މިއަދު އެކަނިވެސް "އަޅުގަނޑު" 'ކޮންޓްރޯލް-ޒެޑް' (CTRL + Z) އަށް ފިތާލެވުނީ ކިތައް ފަހަރު ބާވައޭ ހިތަށް އަރައެވެ.
އެ ދެ ފިތަކީ ކޮންމެހެން ބޭނުންތެރި މުހިންމު ގުޅުމެކެވެ. އެއީ އަޅުގަނޑުމެންގެ އަތުން ދެންމެއަކުހެން ހަލާކުވި ކޮންމެ ކަމެއް އަލުން ރަނގަޅުކޮށްދީ، ހުރިހާ ބާވަތެއްގެ ކުށްތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ވަގުތުން މަދު ސިކުންތުކޮޅެއް ފަހަތަށް ގެންގޮސްދޭ ޖާދުވީ ފިތްތަކެކެވެ.
ކޮންޓްރޯލް-ޒެޑްގެ ފަހަތުގައިވަނީ 60 އަހަރުގެ ތަރައްގީއާއި، ކޯޑިން އަދި އެކި އުކުޅުތަކެވެ. މި ހުރިހާ ކަމެއް ފަރުމާކޮށްފައިވަނީ އަހަރެމެންނަށް ހެދޭ ކުށްތައް އަނބުރާ ރަނގަޅުކޮށް، އެއްވެސް ޖެހިލުމެއް ނެތި ކުރިއަށް ދިއުމަށް އެހީތެރިވުމަށެވެ. ބޭރުފުށުން ބަލާއިރު މި 'އަންޑޫ' (Undo) ޝޯޓްކަޓް ފެންނަނީ ވަރަށް އާދައިގެ ސާދާ އެއްޗެއްގެ ގޮތުގައި ނަމަވެސް، ހަގީގަތުގައި މިއީ އެއްވެސް މީހަކު ހީނުކުރާހާ އޮޅުންބޮޅުން ބޮޑު، ފުން ނިޒާމެކެވެ. ބައެއް ފަހަރު މިއަށް "ޔޫ-ޓާން" އޭވެސް ބުނެވިދާނެއެވެ.
'އަންޑޫ' އަކީ ވަރަށް ގިނަ ދުވަސްވީ އެއްޗެއް:
އެއީ ޑޭޓާ އަނބުރާ ފަހަތަށް ގެންދިއުމުގައި މައުސް އަށްވުރެ ދޮށި
މި ލިޔުން ތައްޔާރުކުރުމަށް ކުރި ދިރާސާތަކުން ވަރަށް އަޖައިބުވާ ފަދަ ހަގީގަތްތަކެއް ވަނީ ހާމަވެފައެވެ. އަޅުގަނޑުމެން ކޮމްޕިއުޓަރު ބޭނުންކުރުމުގައި އެންމެ އާންމުކޮށް ގެންގުޅޭ އެއް ވަސީލަތް ކަމަށްވާ 'މައުސް' އުފެއްދުމުގެވެސް ކުރިން، އާދައިގެ 'އަންޑޫ' ކޮމާންޑްތައް ވުޖޫދަށް އައިސްފައިވާ ކަމެއް މީގެ ކުރިން އަޅުގަނޑުމެންނަކަށް ނޭނގެއެވެ.
އެކަމަކު ހަގީގަތަކީ އެއީ މައުސްއަށްވުރެ ދޮށީ އެއްޗެއް ކަމެވެ. އެންމެ ފުރަތަމަ ލަކުޑިން ހެދި މައުސް އުފެއްދީ 1964 ވަނަ އަހަރު ސްޓޭންފޯޑް ރިސާޗް އިންސްޓިޓިއުޓްގައެވެ. އަދި އާންމުންނަށް އެ ދައްކާލީ 1968 ވަނަ އަހަރުއެވެ. އޭރު، 1966 ވަނަ އަހަރު އެމް.އައި.ޓީ ގައި ވޮރެން ޓައިޓެލްމަން ހުށަހެޅި ޕީ.އެޗް.ޑީ ތީސިސްގައި ވަނީ، ހެދޭ ކުށްތައް އަނބުރާ ފަހަތަށް ގެންދެވޭނެ ކޮމާންޑެއްގެ ހިޔާލު ހުށަހަޅާފައެވެ. އަދި އޭގެ ދެ އަހަރު ފަހުން، ބްރައުން ޔުނިވާސިޓީގައި އެންޑްރީސް ވެން ޑޭމް އުފެއްދި 'ފްރެސް' (FRESS) ހައިޕާޓެކްސްޓް ނިޒާމަކީ، އަމަލީ ގޮތުން މި ފީޗާ ހިމަނައިގެން ނެރުނު އެންމެ ފުރަތަމަ ކޮމްޕިއުޓަރު ނިޒާމެވެ.
ފްރެސް (ފައިލް ރިޓްރީވަލް އެންޑް އެޑިޓިން ސިސްޓަމް) އަކީ މިއަދު އަޅުގަނޑުމެން ބޭނުންކުރާ ފުރިހަމަ ހައިޕާޓެކްސްޓް ޕްރޮގްރާމްތަކުގެ ފެށުމެވެ. އަދި އެއީ ވިޔަފާރި އުސޫލުން ވިއްކާ ހާޑްވެއާ އަދި އޮޕަރޭޓިން ސިސްޓަމްތަކުގައި ހިންގި އެންމެ ފުރަތަމަ ނިޒާމުވެސް މެއެވެ. މި ނިޒާމުގެ ތެރެއިން، އެއް ލިޔުމެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު (މިހާރުގެ ގޫގުލް ޑޮކްސް ފަދައިން) ލިބިގެންދިޔައެވެ. އަދި އެންމެ މުހިންމު ކަމަކީ، އެންމެ ފުރަތަމަ 'އަންޑޫ' ފީޗާ ހިމެނިގެންދިޔައީ މި ނިޒާމުގައި ކަމެވެ.
