ޕާލް ރެޒިޑެންސްގެ ފަހަތުގައިވާ ކުންފުނީގެ ފަސާދައިގެ ތާރީހާއި އަލްއައްބާރުގެ ނުފޫޒުގަދަ ވިޔަފާރި ގުޅުންތައް
ރާއްޖޭގެ ފުރަތަމަ ގޯލްޑަން ވިސާ ޕްރޮގްރާމް ކަމަށްވާ "ޕާލް ރެޒިޑެންސް" ފަރުމާކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަނުގައި ގާއިމުވެފައިވާ ހެންލީ އެންޑް ޕާޓްނާސްއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިތާ ސޯޅަ މަސް ދުވަސް ވެގެންދިޔައިރުވެސް، އެ ކުންފުނީގެ ބައިނަލްއަގުވާމީ ފަސާދަ (ނުވަތަ ކޮރަޕްޝަން) ގެ ރެކޯޑުތަކާ ގުޅޭގޮތުން ރާއްޖޭގެ މުއައްސަސާތަކުން ވަނީ ހިމޭންކަން އިހުތިޔާރުކޮށްފައެވެ.
އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) އިން ފާއިތުވި ދިހަ އަހަރު ތެރޭގައި އެތައް ފަހަރެއްގެ މަތިން ތަހުގީގުކޮށްފައިވާ މި ކުންފުންޏަކީ، 2017 ވަނަ އަހަރު މޯލްޓާގެ ނޫސްވެރިޔާ ޑަފްނީ ކަރުއާނާ ގަލީޒިއާ މަރާލި އިރު އޭނާ ތަހުގީގު ކުރައްވަމުން ގެންދެވި މޯލްޓާގެ ރަށްވެހިކަން ވިއްކުމުގެ ޕްރޮގްރާމްވެސް ފަރުމާކުރި ކުންފުންޏެވެ.
މިދިޔަ ޖުލައި މަހު މި އެއްބަސްވުން އިއުލާންކުރި ފަހުން ރާއްޖޭގެ އެއްވެސް މީޑިއާއަކުން މި ކުންފުނީގެ ހަގީގަތް ފުންކޮށް ބަލާފައެއް ނުވެއެވެ. ނޮވެމްބަރު 5 ވަނަ ދުވަހު ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ހެންލީ އެންޑް ޕާޓްނާސް މެދުވެރިކޮށް މޯލްޑިވްސް ޕާލް ރެޒިޑެންސް ތައާރަފުކުރައްވާފައެވެ.
Minister @em_saeed has formally introduced The Maldives Pearl Residence, the Maldives’ forthcoming Residency-by-Investment program, at the 19th Global Citizenship Conference in London. This initiative aligns with President Dr. Mohamed Muizzu’s vision for economic diversification and sustainable growth. The Maldives Pearl Residence represents a new era of responsible investment, fostering opportunities that integrate innovation, sustainability, and long-term value. The program is scheduled for its official launch in April 2026. #MaldivesPearlResidence #ResidencyByInvestment #InvestMaldives
— Ministry of Economic Development,Transport & Trade (@MoEDmv) November 5, 2025
އޯސީސީއާރުޕީން "ޕާސްޕޯޓް ރަސްގެފާނު" ގެ ނަމުން ނަންދީފައިވާ ސްވިޒަލޭންޑްގެ ވިޔަފާރިވެރިޔާ ކްރިސްޓިއަން ކެލިން ޗެއާމަންކަން ކުރައްވާ މި ކުންފުނީގެ އަންޑާން ފައުންޑޭޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނަވައެވެ. އަދި 2024 ވަނަ އަހަރު އެ ފައުންޑޭޝަނާއި ހެންލީ ގުޅިގެން ނަޝީދަށް 20،000 ޑޮލަރުގެ ފައިސާގެ އިނާމަކާއެކު ގްލޯބަލް ސިޓިޒަން އެވޯޑްވެސް ދީފައިވެއެވެ.

