ޓްރަމްޕިޒަމްގެ އަގު އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެ: އެމެރިކާ

އޮކްޓޫބަރު 22, 2026 - 05:03
ޓްރަމްޕިޒަމްގެ އަގު އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެ: އެމެރިކާ

"ބަޖެޓު ހަމަހަމަކުރުން (ބެލެންސްޑް ބަޖެޓް)!!! ޑީޖޭޓީ" – ޑޮނަލްޑް ޓްރަމްޕްގެ މި ރިޔާސީ ދައުރުގެ 18 ވަނައަށްވީ ދުވަސް، 2025 ފެބްރުއަރީ 7 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވެވަޑައިގެންނެވި ވައުދަކީ މިއީއެވެ. މީގެއިތުރުން، 2024 ގެ ރިޔާސީ ކެމްޕޭން ދުވަސްވަރު އެމަނިކުފާނު ވަނީ މިއަށްވުރެ ބޮޑު ވައުދެއްވެސް ވެވަޑައިގެންފައެވެ. އެއީ އެންމެ ރިޔާސީ ދައުރެއްގެ ތެރޭގައި އެމެރިކާގެ މުޅި ގައުމީ ދަރަނި އެއްކޮށް ނައްތާލެއްވުމެވެ.

ޓްރަމްޕް ބާރުއަޅުއްވަމުން ގެންދެވީ ރައްޔިތުންނަށް ދަތިވާފަދަ، ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާ ނުލައިވެސް ބަޖެޓުގެ އަމާޒުތަކަށް ވާސިލުވެވޭނެ ކަމަށެވެ. 2024 ޖުލައި މަހު މިނެސޯޓާގެ ސެންޓް ކްލައުޑްގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ އިޖުތިމާއީ ރައްކާތެރިކަމާއި (ސޯޝަލް ސެކިއުރިޓީ) މެޑިކެއާގެ ހަރަދުތަކުން "އެންމެ ފައިސާފޮއްޗެއްވެސް" އުނިނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. "އެންމެ ފައިސާފޮއްޗެއްވެސް" ނުކަނޑާނެ ކަމަށް ވިދާޅުވި މި ވައުދު 2024 ގެ ތެރޭގައި އެތައް ފަހަރަކު ތަކުރާރުކުރެއްވިއެވެ. އޭގެ ތެރޭގައި ރިޕަބްލިކަންގެ މެނިފެސްޓޯވެސް ހިމެނެއެވެ.

އޭގެ ބަދަލުގައި އެމަނިކުފާނު ހުށަހެޅުއްވީ އިގުތިސާދީ ކުރިއެރުމާއި، ކްރިޕްޓޯކަރަންސީއާއި، ހާއްސަކޮށް އިމްޕޯޓް ޓެރިފް (އެތެރެކުރާ މުދަލުން ނަގާ ޓެކްސް) އިން ލިބޭ "ޖާދޫއެއްފަދަ" ފައިސާއިން ބަޖެޓު ދެކޮޅުޖައްސައި ދަރަނި ހަލާސްކުރުމަށެވެ. ޓްރަމްޕް ގަބޫލުކުރެއްވި ގޮތުގައި ޓެރިފުން ލިބޭ އާމްދަނީ ބޮޑުވެ، އިންކަމް (އާމްދަނީން ނަގާ) ޓެކްސްގެ ބަދަލުގައިވެސް އެ ބޭނުންކުރެވިދާނެއެވެ. އަދި އެމެރިކާގެ ކޮންމެ ޓެކްސްޕޭޔަރަކަށް 2000 ޑޮލަރުގެ ޑިވިޑެންޑް (ހިއްސާގެ ފައިދާ) އެއް ދިނުމަށްވެސް އެ ފައިސާ ބޭނުންކުރެވިދާނެއެވެ.