'އަންޑޫ' އަށް ކޮންޓްރޯލް-ޒެޑް ހަމަޖެއްސީ ކީއްވެ؟
އެޕަލް. އަބަދުވެސް އެޕަލް!
ފްރެސް ނިޒާމުން މަސައްކަތްކުރި ގޮތަކީ، ލިޔުމަށް ގެންނަ ކޮންމެ ބަދަލެއް ޑޭޓާގެ ފޮރުވިފައިވާ 'ހިޔަނި' (Shadow) ކޮޕީއެއްގެ ގޮތުގައި ރައްކާކުރަނީއެވެ. މި ހިޔަނި ކޮޕީން ދެ މަސައްކަތެއް ކުރެއެވެ. އެއީ ކުރާ މަސައްކަތް އޮޓޯއިން ސޭވް ކުރުމާއި، ހިޔާލު ބަދަލުވެއްޖެ ހާލަތެއްގައި އަނބުރާ ފަހަތަށް ގެންދެވޭނެ ގޮތެއް ފްރެސްއަށް ހޯދައިދިނުމެވެ. ނަމަވެސް މިކަމަށް ބޮޑު އަގެއް ދައްކަން ޖެހުނެވެ. މުޅި މި ނިޒާމު ހިންގުމަށްޓަކައި ބްރައުން ޔުނިވާސިޓީގެ 512 ކިލޯބައިޓް މެއިންފްރޭމް މެމޮރީގެ ހަތަރުބައިކުޅަ އެއްބައި ހޭދަވިއެވެ.
ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ފެންނަ 'ކޮންޓްރޯލް-ޒެޑް' ގެ ސަރަފު ލިބެނީ ފްރެސްއަކަށް ނޫނެވެ. އެ ސަރަފު ހައްގުވަނީ 1983 ވަނަ އަހަރު އެޕަލް ކުންފުނިން ނެރުނު، ނާކާމިޔާބުވި 'ލީސާ' (Lisa) ކޮމްޕިއުޓަރަށެވެ. އޭރު 9995 ޑޮލަރަށް (މިހާރުގެ އަގުން 33500 ޑޮލަރު ނުވަތަ 787250 ރުފިޔާ ށްވުރެ މަތީ އަގަކަށް) ވިއްކި މި ކޮމްޕިއުޓަރަށް މި ސަރަފު ލިބުނު ނަމަވެސް، މިކަމުގައި ކުޑަ ހިޔާލުތަފާތުވުމެއް އެބައޮތެވެ.
އެންމެ ފުރަތަމަ 'އަންޑޫ' ގެ ހިޔާލު ގެނައި ޓައިޓެލްމަން، ފަހުން 'ޒީރޮކްސް ޕާކް' (Xerox PARC) އަށް ބަދަލުވެ، އީތަނެޓާއި، ލޭޒާ ޕްރިންޓިން އަދި ޒަމާނީ ޕީސީތަކުގެ ގްރެފިކަލް ޔޫޒާ އިންޓަފޭސް ފަދަ އިންގިލާބީ ޓެކްނޮލޮޖީތަކުގައި މަސައްކަތް ކުރިއެވެ. އޭނާ އެތަނުގައި އުޅުނު ދުވަސްވަރު ޕްރޮގްރާމިން ލެންގުއޭޖެއްގައި 'އަންޑޫ' ހިމެނި ކަމަށް އޭނާ ދައުވާ ކުރިއެވެ. ނަމަވެސް ޒީރޮކްސް ޕާކުން އެޕަލްއަށް ބަދަލުވި ލެރީ ޓެސްލާ ވަނީ މި ވާހަކައަށް ދެކޮޅު ހަދާފައެވެ.
ބްރެޑް މެޔާސްއަށް ފޮނުވި އީމެއިލެއްގައި ޓެސްލާ ބުނެފައިވަނީ، އެހެން މުހިންމު ކީބޯޑް ޝޯޓްކަޓްތައް ކަމަށްވާ ސީ (C)، ވީ (V) އަދި އެކްސް (X) އާއެކު، 'އަންޑޫ' އަށް ޒެޑް (Z) އިހުތިޔާރުކުރީ އޭނާ ކަމަށެވެ. އަދި އޭގެ އިތުރުން، އެ އަކުރުތައް އިހުތިޔާރުކުރުމުގެ ފަހަތުގައި ވަރަށް ފުރިހަމަ ސަބަބެއްވެސް އޮތެވެ.
