ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ޕީއެންސީ އަށް ނިސްބަތްވާ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް 13 ފެބްރުވަރީ 2024 ވީ ބުރާސްފަތި ދުވަހު (އިއްޔެ) ހުށަހަޅައިފި އެވެ.
ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ ގާނޫނީ ވަކީލު ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މައްސަލަ ހުށަހަޅާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން ނަގާފައިވާ 3,802,863.32ރ. (ތިން މިލިއަން އަށްލައްކަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ބައްތިރީސް ލާރި) ގެ "ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީ" އަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޮށްފައިވާ ހުކުމާ އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީ އެވެ.
ގާލިބުގެ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، "ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، ސ. ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާނަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެއް" ކަމުގައެވެ.
މައްސަލަ ސާބިތުވެ، ހުށަހަޅާފައިވާ ގޮތަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފިނަމަ، ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.
ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online