ނަމަވެސް ބަޖެޓުގެ އަސާސީ ހިސާބުތަކުން ދެއްކީ ޓްރަމްޕްގެ މި ހިޔާލީފޮލާ އާއި މުޅިން އިދިކޮޅު މަންޒަރެކެވެ. 2024 ވަނަ އަހަރު އެމެރިކާއަށް އެތެރެކޮށްފައިވަނީ ގާތްގަނޑަކަށް 3.3 ޓްރިލިއަން ޑޮލަރުގެ މުދަލެވެ. އެ އަހަރުގެ ބަޖެޓު ޑެފިސިޓް (ދެކޮޅުނުޖެހޭ ބައި) އުޅުނީ 1.8 ޓްރިލިއަން ޑޮލަރުގައެވެ. ޓެރިފުން އެކަނި ބަޖެޓު ޑެފިސިޓް ފިލުވާލެވޭނެ ކަމަށް ގަބޫލުކުރަންޖެހެނީ، ކަރަންޓާއި ތެލާއި ތެޔޮ ނޫން ގޭސް ހިމެނޭހެން އެތެރެކުރާ ހުރިހާ މުދަލަކުން 55 އިންސައްތައިގެ ޓެރިފެއް ޓްރަމްޕްގެ ސަރުކާރުން ނަގައި، އަދި އާންމުން އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް މުދާ ގަންނަމުންދާނެ ކަމަށް ގަބޫލުކޮށްގެންނެވެ. މިއީ ސަރީހަ އޮޅުވާލުމެކެވެ.

އެކަމަކު ބަޖެޓު ދެކޮޅުޖެއްސުމަށް "ޕްލޭން ބީ" އެއް އޮތެވެ! އެއީ އެކަން ކުރަން އިލޮން މަސްކާ ހަވާލުކުރުމެވެ! 2024 އޮކްޓޫބަރު މަހު ނިއުޔޯކްގެ މެޑިސަން ސުކުއެއާ ގާޑަންގައި ބޭއްވި އެއްވުމެއްގައި މަސްކް ވަނީ ބޭކާރު ހަރަދުތަކުގެ ތެރެއިން 2 ޓްރިލިއަން ޑޮލަރު ސަލާމަތްކުރެވިދާނެ ކަމަށް ބުނެ ފޮނިކަނޑާފައެވެ. މިއީ އެމެރިކާ ސަރުކާރާ ދެކޮޅަށް މަސްކް ފެށި "ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ" (ޑޯޖް) ގެ ފެށުމެވެ. މި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށް ވުމުގެ އިތުރުން، މީގެ ސަބަބުން ބަޖެޓު ޑެފިސިޓް ވަނީ ކުރިއަށްވުރެވެސް ބޮޑަށް ގޯސްވެފައެވެ. ޑޯޖް އިން ވަނީ އެމެރިކާގެ ޓެކްސް އިދާރާ (އައިއާރުއެސް) ގެ އޮޑިޓިންގ ސްޓާފުންގެ ތިންބައިކުޅައެއްބައި މަދުކޮށްފައެވެ. ޔޭލް ބަޖެޓް ލެބުން އަންދާޒާކުރާ ގޮތުގައި، ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު ދެރަވުމުގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސަރުކާރަށް ލިބެންޖެހޭ އާމްދަނީން 860 ބިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ގެއްލިގެންދާނެއެވެ.

އަދުގެ ހާލަތަށް ބަލައިލަމާ ހިންގަވާށެވެ. ނިމިދިޔަ ސެޕްޓެމްބަރު 30 އަށް ނިމުނު މާލީ އަހަރުގެ ބަޖެޓު ޑެފިސިޓް އުޅެނީ ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރުގައެވެ. މިއީ ޖޯ ބައިޑަންގެ ރިޔާސީ ދައުރުގެ ފަހު އަހަރަށްވުރެ 160 ބިލިއަން ޑޮލަރު (ގެއްލުން) އިތުރު އަދަދެކެވެ. ކުރިއަށް އޮތް އަހަރުގެ ޑެފިސިޓް މިއަށްވުރެވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ގައުމީ ދަރަނި އެއްކޮށް ނައްތާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިިއިރު، އެމެރިކާގެ މުޅި ދަރަނި އުޅެނީ 35 ޓްރިލިއަން ޑޮލަރުގައެވެ. ނަމަވެސް މިހާރު ކަންކަން ދާ މިސްރާބުން ބަލާއިރު، 2028 ގެ ނިޔަލަށް އެމެރިކާގެ ދަރަނި 45 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ.

