ރަސްގެތީމު ކައުންސިލްގެ އާ އޮފީސް އިމާރާތް ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި
ރަސްގެތީމު ކައުންސިލްގެ އާ އޮފީސް އިމާރާތް ހަދާފައިވަނީ 2023 ވަނަ އަހަރުގެ އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުން
2023 ވަނަ އަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހަދަން ފެށި ރަސްގެތީމުގެ އާ ކައުންސިލް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކައުންސިލްގެ އާ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެއީ އެއަތޮޅު ވާދޫ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރެވެ.
ރަސްގެތީމުގެ އާ ކައުންސިލް އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ ކައުންސިލްގެ އާ އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް ބާވެ ހަލާކުވުމާ ގުޅިގެން، އެ އިމާރާތުގެ ތެރޭގައި މަސައްކަތް ކުރަން ތިބެވެންނެތުމުންކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް އޭރު ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންކަމަށެވެ. މި އާ އޮފީސް އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިތަކަށް ހައްލު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ކުރީކޮޅުގައި ރައީސް މުއިއްޒު އެކި އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތަކުގެ ޖާގައިގެ ދަތި ކަމުގެ ވާހަކަތައް ފާހަގަކުރައްވައި، އެ ރަށްރަށުގެ ކައުންސިލް އިދާރާތައް ބިނާކުރުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
އެ ވައުދުފުޅުގެ ދަށުން، މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އާ އިމާރާތްތައް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައެވެ. އަދި 55 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏަކާއެކު، ދިވެހި ސަރުކާރުން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
33 މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގެ ދަށުން، މި އަހަރުގެ ތެރޭގައި ގިނަ ކައުންސިލުތަކުގެ އިމާރާތުގެ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް ހާމަ ކުރެއްވިއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online