މި ސަރުކާރަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓެއްކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެ
"ވަޒީފާ އެއް ވެސް ސަރުކާރަށް ތާއީދުކުރާ މީހަކަށް ނޫނީ ނުލިބޭނެ. އަޅުންގެ ގޮތުގައި ތިބޭނީ، އަޅުވެތި ކުުރުމުގެ ދިމާޔަކަށް މިދަނީ" - ރައީސް ސޯލިހް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ސަރުކާރުގެ ކެނޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު، އަހުމަދު ގާލިބުގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ގޮވާލެއްވީ ނަމަނަމަ މި ސަރުކާރަށް ވޯޓު ނުދިނުމަށެވެ.
"މި ސަރުކާރުގެ ކެންޑިޑޭޓަކަށް ދެއްވާ ވޯޓަކީ ރާއްޖޭގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ކުދި ރަށްތަކުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ރަށްފުށުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް.. ރައްކާތެރިކަމާ އެކީ ވަޒީފާ އަދާކުރުމާ އިދިކޮޅަށް ދޭ ވޯޓެއް" ސޯލިހް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީ ގެންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން ކުރިން ދެއްކެވި ވާހަކަތަކަކީ ހެއްދެވި ދޮގުތަކެއް ކަމަށް ސިފަކުރައްވަމުން، އެވާހަކަތަކަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައީސް މުއިއްޒު އަނެއްކާ އާ ބަހަނާތަކެއް ދައްކަވައި މަޖިލީހުގެ މެޖޯރިޓީ ނުލިބި، އެ ތަރައްގީ ގެނެސް ނުދެއްވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭއިރަށް ރައީސް މުއިއްޒު ދައްކަވާނެ އާ ބަހަނާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މެޖޯރިޓީ ނުދީފިނަމަ، ތަރައްގީ ގެނެސްނުދެވޭނެ ކަމަށެވެ. އަދި އެއަށް ފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުނުކޮށް، އެ ވިދާޅުވާ ތަރައްގީ ގެނެސްނުދެވޭނެ ކަމަށް މި ސަރުކާރުން ކިޔަން ފަށާނެ ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ތަރައްގީގެ ގިނަ މަސްރޫއުތަކެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، ފަށާފައިވާ މަސްރޫއުތައް މެދުނުކެނޑި ކުރިޔަށް ގެންދިއުން ގާނޫނެއްގެ ތެރެއިން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
މީގެ އެއްދުވަސް ކުރިން އެމްޑީޕީގެ ފަރާތުން ކުރެންދޫ ދާއިރާއަށް ވާދަކުރައްވާ، ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒަށް ކެމްޕެއިންކުރަން ކުރެންދޫގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށެވެ.
"ވަޒީފާ އެއް ވެސް ސަރުކާރަށް ތާއީދުކުރާ މީހަކަށް ނޫނީ ނުލިބޭނެ. އަޅުންގެ ގޮތުގައި ތިބޭނީ، އަޅުވެތި ކުުރުމުގެ ދިމާޔަކަށް މިދަނީ" ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީން ދެހާސްވަނަ އަހަރުގެ ކުރީކޮޅު ނުކުތީ އެކަން ބަދަލުކުރަން ކަމަށާއި އަޅުވެތިކުރުމަކީ އެމްޑީޕީން ފުރުސަތުދޭނެ ސިޔާސަތެއް ނޫން ކަމަށާއި، ރާއްޖެ އެ މަގަށް ދިއުން އެމްޑީޕީގެ މަސައްކަތުން އަނެއްކާވެސް ހުއްޓުވަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online