އެހެން އިބާރާތަކުން ދަންނަވާނަމަ، އެމެރިކާގެ ދަރަނި އެންމެ ފުރަތަމަ 10 ޓްރިލިއަން ޑޮލަރަށް އެރީ 2008 ގެ މާލީ ކާރިސާ (ކްރައިސިސް) ގެ ތެރޭގައެވެ. އޭރު އެއީ އުުފުލަން ދަތި ބޮޑު ބުރަ އެއްގެ ގޮތުގައި ސިފަކުރެވުނެވެ. ނަމަވެސް މިއަދު، އިތުރުވި 10 ޓްރިލިއަން ޑޮލަރަކީ ޓްރަމްޕްގެ މާލީ ފަރުވާކުޑަކަމުގެ 4 އަހަރުގެ އަގަށް ވަނީ ވެފައެވެ.

މި "ރެކޯޑު" ހާސިލުވި ގޮތުގެ ބައެއް އުސްއަލިތަކަށް ބަލާއިރު، 2025 ވަނަ އަހަރު، ޓްރަމްޕާއި ރިޕަބްލިކަން ކޮންގްރެސްއިން ވަނީ 2017 ގައި ދިން ޓެކްސް ކުޑަކުރުމުގެ އިނާޔަތްތައް ދާއިމީކޮށް، އޭގެ މައްޗަށް އިތުރު ޓެކްސް ލުއިތަކެއް ދީ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސަރުކާރަށް ލިބޭ އާމްދަނީން ސީދާ 4.5 ޓްރިލިއަން ޑޮލަރު އުނިވެގެންދާނެއެވެ.

ކާބޯތަކެތީގެ އެހީ (ފުޑް ސްޓޭމްޕްސް) އާއި މެޑިކެއިޑްގެ ހަރަދުތަކުން 1.1 ޓްރިލިއަން ޑޮލަރު ކެނޑިކަމުގައި ވިޔަސް، ޖުމްލަކޮށް ބަލާއިރު، ޓްރަމްޕްގެ ބަޖެޓު ޕްލޭންގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސީދާ 3.4 ޓްރިލިއަން ޑޮލަރުގެ ގެއްލުން އެމެރިކާ ސަރުކާރަށް ވާނެއެވެ. އަދި ދަރަނި ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މި އަދަދު 4.1 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ.

ޓްރަމްޕްގެ އެންމެ މޮޅުކަމަށް ހީވި ބަޖެޓު "އައިޑިއާ" އަކީ ސަރުކާރުގެ އާމްދަނީގެ ވަސީލަތްތަކުގެ ބަދަލުގައި ޓެރިފް ބޭނުންކުރުމެވެ. މި ޕްލޭނަކީ އިގުތިސާދީ ގޮތުން ހަގީގަތަކަށް ހެދޭނެ ކަމަކަށް ނުވުމުގެ އިތުރުން، ގާނޫނީގޮތުންވެސް ބާތިލު ކަމެކެވެ. ޓެރިފަކީ ޓެކުހެކެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ޓެކްސް ނެގެނީ ކޮންގްރެސްއިން ފާސްކޮށްގެންނެވެ. ކޮންގްރެސްއިން ރައީސަށް ކުއްލި ހާލަތްތަކުގައި ޓެރިފް ނެގުމުގެ ބާރު ދީފައިވީ ނަމަވެސް، އެއީ ދާއިމީ އާމްދަނީ ހޯދާނެ އާ ނިޒާމެއް ގާއިމުކުރުމުގެ ބާރެއް ނޫނެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ 2026 ފެބްރުއަރީ މަހު މި އަސާސީ ގާއިދާ ކަށަވަރުކޮށްދީފައެވެ.

ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން އަންދާޒާކުރާ ގޮތުގައި އިރާނު ހަނގުރާމައަށް އެކަނިވެސް 45 ބިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. މިއީ ހަމައެކަނި ތެލާއި ހަތިޔާރު ފަދަ އޮޕަރޭޝަނަލް ހަރަދުތަކެވެ. ނަމަވެސް މާޗު މަހު ޕެންޓަގަންއިން ވަނީ ހަނގުރާމައާ ގުޅޭ އިތުރު ކަންކަމަށް 200 ބިލިއަން ޑޮލަރު ހޯދުމަށް އެދިފައެވެ. އަދި 2027 ވަނަ އަހަރަށް ޓްރަމްޕް ހުށަހެޅުއްވި މާލީ ބަޖެޓުގައި އެމެރިކާގެ ސިފައިންނަށް 1.5 ޓްރިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. މިއީ އިރާނު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ 44 އިންސައްތައިގެ (ހަރަދު) އިތުރުވުމެކެވެ.