ލީސާ ކޮމްޕިއުޓަރަކީ 'އެޕަލް' ފިތާއެކު ކަޓް، ކޮޕީ، ޕޭސްޓް އަދި އަންޑޫ ކުރުމަށް XCVZ ހަމަޖެއްސި އެންމެ ފުރަތަމަ ނިޒާމެވެ. އެ އަކުރުތައް އިހުތިޔާރުކުރީ ޓެސްލާ އަމިއްލައަށެވެ. އޭގެ ސަބަބަކީ، 'އެކްސް' (X) އަކީ އެއްޗެއް ފޮހެލުމުގެ އާންމު ނިސާނަކަށް ވުމާއި، 'ސީ' (C) އަކީ ކޮޕީގެ ފުރަތަމަ އަކުރަށް ވުމެވެ. އަދި 'ވީ' (V) އަކީ އެކޮޅުކޮޅުން ޖަހާފައިވާ ކެރެޓް ނިސާނެއް ކަމަށްވެފައި، ކުރީގެ ބައެއް އެޑިޓަރުތަކުގައި އެ ނިސާނުގެ މާނައަކީ އެއްޗެއް 'އިންސާޓް' ކުރުން ނުވަތަ އިތުރުކުރުން ކަމަށް ވާތީއެވެ.
ފަހަކަށް އައިސް ބައެއް ގައުމުތަކުގެ ރައީސުން "ކޮންޓްރޯލް-ޒެޑް" ނުވަތަ "އަންޑޫ" ގެ ބަދަލުގައި "ޔޫ-ޓާން" ކިޔާ ބަޓަނެއްވެސް ގެންގުޅޭ ކަމަށް ވެއެވެ. އެއީ ނިއުކްލިއަރ ވޯހެޑެއް ފޮނުވާލަން ބޭނުންކުރާ ޒާތުގެ ސިއްރު، ބިރުވެރި ބަޓަނެއް ކަމަށްވެސް މީސްމީޑިއާގައި މީހުން ލިޔެ އުޅެތެވެ.
އިމާމު ބުޚާރީއަށް ކުރިމަތިވެ ވަޑައިގަތީ ކޮންކޮން އިމްތިޙާނުތަކެއް ހެއްޔެވެ؟ ބައެއްފަހަރު، ތާރީޚު އަހުރެމެންނަށް ބުނެދޭ ގޮތުގައި ޙައްޤުގެ މަގުގައި ޖިހާދުކުރާ މީހުންގެ ޙަޔާތަކީ ހަމައެކަނި ޢިއްޒަތާއި، ޝުހުރަތާއި، އަދި ކާމިޔާބީގެ ނަމެއް ނޫނެވެ.
ބައެއްފަހަރު، ގާތް މީހުންނާ ވަކިވާން އެމީހުންނަށް ޖެހިދެއެވެ. ބައެއްފަހަރު އަމިއްލަ ވަޒަން ދޫކޮށް ދާން އެމީހުންނަށް ޖެހިދެއެވެ. ބައެއްފަހަރު، އެމީހުންގެ ލޯބިވާ ޢިލްމީ ޒަޚީރާ ޖަމާކުރުމުގެ ވަގުތުވެސް އެމީހުންނަށް ނުލިބިދެއެވެ. އަދި ބައެއް ފަހަރު ދަތުރުގެ މަންޒިލަށް ވާސިލުވުމުގެ ކުރިން، ދަތުރުމަތީގައި الله ގެ ޙަޟުރަތަށް އެމީހަކު ދަތުރުކުރަންވެސް ޖެހިދެއެވެ. އިމާމު މުޙައްމަދު ބިން އިސްމާޢީލް އަލްބުޚާރީގެ ޙަޔާތްޕުޅުވެސް ދިޔައީ މިފަދަ ގަބޫލުކުރަން ދަތި އެތައް އިމްތިޙާނުތަކެއްގެ ތެރެއިންނެވެ.
ޞަޙީޙު ބުޚާރީއަކީ ކީރިތި ޤުރުއާނަށް ފަހު އިސްލާމީ އުންމަތުގައި އެންމެ އިތުބާރުކުރެވޭ އެއް ފޮތެވެ. އިސްލާމީ އުއްމަތަށް އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވި އިމާމު ބުޚާރީ، އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްކޮޅުތަކުގައި ތަކުރާރުކޮށް ވަޠަން ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުމާއި، އަނިޔާވެރިކަމާއި، އަދި ދެކޮޅުވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އިމާމް ބުޚާރީ ނިޝާޕޫރަށް ވަޑައިގަތުމުން، އެސަހަރުގައި އޭނާގެ ޢިލްމީ މަޤާމު ވަރަށް މަތިވެރިވިއެވެ. އޭނާ ޙަދީޘް ކިޔަވައިދެއްވާ ދައުރާތަކަށް މީސްތަކުން ޖަމާވާން ފެށިއެވެ. އެކަމަކު، ވަގުތާއެކު ޚިޔާލުތަފާތުވުންތަކާއި، ހަސަދަވެރިކަން ވެސް އެތަންތަނަށް ވެރިވިއެވެ.
އެކިއެކި ރިވާޔަތްތަކުގައި ވާރިދުވެފައިވާ ގޮތުގައި، އިމާމު ބުޚާރީއަށް ވެސް އަމީރުންނާއި، އެމީހުންގެ ދަރިންގެ ގަނޑުވަރުތަކަށް ވަޑައިގެން އެމީހުންނަށް ޢިލްމު އުނގަންނައި ދެއްވުމަށް އަމުރުކުރެވުނެވެ. ނަމަވެސް އިމާމު ބުޚާރީ އެ ހުށަހެޅުއްވުންތައް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި، ޢިލްމުގެ އަހުލުވެރިންގެ ގާތަށް ޢިލްމު ހޯދުމަށް އަންނަން ޖެހޭނީ އެހެން މީހުންނެވެ. އެންމެފަހުން ޙާލަތު ގޯސްވެ ނީޝާޕޫރު ދޫކޮށް ވަޑައިގަންނަވަން އޭނާއަށް ޖެހިވަޑައިގަތެވެ. އަދި އޭނާގެ އުފަން ރަށް، ބުޚާރާއަށް އެނބުރި ވަޑައިގެންނެވިއެވެ.