އަލްއައްބާރާއި ޖެރެޑް ކުޝްނާގެ ވިޔަފާރި ގުޅުންތަކާއި ރިއަލް އެސްޓޭޓް ނުފޫޒު
ހެންލީ އެންޑް ޕާޓްނާސް ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކުން ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަންނަމުންދާއިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން 99 އަހަރަށް އަދި އާކުރެވޭ ގޮތަށް ދީފައިވާ ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލްއައްބާރުގެ ވިޔަފާރި މޮޑެލްއަށްވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެމާރު ޕްރޮޕަޓީސްއާއި އީގަލް ހިލްސްގެ ބާނީ އަލްއައްބާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއާއެކު، ބަލްކަން ސަރަހައްދުގެ ގައުމުތައް ކަމަށްވާ ސާބިއާއާއި އަލްބޭނިއާގައި ހިންގާ ލަގްޒަރީ ރިއަލް އެސްޓޭޓް މަސްރޫއުތަކަކީ ސިޔާސީ ނުފޫޒާއި ދެފުށް ނުފެންނަ އެއްބަސްވުންތަކުގެ ލާމަސީލު މިސާލުތަކެކެވެ.
ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުރި ތާރީހީ އަސްކަރީ މަރުކަޒެއްގެ ބިމުގައި ކުޝްނާގެ އެފިނިޓީ ޕާޓްނާސްއާއި އަލްއައްބާރުގެ އީގަލް ހިލްސް ގުޅިގެން ހިންގާ 500 މިލިއަން ޑޮލަރުގެ މަސްރޫއުތަކުގައި، އެ ގައުމުތަކުގެ ގާނޫނުތަކަށް ބަދަލު ގެނެސްގެން އާންމު ބީލަމަކާ ނުލައި އަގުބޮޑު ބިންތައް ވަނީ ހަވާލުކޮށްފައެވެ. އީގަލް ހިލްސްއިން ސާބިއާގައި ހިންގި "ބެލްގްރޭޑް ވޯޓާފްރަންޓް" މަސްރޫއުގައިވެސް، ދައުލަތުގެ ބިންތައް 99 އަހަރަށް ދޫކުރުމަށްފަހު އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބަދަލުގައި މުއްސަނދި ބޭރު މީހުންނަށް ލަގްޒަރީ އެޕާޓްމަންޓްތައް ވިއްކައި، ސަރުކާރުގެ އޮފިޝަލުންނާއެކު ސިއްރު އެއްބަސްވުންތައް ހަދާފައިވާކަން ތަހުގީގީ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.
ރާއްޖޭގައި ރަސްމާލޭގެ ބިން އަލްއައްބާރަށް ދިނުމާއި، ހެންލީ އެންޑް ޕާޓްނާސް މެދުވެރިކޮށް ރާއްޖޭގެ ރެޒިޑެންސީ ވިއްކަން ރޭވުމަކީ، ބޭރުގެ މަހުޖަނުންނާއި ސިޔާސީ ނުފޫޒުގަދަ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް ވިއްކާލުމަށް އެކުލަވާލާފައިވާ އެއް ވިއުގައެއްގެ ދަށުން ހިނގާ ކަންކަން ކަމަށް މުހައްލިލުން ދެކެއެވެ.
ޕާލް ރެޒިޑެންސްގެ ސަރުތުތަކާއި މާލީ އަންދާޒާތައް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އިސްތިހާރުކުރެއްވި މި ޕްރޮގްރާމް އޭޕްރީލް މަހު ފަށަން ތާވަލުކުރި ނަމަވެސް، އަދިވެސް ރަސްމީކޮށް ހުޅުވާލާފައެއް ނުވެއެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެންލީގެ މެނޭޖިން ޕާޓްނަރު ފިލިޕް އަމަރަންޓޭ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ ސިޔާސީ ހަމަނުޖެހުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް ބޭނުންވާ މުއްސަނދި އިންވެސްޓަރުންނަށް، އިންތިހާއަށް ސިއްރުވެރި އަދި ހާއްސަ ލަގްޒަރީ ޕްރޮޕަޓީތައް ރާއްޖެއިން ލިބޭނެ ކަމަށެވެ.
