ރާއްޖޭގައި އިތުރު ދެ ބެންކެއް ހުޅުވުމުގެ ހުއްދަ ދެނީ

މި 2 ބެންކު ހުއްދައާއި އެކު 3 ބެންކެއް ހުޅުވުމުގެ ހުއްދަ މި ސަރުކާރުން ވަނީ ދީފައި

މެއި 27, 2025 - 21:47
 0
ރާއްޖޭގައި އިތުރު ދެ ބެންކެއް ހުޅުވުމުގެ ހުއްދަ ދެނީ
ރާއްޖޭގައި އިތުރު ދެ ބެންކެއް ހުޅުވުމުގެ ހުއްދަ ދެނީ

ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.

މިމޭމަހު 19 ވަނަ ދުވަހު ހުއްދަ ދީފައިވާ 2 ކުންފުންޏަކީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން  ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިއީ މާލީ ނިޒާމް ހަރަދުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހުއްދައެއް ކަމަށެވެ. މި ދެ ކުންފުންޏަށް ވެސް ދޫކޮށްފައިވަނީ ޓިއަރ އެކެއް (TIER 1) ދަރަޖައިގެ ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ. މި ދަރަޖައަކީ ރިޒަރވް ކެޕިޓަލް (ރައުސުލްމާލް) އެއް ބަހައްޓައިގެން ހިންގާ ޓިއަރ ދޭއްގެ ބެންކުތަކާއި ހިލާފަށް، ވަރަށް ބޮޑު އަމިއްލަ ރައުސުލްމާލަކާއެކު ހިންގާ ބެންކު މޮޑެލްގެ ބައިނަލް އަގްވާމީ މަތީ ދަރަޖައެކެވެ.

އެމްއެފްއެލްސީއަކީ މިހާރު ވެސް ލީސިން އަދި ފައިނޭންސިން ހިދުމަތް ދެމުން އަންނަ ބޭންކު ނޫން މާލީ އިދާރާއެކެވެ. މި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް އެވެ.

ބީއައިސީ ބޭންކް މޯލްޑިވްސްއާ ބެހޭ މައުލޫމާތެއް ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއާ ގުޅުން އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން ޕްރީ-އޮޕަރޭޝަނަލް ހުއްދައާ ހަވާލުވީ ޖަނާހުގެ އަންހެން ދަރިފުޅު ނޫރެއިން ޖަނާހެވެ.

ބީސީއައި ބެންކު ކިޔާ ބެންކެއް ކެންބޯޑިއާގައި ހިންގަމުން ދެއެވެ. އެ ބެންކަކީ ލާއޯގެ އޭޝިޔާ އިންވެސްޓްމަންޓް ފިނޭންޝަލް ސަރވިސަސް ކޯ ލިމިޓެޑާއި، ރަސްކަމެއްކުރާ ކެންބޯޑިއާގެ ޕެރަޑައިސް އިންވެސްޓްމަންޓް ކޯ ލިމިޓެޑާއި، ތައިލެންޑްގެ ޕްރައިމް ސްޓްރީޓް އެޑްވައިޒަރީ ކޯ ލިމިޓެޑާއި ގުޅިގެން 2018 ވަނަ އަހަރު އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ވިޔަފާރި ބެންކެކެވެ. މައި ހިއްސާދާރަކީ އޭޝިޔާ އިންވެސްޓްމަންޓް ފިނޭންޝަލް ސަރވިސަސް ކޯ ލިމިޓެޑެވެ. 

އެމްއެމްއޭއިން ބުނީ މި ދެ ބޭންކަށް ބޭންކިން ހުއްދަ ދޫކުރާނީ ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް އެ އޮތޯރިޓީން ކަނޑައަޅާ ސަރުތުތައް ފުރިހަމަ ކުރުމުން ކަމަށެވެ.

އެމްއެމްއޭއިން އެންމެ ފަހުން ހިދުމަތް ފަށަން ހުއްދަ ދިނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށެވެ. އެކަމަކު އެ ހުއްދައާ އެއްގޮތަށް އެ ބޭންކުގެ ހިދުމަތްތައް ރަސްމީކޮށް އަދިވެސް ނުފަށަ އެވެ.

މިހާރު ރާއްޖޭގައި ބޭންކުގެ ހިދުމަތް ދޭ 7 ބެންކަކީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
  • ބޭންކް އޮފް ސިލޯން (ބީއޯސީ)
  • ހަބީބް ބޭންކް
  • މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
  • ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)

ކުރިން ރާއްޖޭގައި ހިންގި ބެންކެއް ކަމުގައިވާ އެޗްއެސްބީސީ (ރާއްޖޭގައި) ހިންގުން 2024 ވަނަ އަހަރު ނިމުނު އިރު ވަނީ ހުއްޓާލާފައެވެ.