ބުޚާރާގެ ރައްޔިތުން އޭނާއަށް އަޖައިބު ކުރުވަނިވި މަރުޙަބާއެއް ކިޔުއްވިއެވެ. ދަރިވަރުންނާއި، އާންމުން އޭނާގެ ދައުރާތަކަށް ޖަމާވާން ފެށިއެވެ. އޭނާގެ ޢިލްމީ މަޖިލިސްތަކަށް ޖަމާވާ މީހުން ގިނަވެ، އެހެން ބައެއް ޢިލްމުވެރިންގެ ދައުރާތަކަށް އޭގެ އަސަރުކުރިއެވެ. އެތަނެއްގައި ޝުހުރަތު އޮންނަ ކޮންމެ ތަނެއްގައި ބައެއް ފަހަރު ޙަސަދަވެރިކަން އުފަންވާ ގޮތް މެދުވެރިވެއެވެ. އެންމެފަހުން، އޭނާގެ އުފަން ސަހަރު، ބުޚާރާ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. މާކަގިނަ ދުވަހެއް ނުވެ  ޙާލަތު އިތުރަށް ގޯސްވިއެވެ. އިމާމް ބުޚާރީއަށް، ބުޚާރާއިން ފުރާވަޑައިގަތުމަށް އަމުރުކުރެވުނެވެ. އެ އަމުރު އައީ ކުއްލިއަކަށެވެ. އެހެންކަމުން، އޭނާގެ ފޮތްތައް ޖަމާކުރައްވައި، ތަރުތީބު ކުރެއްވުމަށް ވެސް ރަނގަޅަށް ވަގުތު ލިބިވަޑައި ނުގެންނެވިއެވެ.
އިމާމު ބުޚާރީ، ބުޚާރާ ދޫކުރައްވައި ސަހަރުން ބޭރުގައި ހުރި ފޭލިގެއެއްގައި ކުޑަދުވަސްކޮޅަކު މަޑުކުރެއްވިއެވެ. އަދި، ފޮތްތައް އިންތިޒާމު ކުރައްވަމުން ގެންދެވިއިރު، ދެން ވަޑައިގަންނަވާނެ ތަނެއްވެސް ސާފުކޮށް އެނގިވަޑައި ނުގެންނެވިއެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅުތައް ޖަމާކުރެއްވުމާއި، ދިރާސާކުރެއްވުމާއި، ރައްކާތެރި ކުރެއްވުމުގައި މުޅި ޢުމުރުފުޅު ހޭދަކުރެއްވި ޢިލްމުވެރިޔަކު އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރުތަކުގައި ސަހަރުން ބޭރުގައި ހުރި ފޭލިގެއެއްގައި ފޮތްތައް ހިއްޕަވައިގެން އިށީނދެވަޑައިގެން އިންނެވިއެވެ. އެ މަންޒަރުން ތާރީޚުގެ ޞަފުޙާތަކަށް ދޫކޮށްލަނީ ހިމޭން ނަމަވެސް ވަރަށް މާނަ ފުން ސުވާލެކެވެ. މިދުނިޔޭގައި ޢިއްޒަތާއި، ނިކަމެތިކަމަކީ ކިހާ ވަގުތީ ކަމެއް ހެއްޔެވެ؟
އެއަށްފަހު، އިމާމް ބުޚާރީ ސަމަރުޤަންދަށް ވަޑައިގަތުމަށް ނިކުމެވަޑައިގެންނެވިއެވެ. އެކަމަކު، އެ ސަހަރަށް ވަދެވަޑައިގަތުމުގެ ބަދަލުގައި، ޚިޔާރުކުރެއްވީ ގާތްތިމާގެ މީހުންނާއެކު ކައިރީގައި އޮތް އަވަށެއް ކަމަށްވާ ޚަރުތަންގުގައި މަޑުކޮށްލެއްވުމަށެވެ. އިމާމު ބުޚާރީއާ އެކު، އިބްރާހިމް ބިން މަޢުޤުލްވެސް  ހުންނެވިއެވެ. އެ ހިސާބުން، ފަހަރެއްގައި އޭނާއަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވިދާނެކަމަށް އުއްމީދު ކުރެއްވިއެވެ. އެކަމަކު، ކުރިމަތިވެ ވަޑައިގެންނެވި އިމްތިޙާނުތަކަށް ނިމުމެއް ނައެވެ. ސަމަރުޤަންދުގެ ކަމާބެހޭ ފަރާތްތަކުން ވެސް، އެރަށް ދޫކުރައްވާ ވަޑައިގަތުމަށް އަމުރު ކުރިއެވެ. އަދި އެ އަމުރު އައީ ފިޠުރު ޢީދު ވިލޭ ރޭގައެވެ. އެ ރަށުގައި މަޑުކުރައްވައި ޢީދު ނަމާދު ކުރެއްވުމުގެ ފުރުޞަތުވެސް ނުދެއްވިއެވެ. އަމުރު އައީ، އެރެއިން އެރެއަށް، އެ ރަށް ދޫކުރައްވައި ވަޑައިގަތުމަށެވެ. އޭނާގެ ސަބަބުން އޭނާގެ ގާތްތިމާގެ މީހުންނަށް ކޮންމެވެސް ވަރެއްގެ ތަކުލީފުތަކެއް ކުރިމަތިވެދާނެތީ އިމާމު ބުޚާރީ ބިރުފުޅުގެން ވަޑައިގެންނެވިއެވެ.