ބޭރުގެ އިންވެސްޓަރުންނަށް ރެޒިޑެންޓް ވިސާ ދިނުމުގެ ގާނޫނީ ބިންގާ އެޅީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިމިގްރޭޝަން ގާނޫނަށް ގެންނެވި އިސްލާހާއެކުގައެވެ. އެ އިސްލާހުގެ ދަށުން ރެޒިޑެންޓް ވިސާ ލިބޭ އެންމެ ދަށް އިންވެސްޓްމަންޓްގެ އަދަދު 50 މިލިއަން ޑޮލަރުން 250،000 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު (ގެ ލިޔުއްވުމުގައި) ވިދާޅުވާ ގޮތުގައި މި ޕްރޮގްރާމުން ރާއްޖޭގެ އިގުތިސާދަށް 1 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެއެވެ. އަދި ރައީސް މުއިއްޒުގެ (ބީސީސީ ވެބްސައިޓުން ފުހެލާފައިވާ) 2040 ވިޝަން ފޮތުގައި ފަސް އަހަރު ތެރޭގައި 1.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ހެންލީގެ ފަސާދައިގެ ނަމޫނާ: މޯލްޓާ، ސައިޕްރަސް އަދި ކެރީބިއަން
މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި ޕާލް ރެޒިޑެންސްގައި ހެންލީގެ ދައުރަކީ ޕްރޮގްރާމް ފަރުމާކުރުމާއި، އިންވެސްޓަރުން ހޯދުމާއި، ބައިނަލްއަގުވާމީ މާކެޓިންއެވެ. 2006 ވަނަ އަހަރު ސެއިންޓް ކިޓްސް އެންޑް ނެވިސްއިން ފެށިގެން ހެންލީން ގެންގުޅެނީ އެއް އުސޫލެކެވެ. މާލީ ދަތިކަން ހުންނަ ކުދި ގައުމުތަކަށް ގޮސް، ވިސާ ޕްރޮގްރާމްގެ ގާނޫނުތައް ލިޔެދީ، މުއްސަނދި ބޭރު މީހުންނަށް ވިސާ ވިއްކައި، އެ މީހުން ގަންނަ ރިއަލް އެސްޓޭޓް މަސްރޫއުތަކުން ހެންލީ އެސްޓޭޓްސް މެދުވެރިކޮށް ބޮޑެތި ކޮމިޝަންތައް ނެގުމެވެ.
މޯލްޓާގައި ހެންލީން ހިންގި ޕްރޮގްރާމުން 2018 ވަނަ އަހަރުގެ މެދަކާ ހަމައަށް އެ ކުންފުންޏަށް 28.8 މިލިއަން ޔޫރޯ، ފީގެ ގޮތުގައި ލިބުނެވެ. އެންމެ ފަހުން 2025 ވަނަ އަހަރު ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން ވަނީ އެ ޕްރޮގްރާމަކީ ގާނޫނާ ހިލާފު ޕްރޮގްރާމެއް ކަމަށް ހުކުމްކޮށް ކަނޑައަޅައި ހުއްޓުވާފައެވެ.
ސައިޕްރަސްގައި، މެލޭޝިއާގެ 1އެމްޑީބީ (1MDB) ހިޔާނާތުގެ މޭސްތިރި ޖޯ ލޯއަށް ރަށްވެހިކަން ހޯދައިދިނުމުގެ މުއާމަލާތުގައި ހެންލީން ބައިވެރިވެ، ވިސާ ފީއިން 60،000 ޔޫރޯ އަދި ވިލާއެއް ގަތުމުގެ ކޮމިޝަނުން 650،000 ޔޫރޯ ހޯދާފައިވާ ކަމަށް އޯސީސީއާރުޕީން 2021 ވަނަ އަހަރު ރިޕޯޓުކޮށްފައިވެއެވެ. ހެންލީން އެކަން ދޮގުކުރި ނަމަވެސް، އަލްޖަޒީރާގެ "ސައިޕްރަސް ޕޭޕާސް" ތަހުގީގަށްފަހު 2020 ވަނަ އަހަރު އެ ޕްރޮގްރާމް ވަނީ ސަސްޕެންޑްކޮށްފައެވެ.
މީގެ އިތުރުން ކެރީބިއަންގެ ސެއިންޓް ކިޓްސްގައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ މަހުޖަނު ސުލެއިމާން ކެރިމޯވްގެ އަނބިކަނބަލުން 6 މިލިއަން ޑޮލަރުގެ ޕްރޮޕަޓީއެއް ގަނެގެން ހެންލީއަށް 480،000 ޑޮލަރުގެ ކޮމިޝަން ލިބިފައިވެއެވެ. އަދި 4.6 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން ހިންގި ރަޝިޔާ ބޭންކެއްގެ ބާނީ ރުބެން ވަރްދާނިއަންގެ އާއިލާގެ މެންބަރުންނަށްވެސް ހެންލީ މެދުވެރިކޮށް ޕާސްޕޯޓް ހޯދައިދީފައިވާއިރު، އޭނާއަކީ ހެންލީގެ އަމިއްލަ ސިސްޓަމުންވެސް އެންމެ ނުރައްކާތެރި ދަރަޖައިގައި ފާހަގަކޮށްފައިވާ މީހެކެވެ. މިކަންވަނީ އޯސީސީއާރުޕީގެ ތަހުގީގަކުން ހޯދުނު ލިޔުންތަކަކުން ފަޅާއަރުވާލާފަ އެވެ.
