މުނާފިގުން ދެނެގަތުން
"ހަމަކަށަވަރުން، މުނާފިގުންނަށް، ވޭންދެނިވި ޢަޛާބު ހުރި ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ."
ހަޤީޤަތަކީ، މީހެއްގެ ހިތާއި ދުލާ ދިމާނުވާނަމަ ނުވަތަ ބަހާއި ޢަމަލު ދިމާނުވާނަމަ، އެކަމަކީ އިސްލާމީ ޢަޤީދާގައި މުނާފިގުކަމެވެ. މުނާފިގުކަމަކީ ކޮބައިކަން ބަޔާންވީ ސިފަތައް އެބައެއްގެ ކިބައިގައި ވީ ބައިގަނޑެއްގެ މީހުން ރަސޫލު ﷲ ﷺ ޒަމާނުގައި އުޅުނެވެ.
އަހަރުމެން އެންމެނަކީ ވެސް އިންސާނުންނަށް ވީތީ މީހެއްގެ ހިތުގައި ފޮރުވައި ވަންހަނާކޮށްފައިވާ އެއްވެސް އެއްޗެއް ދެނެގަތުމުގެ ބާރު އަހަރުމެންނަށް ލިބިގެނެއްނުވެއެވެ. ޚުދު ރަސޫލު ﷲ ﷺ އަށް ވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި ރަސޫލުކަމުގެ ބާރު އޮތް ހިނދުގައި ވެސް މީސްތަކުންގެ ހިތްތަކުގައިވާ ތަކެތި ހޯދުމުގެ ބާރެއް ލިބިވަޑައިގެންނުވެއެވެ. އެހެން ނަމަވެސް ﷲ ﷻ މީސްތަކުންގެ ހިތްތަކުގެ ޚަބަރު އެކަލޭގެފާނަށް ވަޙީގެ ޒަރީއާއިން އަންގަވާ ދެއްވެވިއެވެ.
ނަމަވެސް އަދުގެ މުސްލިމުންގެ ތެރޭގައި ހިމެނޭ މުނާފިގުން ދެނެގަނެ ހޯދައިގަނެ އެބައިމީހުނަށް މުނާފިގުކަމުގެ ޙުކުމް ޖެހުމަކީ އަހަރުމެންނަށް ކުރެވެނޭ ކަމެއްނޫނެވެ.
އުންމަތުގެ ޢުލަމާއިން، ހިތުގެ އީމާންކަމާއި ބޭރުގެ ޢަމަލުން މުނާފިގުކަން ދެގޮތަކަށް ސިފަކުރައްވަވައެވެ. މީގެތެރެއިން ފުރަތަމަ ގޮތަކީ މީހާ އޭނަގެ ކާފިރުކަން ހިތުގައި ވަންހަނާކޮށް ބޭރުފުށުން އޭނައަކީ މުސްލިމެއްކަމުގައި ފާޅުކުރުމެވެ. މުނާފިގުކަމުގެ މިފައްތަރުގައި ވާ މީހަކީ ޤުރުއާނުގައި އައިސްފައިވާފަދައިން (”ހަމަކަށަވަރުން މުނާފިގުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ.“) ވާ މީހެކެވެ. ދެވަނަ ގޮތަކީ މީހާ އޭނާގެ ހިތުގައި އީމާންތެރިކަން ވާ ޙާލު ބޭރުފުށުގެ ޢަމަލުން މުނާފިގުކަމުގެ ސިފަތައް ފެނުމެވެ.
ހިތާމައަކީ މިއަދުގެ މުސްލިމުންގެ ތެރެއިން ބޮޑުބައިގަނޑެއްގެ މީހުންނަކީ އެބައިމީހުންގެ ޢަމަލުތަކުގައި މުނާފިގުކަމުގެ ސިފަތައް އެކުލެވޭ އެފަދަ ޢަމަލުތައް ކުރަމުންދާ ބަޔަކަށްވުމެވެ. މުސްލިމެއްގެ ކިބައިގައިވާ މި މުނާފިގުކަމުގެ ޢަލާމާތްތަކަކީ އެކަމެއްގެ ސަބަބުން މުސްލިމުންގެ ކަރާމާތް ގެއްލި އިސްލާމްދީނުގެ ޙުރުމަތް ވެއްޔާމޮޑެވުނު ކަމެކެވެ.
