ދަނޑުވެރިން ބިނާކޮށް ދަނޑުވެރިކަން ތަރައްގީކުރުމަށް 2020 ގައި އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން އުވާލައިފި

އެގްރޯނެޓްގެ މައިގަނޑު މަގްސަދަކީ ، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުން

ޑިސެންބަރު 3, 2024 - 07:24
 0
ދަނޑުވެރިން ބިނާކޮށް ދަނޑުވެރިކަން ތަރައްގީކުރުމަށް 2020 ގައި އުފައްދާފައިވާ  ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން އުވާލައިފި

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމީ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ އާދީއްތަ ދުވަހު ކެބިނެޓުން ފާސްކުރި ނިންމުންތަކުގެ ތެރެއިންނެވެ.

އެގްރޯނެޓްގެ މައިގަނޑު މަގްސަދަކީ ، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމެވެ. އެހެން ނަމަވެސް އެސިޔާސަތު މިސަރުކާރުން ތަފާތުގޮތަކަށް ތަސައްވުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަން ކުރިއެރުވުމަށް ހާއްސަކޮށްގެން، 21 އޭޕްރިލް 2020 ގައި އުފައްދާފައިވާ އެގްރޯނެޓް އުވާލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމުގައި ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެކުންފުނީގެ ބަދަލުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) ކިޔާ ކުންފުންޏެއް ހަދައި، އެގްރޯނެޓްގައި ތިބި 182 މުވައްޒިފުންނާއި ވަސީލަތްތައް އެމް.އައި.ޑީ.އެފް.ޒެޑްގެ ދަށަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެގްރޯނެޓް އުފެދިގެން އައިސްފައިވަނީ ، 2019 އިން 2023 އަށް ހިންގުމަށް އެކަށައަޅާފައިވާ ، "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގައި ތަފުސީލުކޮށްދީފައިވާ ، "ނޫ އިޤްތިޞާދު" ގެ ތަސައްވުރަށް ވާސިލުވާން އަމާޒު ހިފާފައިވާ  ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގްރޯނެޓްގެ އަމާޒަކީ ، ދަނޑުވެރިކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ ދާއިރާއިން ލަޔާގަތާއި ގާބިލިއްޔަތު އުފައްދައި ، ތަރައްގީކޮށް އާ ހަރުފަތަކަށް ދިވެހި ދަނޑުވެރިކަން ވާސިލް ކޮށްދިނުމާއި އަދި  ފައިދާއާއި ނަފާލިބޭ އިގްތިސޯދީ ހަރަކާތެއްގެ ގޮތުގައި، ދަނޑުގޮވާން ކުރުމަށް ސައުގުވެރިވާ ފަރާތްތަކަށް އެހީތެރިވެދީގެން، ދިވެހި ދަނޑުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުން ކަމުގައި އެކުންފުނިން އާއްމުކޮށްފައިވެއެވެ.

އެ މަގްސަދުތައް ހާސިލްކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް، އެކިރަށްރަށަށް ދަނޑުވެރިކަން ކުރުމުގެ ސިސްޓަމްތަކާއި އާލާތްތައް ފޯރުކޮށްދީ، ކަމުގެ މާހިރުންގެ ލަފަޔާއި އިރުސާދާއި ތަމްރީނު ދެމުން އައިސްފައިވެއެވެ. މީގެ އިތުރުން އެތަންތަނުން އުފައްދާ ހުރިހާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެގްރޯނެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް ގަނެ ރިޒޯޓު/ހޮޓާ ތަކަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން ގެންދިޔައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ތިލަފަޅުގައި ދަނޑިވެރިކަންކޮށް މުޅި ރާއްޖެއަށް ބޭނުންވެ އިތުރުވާނެ ވަރަށް ތަރުކާރީއާއި މޭވާ އުފައްދާނެކަމަށް އިއުލާނުކޮށް، އެތަން ޗައިނާ ބަޔަކާއި ހަވާލުކުރި ނަމަވެސް އެ ނިންމުން (ރައީސް މުއިއްޒުގެ އިންޑިޔާ ދަތުރަށްފަހު) ބާތިލުކޮށް އިންޑިއާގެ (މިލިޓަރީ) އިން ތަރައްގީކުރާ ކަންކަމަށް ތިލަފަޅު ވަނީ އިހުނެކޭ އެއްގޮތައް އިންޑިއާއާއި ހަވާލުކޮށްފައެވެ.

މި ސަރުކާރުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތްތްއް ކުރިއަރުވަން އެހީތެރިކަމާއި އެއްބާރުލުން ނުދިނުމުގެ ސަކުވާ ވަނީ އާއްމުވެފައެވެ. މީގެ ތެރޭގައި މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި ދަނޑުވެރިކަންވެސް ހިމެނެއެވެ.

އެހެން ނަމަވެސް މިސަރުކާރުގެ އަމާޒަކީ އެހުރިހާ ކަމެއްވެސް އާ އުސްމިންތަކަކަށް ނެގުން ކަމުގައިވެސް ތަކުރާރުކޮށް ބުނަމުން ދެއެވެ.