ހެންލީން އަބަދުވެސް ބުނަނީ އެންމެ ފަހުގެ ހުއްދަ ދެނީ ސަރުކާރުތަކުން ކަމަށާއި އެ ކުންފުނިން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ރާއްޖެއަށް އޮތް ނުރައްކާ
މޯލްޓާއާއި، ސައިޕްރަސްއާއި، ސެއިންޓް ކިޓްސްގައިވެސް ފެނިގެންދިޔައީ އެއް މަންޒަރެކެވެ. މާލީ ދަތިކަން އޮތް ކުޑަ ގައުމަކަށް ހެންލީން ވިސާ ޕްރޮގްރާމެއް ވިއްކާލުމަށްފަހު، ފަސާދައިގެ މައްސަލަތައް ފަޅާއަރައި ބައިނަލްއަގުވާމީ ފިއްތުންތަކާ ހެދި އެ ޕްރޮގްރާމް ހުއްޓާލަން ޖެހުމެވެ. އޭގެ ސަބަބުން ގައުމުގެ އަގު ވެއްޓި ގެއްލުން ލިބެނީ އެ ގައުމަކަށެވެ. ހެންލީއަށް ފައިސާ ލިބެނީ އެޕްލިކޭޝަންތައް ފާސްވުމުން ކަމަށްވާތީ، ނުރައްކާތެރި މީހުންގެ އެޕްލިކޭޝަންތައްވެސް ފާސްކުރުމަށް އެ ކުންފުނިން އަބަދުވެސް ބާރުއަޅައެވެ.
ރާއްޖޭގެ މާޒީއަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައިވެސް ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ތެރެއިން 90 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ، ސިޔާސީ ފަރާތްތަކަށް ވަނީ ބަހާލާފައެވެ. ހިތާމައަކީ، އޭރު އެ ފަސާދަ ހިންގި މުއައްސަސާތަކުގެ އޮނިގަނޑާއި، މިހާރު ޕާލް ރެޒިޑެންސްއާއި ރަސްމާލޭގެ ލަގްޒަރީ މަސްރޫއުތަކަށް ހުއްދަ ދޭން އޮތް ނިޒާމާ މާ ބޮޑު ތަފާތެއް ނެތް ކަމެވެ.
[ އެޑިޓަރުގެ ނޯޓު: ޖޫން 8، 2026: ހެންލީ އެންޑް ޕާޓްނާސްގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެން، ޖޯ ލޯއާއި މޯލްޓާގެ ޕްރޮގްރާމާ ގުޅޭގޮތުން އޯސީސީއާރުޕީގެ ރިޕޯޓުތަކާ އެއްގޮތަށް މި ލިޔުމަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ނޫސްވެރިޔާ ޑަފްނީ ކަރުއާނާ ގަލީޒިއާގެ މަރާ ހެންލީ އެންޑް ޕާޓްނާސްއާ އެއްވެސް ގުޅުމެއް އޮތް ކަމަށް މި ލިޔުމުގައި ދޭހަކޮށްދީފައެއް ނުވާނެއެވެ. ޖުބްރާން ޝަރީފަކީ ސަރުކާރުތަކާއި ސިޔާސީ ކަންކަމާ ގުޅޭ ސިއްރު ލިޔެކިޔުންތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދާ މައުލޫމާތުތައް އާންމުކުރާ، ކާކުކަން ނޭނގޭ ދިވެހި އެކްސް އެކައުންޓެކެވެ. މި ކޮލަމްގައި ހިމެނޭ ހިޔާލުތަކަކީ ހަމައެކަނި އޭނާ ލިޔެފައިވާ އަމިއްލަ ހިޔާލުތަކެއްގެ ތަރުޖަމާއެކެވެ. އަދި އެއީ މައިޒާން އެޑިޓޯރިއަލް ސިޔާސަތު ރަމްޒުކޮށްދޭ ވާހަކަތަކެއް ނޫނެވެ. ހިޔާލު ފާޅުކުރުމުގެ ލިޔުމެއް ސާއިއުކުރަން ބޭނުންފުޅުވާނަމަ، އެކަމަށް އެދި ހުށަހަޅުއްވާ ޕްރޮޕޯސަލްތައް [email protected] އަށް ފޮނުއްވުން އެދެމެވެ. ]
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online