قال رسول الله ﷺ: ” تلك صلاة المنافق: يجلس يرقب الشمس حتى إذا اصفرت وكانت بين قرني الشيطان قام فنقر أربعا لا يذكر الله فيها إلا قليلا ” . رواه مسلم
ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާ ޙަދީޘްކުރެއްވިއެވެ:” އެއީ މުނާފިގުމީހާ ނަމާދުކުރާގޮތެވެ. އިރުއޮއްސޭތޯ ބަލަބަލާ ހުރެފައި އޮއްސެން ކައިރިވާއިރަށް އަދި ޝައިޠާނާގެ ދެދަޅައިގެ ތެރެއަށް ވަންނައިރަށް ތެދުވެ ވަރަށް އަވަސްއަވަހަށް ހަތަރު ރަކުޢަތް ކުރާނެއެވެ. އޭގައި ވަރަށް މަދުން ނޫނީ ހެޔޮ އެއްޗިއްސެއް ނުކިޔާނެއެވެ”. ﷲ ރުއްސުންލެއްވި ޞަޙާބީން މިފަދައިން ކަންތައް ކުރާމީހުން ދެކެފައިވަނީ ޢަމަލީ މުނާފިގުން ކަމުގައިއެވެ.
وَمِنَ النَّاسِ مَنْ يَقُوْلُ ءَامَنَّا بِاللهِ وَبِالْيَومِ الْأخِرِ وَمَا هُمْ بِمُؤْمِنِيْنَ (البقرة: 8)
މާނައީ: “މީސްތަކުންގެ ތެރެއިން، ބައެއް މީހުން ދުލު ކޮޅުން ބުނެ އުޅެއެވެ. ‘ތިމަންމެން، މާތްﷲ އަށާއި، ޤިޔާމަތް ދުވަހަށް އީމާންވެއްޖައީމެވެ.’ އަދި އެބައިމީހުންނީ، އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ.”
الْإمَام الْقُرطُبِيِّ ވިދާޅުވެފައިވެއެވެ. މިއާޔަތަކީ، الْكَرَّامِيَّة، ކިޔުނު ފިރްޤާގެ ބާޠިލުކަން ހާމަވާ ދަލީލެކެވެ. މިފިރްޤާ، ނިސްބަތް ވެފާ ވަނީ، مُحَمَّد إبْن كَرَّام السَّجِسْتَانِيّ އަށެވެ. الْكَرَّامِيَّة ފިރްޤާގެ އެންމެ އިސްމީހަކީ، مُحَمَّد إبْن كَرَّام السَّجِسْتَانِيّ އެވެ. إبْن حِبَّان ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ގެ ޢަޤީދާއަކީ، ޝަހާދަތުގެ ދެކަލިމައަށް، ދުލުން އިޤްރާރު ވުމުން، ފުދޭނެ ކަމަށެވެ. إبْن حَزم ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ބުނަނީ، ހިތުން ޤަބޫލު ނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން ފުދޭނެ ކަމެވެ. ހިތުގައި ކުފުރު އޮތަސް، އިޤްރާރު ވުމުން ފުދޭނެއެވެ. الْإمَام الذَّهَبِيّ ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ގެ މިޢަޤީދާއަކީ، މުނާފިގުންގެ ޢަޤީދާއެވެ.
الْكَرَّامِيَّة ފިރްޤާގެ ޢަޤީދާއަކީ، ހިތުން ޤަބޫލުނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން، މުއުމިނަކަށް ވެވުނީ ކަމުގައެވެ. ނަމަވެސް، އިސްވެދިޔަ އާޔަތުގައި އެވަނީ، ހިތުން ޤަބޫލުނުކޮށް، ހަމައެކަނި ދުލުން އިޤުރާރުވާ މީހުންގެ އީމާންކަން ނަފީކޮށްފައެވެ. އެބަހީ އެފަދަ، މީހުންނަކީ މުއުމިނުގެ ތެރެއިން ވާ ބައެއް ނޫންކަން އަންގަވާފައެވެ. ވީމާ مُحَمَّد إبْن كَرَّام السَّجِسْتَانِيّ އާއި، އޭނާއަށް ތަބަޢަވާ މީހުން، އެވަނީ މުނާފިގުންގެ މަގު ޚިޔާރުކޮށްފައެވެ. އަދި އެފަދަ މީހުންނަކީ، އަބާއްޖަވެރިންނެވެ.