އެހެންކަމުން، ވަގުތުން ދަތުރުފުޅުގެ ތައްޔާރީތައް ފެއްޓެވިއެވެ. އިބްރާހިމް ބިން މަޢުޤުލް، އިމާމް ބުޚާރީގެ ފޮތްތައް ޙިމާރެއްގެ މައްޗަށް އަރުވައި، އަނެއް ޙިމާރުގެ މައްޗަށް އިމާމު ބުޚާރީ ސަވާރުވެ ވަޑައިގެންނެވިއެވެ. ދެން އެ ދެބޭކަލުން ގެކޮޅުން ނިކުމެވަޑައި ގެންނެވިއެވެ. އެއީ، އިމާމް ބުޚާރީގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދަތުރުފުޅު ކަމުގައި ވެދާނެކަމަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. ވިއްސަކަށް ފިޔަވަޅު ކުރިއަށް ވަޑައިގެންނެވުނު ތަނާ އިމާމް ބުޚާރީއަށް ވަރުބަލިފުޅުކަން އިހުސާސްވެ ވަޑައިގަތެވެ. އަދި، އިބްރާހިމް ބިން މަޢުޤުލް ގާތު އިރުކޮޅަކު އަރާމުކޮށްލެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު މަގުގެ އެއްފަރާތެއްގައި އިށީނދެ ވަޑައިގެންނެވިއެވެ. އަދި، އަވަހާރަފުޅު ލެއްޕެވިއެވެ. ކުޑައިރުކޮޅެއް ފަހުން އިބްރާހިމް ބިން މަޢުޤުލް، އިމާމު ބުޚާރީ ހޭފުޅުލެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އެކަމަކު، އޭރު އިމާމް ބުޚާރީގެ ފުރާނަފުޅުވީ، އެ ފުރާނަފުޅުގެ ވެރި އިލާހުގެ ޙަޟުރަތަށް ދަތުރު ކުރައްވާފައެވެ.
އިމާމު ބުޚާރީ މި ފަނާވެދަނިވި ދުނިޔެ ދޫކުރެއްވީ، ޙިޖުރައިން 256 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެކެއްވީ، ފިތުރު ޢީދު ވިލޭރޭގައެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގެ ޚިދުމަތުގައި މުޅި ޢުމުރުފުޅު ހޭދަކުރެއްވި ޢިލްމުވެރިއަކު، އެއް ސަހަރުން އަނެއް ސަހަރަށް، އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރެއްވުމަށް މަޖުބޫރު ކުރެވުނެވެ. އަދި، އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދަތުރުފުޅުގައި، ދަތުރުފުޅު ކުރެއްވި މަގުމަތީގައި އަވަހާރަވީއެވެ. އިމާމު ބުޚާރީގެ ފުރާނަފުޅު، އެ ފުރާނަފުޅުގެ ވެރި އިލާހުގެ ޙަޟުރަތަށް ދަތުރުފުޅު ކުރެއްވީއެވެ.
އެއީ، ތާރީޚުގެ އާދަޔާ ޚިލާފު ފައިޞިލާއެކެވެ. ޒަމާންތައް ފާއިތުވަމުން ދިޔައެވެ. އިމާމު ބުޚާރީއަށް އެއް ސަހަރުން އަނެއް ސަހަރަށް، އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރެއްވުމަށް މަޖުބޫރުކޮށް، އަމުރުކުރި ވެރިންގެ ވާހަކަ ތާރީޚުގެ ސަފުޙާތަކުގައި ވަނީ ލިޔެވިފައެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މިއަދު އެމީހުންނަކީ ކޮންބައެއްކަމެއް ނޭނގެއެވެ. ތާރީޚު އެމީހުންގެ މަތިން ހަނދާނެއް ނެތެވެ.
އެކަމަކު، މުޙައްމަދު ބިން އިސްމާޢީލް ބުޚާރީ رحمه الله  ގެ ނަންފުޅުތޯއެވެ؟ މިއަދުވެސް ދުނިޔޭގެ އެތައް މިލިއަން މުސްލިމުން އޭނާގެ ނަންފުޅު ހަނދާންކުރަނީ ލޯތްބާއި، އިޙުތިރާމާއެކުގައެވެ. އެއީ، ތާރީޚުގެ އާދަޔާ ޚިލާފު ފިލާވަޅެކެވެ. ވެރިކަމުގެ އާރާއި، ބާރުގައި މީސްތަކުންގެ މައްޗަށް އަމުރު މަޢުރޫފް ހިންގޭނީ ކުޑަ ދުވަސްކޮޅަކަށެވެ. އަދި، އެބައެއްގެ ޒިކުރާ އައުކުރެވޭނީ ކޮންބައެއްގެކަން ނިންމާނީ ޒަމާނެވެ.
އިމާމް ބުޚާރީ ގަނޑުވަރުތަކަކަށް އެދިވަޑައެއް ނުގަންނަވައެވެ. ވެރިކަމަކަށް އެދިވަޑައެއް ނުގަންނަވައެވެ. ދުނިޔަވީ މަޤާމުތަކަކަށް އެދިވަޑައެއް ނުގަންނަވައެވެ. މުދަލާއި، ފައިސާއަކަށް އެދިވަޑައެއް ނުގަންނަވައެވެ.
