ރައީސް ޔާމީނަށް ލިބިވަޑައިގަތް ފެންކައްކާބޮލީގެ އިއްޒަތް - ދެން ކޮންބޭފުޅަކަށް؟
ވެރިކަމާއި، މަޖިލިހާއި މެންބަރުންނާއި އެކު ޕާޓީވެސް ލިބިއްޖެ - ބަދަލުގައި އޮތީ ފެންކައްކާބޮލީގެ އިއްޒަތް
ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވައި، ދިވެހި ޒައާމަތާއި ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރު ނޮވެންބަރު 17 ވަނަ ދުވަހުއެވެ.
ހަމަ އެދުވަހު އެމަނިކުފާނުގެ 22 ވަޒީރުންގެ ކެބިނެޓް ވެސްވަނީ އިއުލާނު ކުރައްވާފައެވެ. ވެރިކަން ހިންގުމުގައި ނުވަތަ އެމަނިކުފާނުގެ ބަހުރުވައިން ނަމަ، 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނަށް އަތްގާތްކޮށްދެއްވަން ރައީސް އޮފީހުގައި ތިއްބަވާ ވަރުގަދަ ފަހުލަވާނުންގެ ޓީމު ވެސް އެ ހަފްތާގައި ވަނީ ރުކުރުވާލައްވާފައެވެ.
އިސްވަޒީރެއްގެ ގޮތުގައި އަބްދުއް ރަހީމް އިހްތިޔާރު ކުރައްވައި، އޭނާގެ އިރުސާދާއި ސިޔާސީ ވަރުގަދަ ތަޖުރިބާއާއި އެކު، ރައްޔިތުންގެ މަޖިލިހުގެ "ސުފަރ މެޖޯރިޓީ"ވެސް ހޯއްދެވިއެވެ. އަބްދުއް ރަހީމް މަޖިލިސް ރައީސްކަމުގައި ހުންނަވައި، ގާނޫނު އަސާސީ ބަދަލުކުރައްވައި، ޕީޕީއެމް/ޕީއެންސީ ކޯލިސަން ބޭނުންކުރައްވައިގެން، ޕީއެންސީގެ މެންބަރުންގެ ގޮތުގައި ހޮވުނު މަޖިލިސް މެންބަރުން، އެހެން ދިމާލަކަށް ގުޑާނުލެވޭނެ ވަރަށް މަލަރުކުރެއްވިއެވެ. ބާކީ ކުރަން އޮތްހާވެސް ކަމަކީ ނަތީޖާ ނެރުމެވެ.
ފުލުހުންނާއި ސިފައިން ހިންގި "މިއުޓިނީ" (ނުވަތަ ގިނަ ބަޔަކު ސިފަކުރާގޮތުން ބަގާވާތެއްގެ) ތެރެއިން 2012 ފެބްރުއަރީ 7 ވަނަ ދުވަހު، އެއިރު ރައީސަކަށް ހުންނެވި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ފަހުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ބަޔަކު އެމަނިކުފާނަށް ހިޔާނާތްތެރިވި ކަމަށެވެ. ރިޔާސީ ޔޮޓުގައި ބޮމެއް ގޮއްވާލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ނަައިބު އަހުމަދު އަދީބު ހައްޔަރު ކުރީ 2015 އޮކްޓޯބަރު 24 ވަނަ ދުވަހުއެވެ. އޭގެ ދެމަހެއްހާ ކުރިން، 2015 ސެޕްޓެމްބަރު 5 ގައި ރައީސް ޔާމީން ވިދާޅުވީ ނައިބު ރައީސަށް ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.
ގާތް އެކުވެރިން އަދި ބަދަހި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވެ، ސިޔާސީ މައިދާނުގައިވެސް އެގޮތުގައި ތިއްބަވައި ގައުމުގެ އިސްމަގާމުތައް ލިބިވަޑައިގެންނެވި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ގުޅުން އެއްކޮށް ކެނޑި، ދެބޭފުޅުން ވަކިވީވެސް ސިޔާސީ ފިކުރުތަކާއި މަގްސަދުތަކުގެ ހިޔާލު ތަފާތުވުންތައް އުފެދި، ވެރިކަމުގެ އާރާއި ބާރާއި ސަރަފު ދެބޭފުޅުން ވެސް ބޭނުންވެވަޑައިގަތުމުގެ ސަބަބުންނެވެ.