އެފަދަ މީހުންނަށް، އެބަހީ މުނާފިގުންނަށް، މިނަން ދެވުނީ، އެމީހުންގެ ހިތުތެރޭގައި ވާގޮތް، ނޫން ގޮތެއް ފާޅު ކުރާތީއެވެ. މިފަދަ މީހުންގެ ވާހަކަ، ކީރިތި ޤުރުއާނުގައި، ބަޔާން ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.
إذَا جَاءَكَ الْمُنَافِقُونَ قَالُواْ نَشْهَدُ إنَّكَ لَرَسُولُ اللهِ وَاللهُ يَعْلَمُ إنَّكَ لَرَسُولُهُ وَاللهُ يَشْهَدُ إنَّ الْمُنَافِقِيْنَ لَكَاذِبُوْنَ (المنافقون: 1)
މާނައީ: “ކަލޭގެފާނުންގެ އަރިހަށް، މުނާފިގުން އަތުވެއްޖެނަމަ، އެމީހުން ބުނެއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ މާތް ﷲގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަކީ މާތްﷲގެ ރަސޫލާކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިގުން އެހަދަނީ، ދޮގުކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ.”
މުނާފިގުންގެ ބައެއް ޞިފަތައް:
1. ނަމާދަށް ހުންނައިރު ކަންނެތް ކަމާއިއެކު ހުރުން
2. މަދުންނޫނީ މާތްﷲ ހަނދުމަ ނުކުރުން
މާތް ﷲ ވަޙީކުރައްވާފައިވަނީ؛
إنَّ الْمُنَافِقُونَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ وَإذَا قَامُواْ إلَي الصَّلوةِ قَامُواْ كُسَالَي يُرَآءُوْنَ النَّاسَ وَلاَ يَذْكُرُوْنَ اللهَ قَلِيْلاً (النساء: 142)
މާނައީ: “ހަމަކަށަވަރުން، މުނާފިގުން (އެމީހުން ހިތުން) މާތް ﷲއަށް އޮޅުވާލައެވެ. ނުވަތަ މަކަރު ހަދައެވެ. އެއީ އެބައިމީހުންގެ އޮޅުވުންތަކުގެ ނުވަތަ މަކަރުގެ ޖަޒާ އެމީހުންނަށް އެކަލާނގެ ދެއްވާ ޙާލުގައެވެ. އަދި އެމީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަން ދައްކަމުން ކަންނެތް ކަމާއިއެކުގައި ތެދުވެއެވެ. އަދި މަދުން މެނުވީ އެބައިމީހުން މާތްﷲގެ މަތިން ހަނދުމަނުކުރެއެވެ.”
3. މާތްﷲ ގެ މަގުގައި ނުރުހި ތިބެ ހޭދަކުރުން
މާތްﷲ ވަޙީކުރެއްވީ؛
وَلاَ يَأتُوْنَ الصَّلوةَ إلاّ وَهُمْ كُسَالَي وَلاَ يُنْفِقُوْنَ إلاَّ وَهُمْ كَارِهُوْنَ (التوبة: 54)
މާނައީ: “އެބައިމީހުން ކަންނެތް ބަޔަކު ކަމުގައި ވެގެން ތިބެ މެނުވީ ނަމާދަކަށް ނާދެއެވެ. އަދި ނުރުހި ތިބެގެންވާ ބަޔަކު ކަމުގައި ތިބެ މެނުވީ ހޭދައެއް ނުކުރެއެވެ.”