އިމާމު ބުޚާރީ ޚިދުމަތް ކުރެއްވީ ހަމައެކަނި އިސްލާމް ދީނަށެވެ. الله ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކަށެވެ. އެއީ، ޤަރުނުތަކެއް ފާއިތުވެގެން ދިޔަ އިރުވެސް، އޭނާގެ ނަންފުޅު ދިރިދެމިއޮތް ސަބަބެވެ.
އިމާމު މުޙައްމަދު ބިން އިސްމާޢީލް ބުޚާރީގެ މައްޗަށް الله ތަޢާލާގެ ގުނައި ޢަދަދުނުކުރެވޭ ނިޢުމަތްތައް މިންވަރުކޮށް ދެއްވައި، ސުވަރުގޭގައި އޭނާގެ ދަރަޖަ މަތިވެރި ކުރައްވާށިއެވެ. އަދި، އަޅަމެންނަށް ޢިލްމާއި، އިޚުލާޞްތެރިކަމާއި، ޙައްޤުގެ މަގުގައި ސާބިތުވެ ތިބުމުގެ ތައުފީޤު މިންވަރުކޮށް ދެއްވާށިއެވެ. އާމީން!
މަސްދަރު: سير أعلام النبلاء، ވޮލިއުމް 12، ސަފުޙާ 468
~ޙަސަން ލުތުފީ~
ޒަމާނީ ހުރިހާ ޕާސްޕޯޓުތަކަކީވެސް އީ-ޕާސްޕޯޓެކެވެ. ދިވެހި ރާއްޖެ ހިމެނޭހެން، މި ނިޒާމުގައި ގާއިމުކޮށްފައިވާ ހުރިހާ ގައުމުތަކުންވެސް ދޫކުރާ ޕާސްޕޯޓް ފޮތުގެ ބޭރުގައި އިންނަ ކުޑަ ޗިޕް ނިސާނުން އެއީ އީ-ޕާސްޕޯޓެއްކަން ދެނެގަނެވެއެވެ.
މީގެ މާނައަކީ، ޕާސްޕޯޓުގެ މައުލޫމާތު ހިމެނޭ ސަފުހާގައިވާ ފަދަ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ އެން.އެފް.ސީ (NFC) ޗިޕެއް އެ ފޮތުގައި ހިމެނޭ ކަމެވެ. މި ޗިޕަކީ ހަމައެކަނި ކާކުކަން ދެނެގަތުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ތިބާގެ ސްމާޓްފޯނުންވެސް އީ-ޕާސްޕޯޓުގެ އެތެރޭގައިވާ މި ޗިޕް ސްކޭންކޮށް ކިޔާލެވޭނެއެވެ. އަދި ޕާސްޕޯޓް ފޮތުގައި ޗާޕުކޮށްފައި ނުހުންނަ ފޮޓޯއެއްވެސް މި ޗިޕުގެ ތެރޭގައި ރައްކާކުރެވިފައި ހުރެއެވެ.
'ރީޑްއައިޑީ މީ' (ReadID Me) ފަދަ އެޕްތައް ބޭނުންކޮށްގެން، ޕާސްޕޯޓުގެ އެން.އެފް.ސީ ޗިޕް ސްކޭންކޮށް އޭގެ އެތެރޭގައި ހުރި މައުލޫމާތު ބަލާލެވޭނެއެވެ. މިއީ ޕާސްޕޯޓް ލެނބިގެން ނުވަތަ ފެންޖެހިގެން ގެއްލުމެއް ލިބުމަށްފަހު، އޭގެ އީ-ޕާސްޕޯޓް ޗިޕް ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްވެސް ބޭނުންކުރެވިދާނެ މޮޅު އުކުޅެކެވެ. މި ސްކޭންގެ ހުރިހާ ކަމެއް ހިނގަނީ ސީދާ ފޯނުގެ ތެރޭގައި ކަމަށްވެފައި، އެޕް ބަންދުކުރުމާއެކު އެ މައުލޫމާތު ފޮހެވިގެންދާތީ، ތިމާގެ ޒާތީ މައުލޫމާތު އެހެން އެއްވެސް ތަނަކާ ހިއްސާނުކުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. މީގެ އިތުރުން، ޕާސްޕޯޓަކީ ސައްހަ އެއްޗެއްކަން މި އެޕުން ކަށަވަރުކޮށްދޭއިރު، ތިބާގެ އެންމެ މުހިންމު ރަސްމީ ލިޔުމުގައި އެކުލެވޭ ޓެކްނޮލޮޖީގެ ކުޑަ ތަޖުރިބާއެއްވެސް ކޮށްލެވެއެވެ.
ޕާސްޕޯޓުގައި ޗިޕެއް ހުރޭ: ޕާސްޕޯޓުގެ ބޭރުގަނޑު ނުލަނބާތި
ޒަމާނީ ޕާސްޕޯޓް ފޮތްތަކުގައި ސަލާމަތީ ގޮތުން ވަރުގަދަ ފީޗާތަކާއި އިލެކްޓްރޯނިކް ބައިތައް ހިމެނެއެވެ. އޭގެ ތެރޭގައި ފޮތުގެ ތެރޭގައި ހަރުކޮށްފައިވާ އެން.އެފް.ސީ ޗިޕް ހިމެނެއެވެ. އެންޓެނާއަކާ ގުޅާފައިވާ މި ޗިޕް، ފޯނުތަކާއި ސްކޭނަރުތަކުން ކިޔާލެވެއެވެ. ނަމަވެސް، މި އެން.އެފް.ސީ ޗިޕް ހުންނަނީ ތިބާ ހީކުރާ ތަނަކު ނޫނެވެ. ވަރުގަދަ ޕޮލީކާބޮނޭޓް ޕްލާސްޓިކުން ހަދާފައިވާ ޒާތީ މައުލޫމާތު ހިމެނޭ ސަފުހާގައި ހޮލޮގްރާމްތަކާއި އެހެނިހެން ސަލާމަތީ ފީޗާތައް ހުރި ނަމަވެސް، އެ ސަފުހާގައި އެއްވެސް އިލެކްޓްރޯނިކް ބައެއް ނުހުރެއެވެ.