ފާހަގަކޮށްލަން މި އުޅެނީ މުޅިން އެހެން ކަމެކެވެ. އަބްދުއް ރަހީމްގެ ސީދާ އިރުސާދާއިއެކު، ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ އިދިކޮޅު ލީޑަރު ރައީސް ޔާމީނުގެ ނަންފުޅެެވެ. ކެމްޕޭން ޕޯސްޓަރުތަކާއި ދިދައާއި ލީފްލެޓްތަކާއި ބިލްބޯޑުތަކުގައި ބޭނުންފުޅު ކުރެއްވީ ރައީސް ޔާމީނުގެ ފޮޓޯފުޅެެވެ. މެދުގައި ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓުގެ ފޮޓޯފުޅަށްވުރެ މާބޮޑުކޮށް ފެންނަނީ ރައީސް ޔާމިންގެ ފޮޓޯފުޅެވެ. ބޭއްވި ކޮންމެ ޖަލްސާއެއްގައި، ކޮންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީނަށް ހާއްސަކުރެވިފައިވާ (ހުސް) ގޮނޑިކޮޅެއް ހުރެއެވެ. ރައީސް ޔާމީނު އެގޮނޑިކޮޅުގައި އިންނަވާކަން ސިފަވާވަރަށް ވެދުމާއި ސަރަފާއި ތައުރީފު ރައްދުކުރެއްވިއެވެ. ކެމްޕޭނުތަކުގައި ދައްކަވާ ވާހަކަތައް ރައީސް ޔާމީންގެ ނަންފުޅުން ފައްޓަވައި ނިންމަވައި، ރައީސް ޔާމީނުގެ ރޫހު ބައިވެރިވެ ވަޑައިގަންވާފަދަ މިންވަރަކަށް އެބޭފުޅުން ވާހަކަ ދައްކަވައެވެ.
ކޮންމެއަކަސް އެހުރިހާ ކަމަކުން ދައްކުވައިދިނީ ރައީސް ޔާމިނަށް އޮތް ގަދަރާ އިހުތިރާމެެެވެ. ރައީސް މުއިއްޒަށް ވެރިކަން ލިބުމުގައި ރައީސް ޔާމީނުގެ މުހިއްމުކަމުގެ އިންތިހާއެވެ. އެ ނަންފުޅާއިއެކު މެނުވީ އޭރު ނުލިބޭނެ ޕީޕީއެމް މެންބަރުންގެ ވާގިވެރިކަމާއި ތާއީދުގެ ބޭނުން ބޮޑުކަމެވެ. އެހެން ނަމަވެސް ތަފާތު ބޮޑުކޮށް ޑރ. މުޙައްމަދު މުޢިއްޒު ރައީސަކަށް އިންތިހާބުވެ ހުވައިކުރައްވައި ދެއްވި ތަގުރީރާއި ހިސާބުން ރައީސް ޔާމީނުގެ ނަންފުޅު ހަނދުމަފުޅު ނެތި ގެއްލިދިޔައީއެވެ. އަދި ކިއެއްތަ ރައީސް ޔާމީނަށް މުޅިން އެހެން ދަރަޖައެއްގެ އިއްޒަތް ދެއްވާން ފައްޓަވަފިއެވެ. އާދެ، ފެންކައްކާ ބޮލީގެ އިއްޒަތެވެ. ކައްކަ ކައްކާފައި ބޭނުންވި ކަންތައް ފުދުމުން އެއްފަރާތްކޮށް އެއްލާލާ ފެންކައްކާ ބޮއްޔަކަށް ރައީސް ޔާމީން ވެދިޔައީއެވެ.