4. ނުބައި ކަންތަކަށް ބާރުއެޅުން
މާތްﷲ ވަޙީކުރެއްވީ؛
الْمُنَافِقُونَ وَالْمُنَافِقَاتً بَعْضُهُمْ مِنْ بَعْضٍ يَأمُرُوْنَ بِالْمُنْكَرِ وَيَنْهَونَ عَنِ الْمَعْرُوف (التوبة: 67)
މާނައީ: “މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނަކީ އެއްބަޔެކެވެ. އެބައިމީހުން ނުބައި ކަންތަކަށް އަމުރު ކުރެއެވެ. އަދި ހެޔޮ ކަންތައް ނަހީކުރެއެވެ.”
5. އަމާނާތަށް ޚިޔާނަތްތެރިވުން
6. ދޮގު ހެދުން
7. ޢަހުދާއި ޚިލާފުވުން
8. ޒުވާބު ކުރާއިރު ހަޑި އެއްޗެތި ކިއުން
ޢަބްދުﷲ އިބްނު ޢުމަރު ރިވާކުރެއްވިއެވެ. “ހަމަކަށަވަރުން، ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ހަތަރު ޞިފަ ހުރި މީހަކީ، ފައްކާ މުނާފިޤެކެވެ. އަދި އެމީހެއްގެ ގައިގާ އޭގެ ތެރެއިން އެއް ޞިފަ ހުރި މީހާވެސް، އެދޫނުކުރާހާ ހިނދަކު، އޭނާއަކީވެސް، މުނާފިގުންގެ ޞިފައެއް ހުރި މީހެކެވެ. އަމާނާތަށް ޚިޔާނަތްތެރިވުމާއި، ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، ކުރެވިފައިވާ ޢަހްދާއި ޚިލާފުވުމާއި، އަދި ޒުވާބުކުރާއިރު ހަޑި އެއްޗެހި ކިޔުމެވެ.” (ބުޚާރީ: 34)
9. ވަޢުދާ ޚިލާފްވުން
މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާ ވެގެންވެއެވެ. “ހަމަކަށަވަރުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “މުނާފިގުންގެ ޢަލާމާތަކީ ތިނެކެވެ. ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، އަމާނާތަށް ޚިޔާނަތްތެރިވުމާއި، އަދި ވަޢުދާއި ޚިލާފުވުމެވެ.” (ބުޚާރީ: 2682)
10. ޢިޝާ ނަމާދާއި ފަތިސް ނަމާދު ބުރަވުން
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “މުނާފިގުންނަށް ޢިޝާ ނަމާދާއި ފަތިސް ނަމާދަށްވުރެ ބުރަ ނަމާދެއް ނުވެއެވެ. އެމީހުންނަށް، އެދެނަމާދުގެ ޘަވާބު އެނގޭނަމަ، ފިރުކެމުން ފިރުކެމުން އަންނަން ޖެހުނު ކަމުގައި ވިޔަސް، އެ ދެނަމާދަށް ޙާޟިރު ވާނެތެވެ.” (ބުޚާރީ: 657)
11. އަންޞާރު ބޭކަލުންނަށް ނަފްރަތް ކުރުން
މާތް ﷲ ރުއްސުންލެއްވި އަލް ބަރާއުގެ އަރިހުން ރިވާ ވެގެންވެއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “އަންޞާރު ބޭކަލުންދެކެ ލޯބިވާނީ ހަމައެކަނި މުއުމިންނެވެ. އަދި އެބޭކަލުންނަށް ނަފްރަތް ކުރާނީ ހަމައެކަނި މުނާފިގުންނެވެ.” (ބުޚާރީ: 3783)
12. ޤަޞްދުގައި، ޢަޞްރު ނަމާދު ލަސްކޮށް އެނަމާދު ހަލުވި ކަމާއިއެކު ކުރުން