އެއާޕޯޓުތަކުގެ' ޗެކް-އިން' ޗެކްޕޮއިންޓްތަކުން ދާއިރު، އާންމުކޮށް ޕާސްޕޯޓުގެ މައުލޫމާތު ސަފުހާ ސްކޭންކުރަން ޖެހެއެވެ. ނަމަވެސް އެ މަރުހަލާގައި ޕާސްޕޯޓުގެ ޗިޕެއް ނުކިޔައެވެ. އޭގެ ބަދަލުގައި އެއީ، ޕާސްޕޯޓުގެ ތިރީގައި އޮންނަ 'މެޝިން-ރީޑަބަލް ޒޯން' ބޭނުންކޮށްގެން މައުލޫމާތާއި ފޮޓޯ ނަގާ އޮޕްޓިކަލް ސްކޭނެކެވެ.
މެޝިން-ރީޑަބަލް ޒޯނަކީ ޕާސްޕޯޓުގެ މައުލޫމާތު ސަފުހާގެ އެންމެ ތިރީގައި، އާދައިގެ އަކުރުތަކަކާއި ހާއްސަ ނިސާންތަކެއް ބޭނުންކޮށްގެން ލިޔެފައި އޮންނަ ބަޔަށް ކިޔާ ނަމެވެ. މި ބައި ފަރުމާކޮށްފައިވަނީ އޮޕްޓިކަލް ކެރެކްޓާ ރެކޮގްނިޝަން (އޯ.ސީ.އާރް) ސްކޭނަރުތަކުން ޗެކްޕޮއިންޓްތަކުގައި އަވަހަށް ސްކޭންކުރެވޭ ގޮތަށެވެ. މިއީ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންކުރާ ބައެއް ނޫނެވެ. އެއީ އޯ.ސީ.އާރް ސްކޭނަރުތަކަށާއި ކޮމްޕިއުޓަރުތަކަށް ފަސޭހައިން ދެނެގަނެވޭނެހެން ވަކި މިންގަނޑަކަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
އީ-ޕާސްޕޯޓް ފޮތެއްގައި ޗިޕް ހަރުކޮށްފައި ހުންނަނީ ފޮތުގެ ބޭރުގަނޑުގެ ތެރޭގައެވެ. ޕާސްޕޯޓް ކަވަރަކަށް ފޮތް ލާއިރު ސަމާލުވާން ޖެހެނީ މި ސަބަބަށްޓަކައެވެ. މާ ބޮޑަށް ފޮތް ލެނބިއްޖެނަމަ އޭގެ އެތެރޭގައިވާ އިލެކްޓްރޯނިކް ބައިތަކަށް ގެއްލުން ވެދާނެއެވެ. މި ޗިޕް އެންމެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި، ފޮތް ނުލަނބާށެވެ. ތޮރުފާ ނުހަދާށެވެ. އަދި އާދަޔާ ހިލާފަށް ހޫނު ނުވަތަ ފިނި ގަދަ ތަންތަނުގައި ނުބަހައްޓާށެވެ.
ޕާސްޕޯޓުގެ ޗިޕުގައި ހުންނަ ހުރިހާ މައުލޫމާތެއްއަދި ފޯނުން އެ ސްކޭންކުރާނެ ގޮތް
އީ-ޕާސްޕޯޓުގައި ބޭނުންކުރަނީ އެން.އެފް.ސީ ޗިޕެއް ކަމަށްވާތީ، އެން.އެފް.ސީ ޗިޕާއި އެންޓެނާ ހިމެނޭ ކޮންމެ ފޯނަކުންވެސް އެ ސްކޭންކުރެވޭނެއެވެ. މިކަން ކުރުމަށް 'ރީޑްއައިޑީ މީ' ފަދަ އެޕެއް ބޭނުންވާނެއެވެ. އެޕް ޑައުންލޯޑްކުރުމަށްފަހު ޕާސްޕޯޓުގެ އިލެކްޓްރޯނިކް މައުލޫމާތު ކިޔާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ފެށުމުގެ ގޮތުން 'ގެޓް ސްޓާޓެޑް' (Get started) އަށް ފިތާލުމަށްފަހު، އައިޑީގެ ބާވަތް އިހުތިޔާރުކުރާށެވެ. ޕާސްޕޯޓެއް ސްކޭންކުރާނަމަ 'ޕާސްޕޯޓް' (Passport) އަށް ފިތާލާށެވެ.
