ، ކަން ވާނެ ގޮތެއް، ހައްލެއް ބުނެދީ  ދައްކަދޭން ވާނެއެވެ. ބައެއްގެ އަގުބޮޑު މުދަލެއް ފަނާ ކުރުވައިގެން ނުވާނެވެ. ފުރުސަތެއް ދޭންވާނެއެވެ. ހީލަތް ހަދަންނުޖެހި، އުސޫލެއްގެ ތެރެއިން އެކަން ވާނެ މަގެއް ދައްކަންވާނެއެވެ. އޭރު މާލޭސިޓީ ކައުންސިލުން އަޑު އުފުލި ފަދައިން އިހަށް ކުރަންޖެހޭ ކަންކަން ކުރާނީ ފަހަކުންނެއް ނޫނެވެ. 

މޭޔަރު މުއިއްޒު މިއަދު ހުންނެވީ ސަރުކާރާއި ހަވާލުވެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައެވެ. މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް މޭޔަރު މުއިއްޒު ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކޮށް، ޕާކިންގް ބިލްޑިންގްތައް އަޅާތަން ފެންނާނެކަމުގެ އުއްމީދުގައި ތިއްބާ ފެންނަނީ ސްޓިކަރ ޖަހާތަނެއް ނޫނެވެ. ވެހިކަލްތައް ޓޯވްކޮށް ގެންދާ މަންޒަރެވެ. ކޮންމެ ފަހަރަކު ދިހަ ހާހުން ޖޫރިމަނާކުރާތަނެވެ. އެތައް ހޭދައެއް ކޮށް، އެތައް ތަކުލީފެއް އުފުލައި، އެމީހާގެ ކާރު/ވެހިކަލް އެތެރެކޮށްފައި ތިބިމީހުން، އެ ރެޖިސްޓަރ ކުރާނެ ގޮތެއް ނެތި، ގޮތް ހުސްވެ މާޔޫސްވެފައިވާ މަންޒަރެވެ.