އަލްޢަލާއު އިބްނު ޢަބްދުއްދިރްހަމް ރިވާކުރެއްވިއެވެ. މެންދުރު ނަމާދު ކުރުމަށްފަހު، އެކަލޭގެފާނު އަނަސް އިބްނު މާލިކުގެ، ބަޞަރާގައި ހުރިގެއަށް (އަނަސްގެފާނުންގެ އަރިހަށް) ވަދެވަޑައިގަތެވެ. އަނަސްގެފާނުގެ ގެކޮޅު ހުންނަނީ މިސްކިތް ކައިރީގައި އެވެ. “ތިމަންމެން، އެކަލޭގެފާނުގެ އަރިހަށް ވަނުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުން، ޢަޞްރު ނަމާދު ކޮށްފިންތޯއެވެ؟” ތިމަންމެން އެކަލޭގެފާނަށް ދެންނެވީމެވެ. “ތިމަންމެން މެންދުރު ނަމާދު ކުރީ ދެންމެއަކުއެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ޢަޞްރު ނަމާދު ކުރާށެވެ!” ތިމަންމެން، ތެދުވެ ޢަޞްރު ނަމާދު ކޮށްފީމެވެ. ތިމަންމެން ނަމާދުކޮށް ނިމުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު، ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވީމެވެ. “އެއީ މުނާފިގުން ނަމާދު ކުރާ ގޮތެވެ. އެމީހުން، ނަމާދުނުކޮށް ތިބޭހުށީ، އިރަށް ބަލަބަލައެވެ. ދެން އިރު، ޝައިޠާނާގެ ދެދަޅު ދެމެދުން އޮއްސެން ކައިރިވުމުން، ތެދުވެ ދޫނި ތުންތަޅާ ފަދައިން، އަވަސް އަވަހަށް ހަތަރު ރަކުޢަތް ކޮށްލައެވެ. އަދި، އެނަމާދުގައި، މަދުން މެނުވީ މާތްﷲ ހަނދުމައެއް ނުކުރެތެވެ.” (މުސްލިމް: [1412] 195 (622)
13. ޢަލީގެފާނަށް ނަފްރަތްކުރުން
މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲގެފާނު، ތިމަން ކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނު ދެކެ ލޯބިވާނީ، ހަމައެކަނި މުއުމިނުންނެވެ. އަދި ކަލޭގެފާނު ދެކެ ނަފްރަތްކުރާނީ، ހަމައެކަނި މުނާފިގުންނެވެ.” (ތިރްމިޛީ: 3736، އަލްއިމާމް ތިރްމިޛީ މިއީ ޞަޙީޙް ޙަދީޘެއްކަމަށް ވިދާޅުވެފައިވެއެވެ.)
بَشِّرِ الْمُنَافِقِيْنَ بِأنَّ لَهُمْ عَذَابًا ألِيْمًا (النساء: 138)
މާނައީ: “ހަމަކަށަވަރުން، މުނާފިގުންނަށް، ވޭންދެނިވި ޢަޛާބު ހުރި ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ.” މީގެ މުރާދަކީ، ބިރުވެރި ޚަބަރު ދެއްވާށެވެ. މިއީ، ޢަރަބިން ބޭނުންކޮށް އުޅޭ އުސްލޫބެކެވެ. ބަލާޣާތުގެ ޢިލްމުގައި، އިސްތިޢާރާގެ ބައިތަކެއް ވެއެވެ. އޭގެ ތެރޭގައި، الْعِنَادِيَّةއެވެ ކިޔުނު ބައެއްވެއެވެ. އެބައިގާ التَّهَكُّمِيَّة އަދި التَّمْلِيْحِيَّة އޭ ކިޔުނު ބައެއްވެއެވެ. މިބައި މާނަ ކުރާއިރު، މާނަ ކުރަނީ، އެބޭނުން ކުރެވިފައިވާ ލަފްޒުގެ އިދިކޮޅު މާނައެވެ. މިއީ ދިވެހި ބަހުގައިވެސް، ބޭނުން ކުރެވޭ އުސްލޫބެކެވެ. މިސާލަކަށް، މީހަކު ގޯސްކަމެއް ކުރުމުން، އެމީހަކާ ދިމާއަށް ބުނެއެވެ. “ކަލޭ ތިކުރަނީ ވަރަށް ރަނގަޅު ކަމެކެވެ.” މުރާދަކީ ގޯސް ކަމެކެވެ.
