މުނާފިގުން ސިފަތައް އެނގިގެންމެނުވީ މުނާފިގުން ދެނެގަންނާކަށް ނޭނގޭނެ

އޭޕްރީލް 17, 2024 - 18:36
 0
މުނާފިގުން ސިފަތައް އެނގިގެންމެނުވީ މުނާފިގުން ދެނެގަންނާކަށް ނޭނގޭނެ

މުނާފިގު - މީގެ މަސްދަރަކީ ނިފާގެވެ. ނިފާގުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބައިންކަން އެނގިލައްވާތޯއެވެ؟

ޖަވާބު: ނިފާގު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިއުތިގާދުގެ ނިފާގާއި އަމަލުގެ ނިފާގެވެ.

އިއުތިގާދުގެ ނިފާގަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިއުތިގާދުގެ ނިފާގުގެ ވާހަކަ ކީރިތި ގުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.

 ޢަމަލުގެ ނިފާގުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ހަދީސްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ.

أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري) “ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ހާލިސް މުނާފިގެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިގުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާންދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ހިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ އަހުދެއްވެއްޖެއްޔާ އެ އަހުދާ ހިލާފުވެއެވެ.  ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ހައްގުން އެއްކިބާވެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ.

 آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري)
މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވައުދެއްވެއްޖެނަމަ އެއާ ހިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ އެއަށް ހިޔާނާތްތެރި ވާނެއެވެ.”

ބައެއް މާތްމީހުން ބުނުއްވާފައިވެއެވެ. މި ނިފާގުކަން ފަހަރެއްގައި އިސްލާމްކަމާވެސް އެއްވެދާނެއެވެ. އެކަމަކު މި މުނާފިގުކަން ބޮޑުވަމުން ފުޅާވަމުންގޮސް މުނާފިގުކަން އަށަގެންފައިވާ މީހާ އިސްލާމްދީނުން މުޅިން ކަސިޔާރުކޮށްލަފާނެއެވެ. އެމީހާ ނަމާދުކޮށް، ރޯދަހިފައި، މުސްލިމެއްކަމުގައި ބުންޏަސްމެއެވެ.

މުނާފިގުކަމުގެ މިކަންކަމަކީ އީމާންކަން ނަހީކުރާ ކަންތައްތަކެވެ. މުނާފިގުކަމުގެ އަލާމާތްތައް ހަށިގަނޑުގައި ޖަމާވެއްޖެނަމަ، އަދި އެކަންތައްތައް މަނާކުރާނެ ހިތްވަރެއް އެހަށިގަނޑުގައިވާ އީމާންކަމަށް ލިބިގެންނުވާނަމަ، ފަހެ އެމީހާ ހާލިސް މުނާފިގެއްކަމުގައި މެނުވީ ނުވެއެވެ.