ދެން އެޕުން އެދޭނީ ޕާސްޕޯޓުގެ ފޮޓޯ ޖެހި ސަފުހާ ސްކޭންކުރުމަށެވެ. މިގޮތަށް އެދުމުގެ ދެ ބޭނުމެއް އޮވެއެވެ. ފުރަތަމަ ބޭނުމަކީ ޕާސްޕޯޓް ފޮތް އޮތީ ތިބާގެ އަތުގައިކަމާއި، އޭގެ އިލެކްޓްރޯނިކް ޗިޕް ސްކޭންކުރަން ތިބާ ގަސްދުކުރާކަން ކަށަވަރުކުރުމެވެ. ފޮތް ލައްޕާފައި އޮއްވައި މި އެޕް ބޭނުންކޮށްގެން ޕާސްޕޯޓުގެ ޗިޕް ސްކޭންކުރެވޭނަމަ، އެއީ ސަލާމަތީ ގޮތުން ވަރަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. ދެވަނަ ބޭނުމަކީ ޕާސްޕޯޓުގެ މައުލޫމާތު ސަފުހާގައިވާ ލިޔުންތަކާއި ޗިޕުގައި ރައްކާކޮށްފައިވާ މައުލޫމާތާ ދިމާވޭތޯ އަޅާކިޔައި ޔަގީންކުރުމެވެ.
ސްކޭންކުރުމުގެ ބަދަލުގައި، އަމިއްލައަށް ލިޔެގެންވެސް ޕާސްޕޯޓުގެ މައުލޫމާތު އެޕަށް އެޅިދާނެއެވެ. މީގެ ތެރޭގައި ޕާސްޕޯޓް ނަންބަރާއި، ޕާސްޕޯޓުގެ ވެރިފަރާތުގެ އުފަން ދުވަހާއި، ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހު ހިމެނެއެވެ. އެއަށްފަހު އެޕުން 'ސްޓާޓް ރީޑިން' (Start reading) އަށް ފިތާލުމަށްފަހު، ޕާސްޕޯޓުގެ ފަހަތު ބޭރުގަނޑުގެ މަތީގައި ފޯނު ބާއްވާލާށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޕާސްޕޯޓުގެ ޗިޕުގައި ހުރި މައުލޫމާތު ފޯނުން ފެންނާނެއެވެ.
މި މައުލޫމާތުގެ ތެރޭގައި ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރެވުނު ނަތީޖާއާއި، މުއްދަތު ހަމަވެފައިވޭތޯ ބެލި ބެލުމާއި، ސަލާމަތީ ފީޗާތައް ހިމެނެއެވެ. މީގެ އިތުރުން، ފުރިހަމަ ނަމާއި، ޖިންސާއި، ގައުމިއްޔަތާއި، އުފަން ދުވަހާއި، އުފަން ތަނާއި، ޕާސަނަލް ނަންބަރު ފަދަ ޒާތީ މައުލޫމާތު ޗިޕުން ދައްކާނެއެވެ. ޕާސްޕޯޓުގެ ސެކިއުރިޓީ މައުލޫމާތުގރ އިތުރުން، އޭގައިވާ މެޝިން-ރީޑަބަލް ޒޯނުގެ ކޮޕީއެއްވެސް އޭގައި ފެންނަން ހުންނާނެއެވެ.
ފޮތުގައި ނުހުންނަ ކަމެއް ޗިޕުގައި ހުރޭ: ޕާސްޕޯޓް ފޮޓޯގެ ފުރިހަމަ ކުލަ ކޮޕީއެއް
ޗިޕުގެ ތެރޭގައި ވަރަށް ހާއްސަ އެހެން އެއްޗެއްވެސް ހިމެނެއެވެ. އެއީ ތިބާގެ ޕާސްޕޯޓް ފޮޓޯގެ ވަރަށް ސާފު، ފުރިހަމަ ކުލަ ކޮޕީއެކެވެ. ޕާސްޕޯޓް ފޮތުގެ ޕޮލީކާބޮނޭޓް މައުލޫމާތު ސަފުހާގައި ހުންނަނީ ކަޅާއި ހުދުގެ ފޮޓޯއެއް ކަމަށްވެފައި، އެންޑޯސްމަންޓް ސަފުހާގައި ހުންނަނީ އެހާ ސާފު ނޫން ކުލަ ފޮޓޯއެއް ނަމަވެސް، އެންމެ ސާފު ކުލަ ފޮޓޯ ރައްކާކުރެވިފައި ހުންނަނީ ހަމައެކަނި ޗިޕުގައެވެ. މަތީގައި ބަޔާންކުރެވުނު ފިޔަވަޅުތަކާ އެއްގޮތަށް 'ރީޑްއައިޑީ މީ' ބޭނުންކޮށްގެން، ތިބާގެ ޕާސްޕޯޓް ފޮޓޯ އަމިއްލައަށް ބަލައި ބޮޑުކޮށްލެވޭނެއެވެ.
މިއީ ގިނަ ބަޔަކު އެއްގޮތަކަށްވެސް ވިސްނާނުލާ ޕާސްޕޯޓުގެ ބައެއް ނަމަވެސް، މިއީ އަޖައިބުވާހާ ސްމާޓް އަދި ރައްކާތެރި ނިޒާމެކެވެ. މެޝިން-ރީޑަބަލް ޒޯން ފުރަތަމަ ސްކޭންނުކޮށް ޗިޕް ނުކިޔޭނެ ގޮތް ހަދާފައިވާއިރު، އޭގައިވާ މައުލޫމާތަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކްރިޕްޓޯގްރަފިކް ސޮޔަކުން އެ މައުލޫމާތު ވަނީ ރައްކާތެރިކޮށްފައެވެ. އެހެންނަމަވެސް، ރަނގަޅު އެޕެއް ބޭނުންކޮށްގެން އޭގެ އެތެރޭގައި ހުރި މައުލޫމާތު އަމިއްލައަށް ބަލާލެވޭނެއެވެ.