މާތް ﷲ ކީރިތި ޤަރުއާނުގައި، މުނާފިގުންނަށް ޤިޔާމަތް ދުވަހު ދެއްވާނެ ޖަޒާ، ބަޔާން ކުރައްވަމުން ވަޙީ ކުރެއްވިއެވެ.
إنَّ الْمُنَافِقِيْنَ فِي الدَّرْكِ الْأسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيْرًا (النساء: 145)
މާނައީ: “ހަމަކަށަވަރުން، މުނާފިގުންވާ ހުށީ ނަރަކައިގެ އެންމެ އަޑީ ބައިގައެވެ. އެބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނޫއެވެ.”
މިއީ އެމީހުންނާއި ބެހޭ ގޮތުން، އައިސްފައިވާ ވަޢީދުގެ ބަސްފުޅެކެވެ. މުނާފިގުންގެ އިސްމީހަކީ ޢަބްދުﷲ އިބްނު އުބައްޔުއެވެ. ޙުޛައިފަތުގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “މިލަފްޒު ނިސްބަތްވާ މީހުންގެ ތެރޭގައި، ބާރަ މުނާފިގުންވެއެވެ. އޭގެ ތެރެއިން، އަށް މީހުންނަށް، އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭ ހުއްޓެވެ.” (މުސްލިމް: [7035] 9 (2779) )
އަނަސްގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “ދައްޖާލު އަރައިގެން އައިސް، މަދީނާގެ އެއްފަރާތުގައި މަޑުކޮށްލާނެތެވެ. ދެން މަދީނާ، ތިންފަހަރު ހެލިގެން ދާހުއްޓެވެ. އެހިނދު ހުރިހާ ކާފިރުންނާއި މުނާފިގުން މަދީނާއިން ނުކުންނާނެތެވެ.” (ބުޚާރީ: 7124)
ޢަބްދުﷲ އިބްނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. “ތިމަންކަލޭގެފާނުންގެ އުއްމަތުގެ ގިނަ މުނާފިގުންނަކީ، ޤާރީވެރިންނެވެ.” މިޙަދީޘްގެ ރާވީންނަކީ ޘިޤަތުގެ ވެރި ބޭކަލުންކަމަށް الْهَيْثَمِيّ ވިދާޅުވެފައިވެއެވެ. شُعَيْب الْأرنَاؤوط ވެސް، މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ވިދާޅުވެއެވެ. (އަޙްމަދު: 6633)
يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ وَمَا يَخْدَعُوْنَ إلاَّ أنْفُسَهُمْ وَمَا يَشْعُرُوْنَ (البقرة:9)
މާނައީ: “އެބައިމީހުން މާތްﷲއަށް މަކަރު ހަދައެވެ. އަދި އެމީހުން އީމާންވި މީސްތަކުންނަށް މަކަރު ހަދައެވެ. އެމީހުން ހަދާ މަކަރުގެ އަދަބު ނުވަތަ ޖަޒާ ލިބޭ ހުށީ ހަމައެކަނި އެމީހުންނަށެވެ. އަދި އެބައިމީހުންނަށް އެކަން ނޭނގެނީއެވެ.”
يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ: އެމީހުން (އެބަހީ މުނާފިގުން)، އެމީހުންގެ ހިތުން މާތްﷲ އަށް މަކަރު ހަދައެވެ. الْإمَام الْقُرطُبِيِّ ވިދާޅުވެފައިވެއެވެ. “ބަހުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. ‘ޢަރަބި ބަހުގައި الْخَدَعُ ގެ މާނައަކީ، الْفَسَاد އެވެ.’ ” الْإمَام الْقُرطُبِيِّ ވިދާޅުފައިވަނީ މި އާޔަތުގެ މުރާދަކީ، “އެމީހުން (އެބަހީ މުނާފިގުން) އެމީހުންގެ އީމާންތެރިކަމާއި ޢަމަލުތަކުގައި ދެއްކުންތެރިކަން ހިމެނިފައިވުމުން، ފާސިދު ވެދެއެވެ. އެބަހީ ބޭކާރުވެދެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online