ދެން ފެނިގެން ދިޔައީ މި ޑިސެންބަރުމަހު ދެވަނަ ދުވަހު ޕީޕީއެމް އުވާލުމަށް ނިންމި ތަނެވެ. އެޕާޓިގެ މެންބަރުން މަގުމަތިވެ ނުވަތަ "ހާލަތުއްޒަރޫރާ" އެއްގައި ފީއެންސީއަށް ވަންނަން ޖެހުނުތަނެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަނުކުރެވޭ ގޮތަށް ހެދުމުން އަމިއްލަގޮތުން ކުރިމަތިލައި ގޮނޑި ކާމިޔާބުކުރައްވައި، މިސަރުކާރަށް ނުހަނު ތާއީދު ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހުމާން (އައްދު)، ޕީޕީއެމް އުވާލުމުން " ޕާޓީ މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ޣައްސާން މައުމޫން، ލަދުގަންނަން ޖެހޭ ގަރާރޭ ސަރުކާރޭ ކޯލިޝަނޭ މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅުދައްކަވަން. ކޮބާ ކޯލިޝަން؟ " ސުވާލު ކުރައްވައި، މީސްމީޑިއާގައި ނުރުހުމާއިއެކު ފާޑުވިދާޅުވެފައި ވެއެވެ.
ހަގީގަތަކީ ޕީޕީއެމް ފިކުރުގެ މޭސްތިރިއަކީ ރައީސް ޔާމިން ކަމެވެ. " ޕީއެންސީގައި ވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމް ގައި އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް، (ޕީއެންސީ) ފިކުރުވެގެން ފުރި ފޯމެއްނެތް. ކޮބާ ފޯރިއާއިއެކު ޕާޓީ ހިންގަން ތިބި މީހުން މިހާރު؟ " އައްދު އިތުރަށް ސުވާލު ކުރައްވާފައި ވެއެވެ. ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމަށްފަހު، އާއްމު ރައްޔިތުން، ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީގެ ފިކުރުތަކުގެ ވާހަކައެއް ނުދައްކައެވެ. ދައްކާކަށް ނުވެސް އެނގެއެވެ. އޭރުވެސް މިހާރުވެސް އެކަން އޮތީ އެހެންނެވެ. ފިކުރެއްގެ ގޮތުގައި އޮތީ ޕީޕީއެމްގެ ފިކުރެވެ. ދަންނަނީވެސް އެ ފިކުރެވެ. ދައްކާ ވާހަކަތަކާއި އަމަލުތައްވެސްހުރީ ހަމަ އެމަގުންނެވެ.
އައްދު ވިދާޅުވިހެން ޕީއެންސީ ފިކުރު ދަންނަ އަދި އެޕާޓީ ދެކެ ލޯބިވާ އެކަކުވެސް ނެތެވެ. ގައުމަށާއި ޕާޓީއަށް އިހުލާސްތެރި ބަޔަކު އޭގައި ނެތް ކަމާއި ގިނައިންތިބީ މަގާމާއި ވަޒީފާއާއި އެހެނިހެން ފައިދާތައް ބޭނުންވެގެން ފީއެންސީގައި ތިބި މީހުންނެވެ. ބާކީ ތިބި ބަޔަކު، ތިބީވެސް ވަންނަނީވެސް ހުދު އެމީހުން ބުނާ "ހާލަތުއްޒަރޫރާ"ގެ ސަބަބުންނެވެ. ފިކުރެއް ފަލްސަފާއެއް ނެތުމުގެ ސަބަބުން، އެއްވެސް ލޮއެއްބެއް އޮވެގެންނެއް ނޫނެވެ.
ޕީއެންސީގެ މި ސަރުކާރުން އާއްމު ރައްޔިތުންނަށް އޯގާތެރިކަމެއް އަގަލެއް ސަގަލެއް ނެތް ކަމުގެ ވާހަކަތަކާއި، ހެޔޮވެރިކަމެއް ކުރުމުގެ ގަސްދުނެތްކަމުގެ ވާހަކަތައް ފާޅު ނުކުރިޔަސް، ހިތުގެ އަޑިން އެކަންކަން ގަބޫލުކުރާ ހާލުގައި ތިބެމެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online