ޓްރަމްޕްގެ "ވަން ބިގް ބިއުޓިފުލް ބިލް އެކްޓް" ގެ ދަށުން ސޯޝަލް ސެކިއުރިޓީ ނުވަތަ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތަކުން ނަގާ "އިންކަމް ޓެކްސް" ކުޑަކުރިއެވެ. އަދި ޓްރަމްޕްގެ ދައުރުގައި އިންފްލޭޝަން (ތަކެތީގެ އަގު) އުފުލުމުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ދެވޭ ދިރިއުޅުމުގެ ހަރަދުތަކުގެ އެލަވަންސް (އިތުރު ފައިސާ) ވަނީ ބޮޑުކުރަންޖެހިފައެވެ. މި ބަދަލުތަކާއެކު، "ސޯޝަލް ސެކިއުރިޓީ ޓްރަސްޓް ފަންޑު" 2032 ވަނަ އަހަރު މުޅިން ހުސްވާނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފައެވެ. މިއާއެކު މަޖުބޫރުވާނީ ބޮޑެތި ޓެކްސްތަކެއް ނަގަން ނުވަތަ އިނާޔަތްތައް ބޮޑުތަނުން ކަނޑާލާށެވެ.

ޓްރަމްޕްގެ މާލީ ވައުދުތަކަށް އިތުބާރުކުރެވެން ނެތްކަމުގެ "ރަތް ސިގުނަލެއް" ލިބުނީ، ސޯޝަލް ސެކިއުރިޓީއަށް އެންމެ ފައިސާފޮއްޗެއްވެސް ކަނޑައިނުލާނެ ކަމަށް ވިދާޅުވި 2024 ގެ ސެއިންޓް ކްލައުޑް ރެލީ/އެއްވުމުގެ ތެރޭގައި ދެއްކެވި ވާހަކަ ފުޅުންނެވެ. އެ އެއްވުން ބޭއްވި ރަށަށް ދައްކަންޖެހޭ 209000 ޑޮލަރުގެ ފީ ޓްރަމްޕް ނުދައްކަވައި މަޑު ޖެއްސެވިއެވެ.

އަހަރުގެ މެދުތެރޭގައި އޮންނަ (މިޑް-ޓާމް) އިންތިހާބު ކައިރިވަމުން އަންނައިރު، ޓްރަމްޕް ގެންދަވަނީ "ސޯޝަލިޒަމް" އާއި "ކޮމިއުނިޒަމުން" ގައުމުގެ އިގުތިސާދަށް ޑިމޮކްރެޓުން ނުރައްކާކުރާ ކަމަށް ތުހުމަތުކުރައްވަމުންނެވެ. ނަމަވެސް، އިގުތިސާދީ ބޮޑު ކާރިސާއެއް ނެތި ނުވަތަ ބޮޑު ހަނގުރާމައަކުން ކާމިޔާބީއެއް ނުލިބި، އެމެރިކާގެ ތާރީހުގައިވެސް ގައުމުގެ މާލިއްޔާތު އެންމެ ބޮޑަށް ހަލާކުކޮށްލި ސަރުކާރަކަށް ޓްރަމްޕްގެ ސަރުކާރު މިވަނީ ވެފައެވެ. އޮކްޓޫބަރު 1 ގައި އެމެރިކާގެ އާ، މާލީ އަހަރު ވަނީ ފެށިފައެވެ. އިންތިހާބުކުރެވޭ އާ ކޮންގްރެސްއަކަށް ކުރިމަތިލާން މަޖުބޫރު ވެފައި އެވަނީ އާ، މާލީ ހަގީގަތަކާއެކުގައެވެ. ވާނުވާ ބަލަން ދުނިޔޭގެ ސައުގުވެރިކަން އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.