2028 ވަނަ އަހަރާ ހަމައަށް ކެންސަރު ހޮސްޕިޓަލުގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް:ވަޒީރު ގީލާ

ރާއްޖޭގައި ކެންސަރު ބަލިޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލި ފެތުރިފައިވާ މިންވަރާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށްޓަކައި، މި ސަރުކާރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައި!

ޖޫން 23, 2026 - 18:33
2028 ވަނަ އަހަރާ ހަމައަށް ކެންސަރު ހޮސްޕިޓަލުގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް:ވަޒީރު ގީލާ

ކެންސަރު ހޮސްޕިޓަލުގައި ބަލި ދެނެގަތުމާއި ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް 2028 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޣީލާ އަލީ އިއުލާނު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް މަސްރޫއުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ތަރައްގީގެ އެކި މަރުޙަލާތަކުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލް ބިނާކުރުމަށް ބޭނުންވާ ބިން ހުޅުމާލެ ފޭސް 2 އިން މިހާރު ހަމަޖެހިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި މަސްރޫޢުގެ ދަށުން 500 އެނދުގެ މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލެއް ތަރައްގީކުރެވޭނެއެވެ. މީގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ 25 އެނދުގެ މަރުކަޒެއް ހިމެނެއެވެ. މި ހޮސްޕިޓަލުން ކެންސަރު ބަލީގެ ހާއްސަ ފަރުވާގެ އިތުރުން، މާބަނޑު މީހުންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ވެސް ލިބިގެންދާނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކެންސަރު ބަލި ދެނެގަތުމާއި ފަރުވާ ދިނުމުގެ އަސާސީ ހިދުމަތްތައް ކަމުގައިވާ ކީމޯތެރަޕީ، ރޭޑިއޯތެރަޕީ އަދި ޕެޓް (PET) ސްކޭންގެ ހިދުމަތް 2028 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކެންސަރު ބަލީގެ ހާލަތާއި އާސަންދައިގެ ހަރަދުތައް

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އަލަށް ކެންސަރު ޖެހިގެން 120 ބަލިމީހުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 67 އަންހެނުންނާއި 53 ފިރިހެނުންނެވެ. މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 374 މިލިއަން ރުފިޔާ ހަރަދުކޮށް، 5،755 ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ހޮސްޕިޓަލްތައް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބަލިމީހުންނަށް ހާއްސަކޮށްގެން ޖުމްލަ 9 އެނދު މިހާރުވެސް ކަނޑައެޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ ސަރަހައްދުތައް ކަމަށްވާ ހާ ދާލު، ޅަވިޔަނި، ރާ، ގާފު ދާލު އަދި އައްޑޫ ސިޓީގައި ވެސް ކެންސަރާ ގުޅުންހުރި ހިދުމަތްތައް ފެށުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރިން ބަލި ދެނެގަތުމާއި ބޭރުގެ ހޮސްޕިޓަލްތަކުގެ އެހީތެރިކަން

ބަލި، ދުރާލައި ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އުރަމަތީގެ ކެންސަރު ސްކްރީން ކުރުމަށް ބޭނުންވާ މެމޯގްރާމްގެ ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން، ފުވައްމުލައް ސިޓީ އަދި ބާ އަތޮޅު ހޮސްޕިޓަލުގައި ތައާރަފުކުރެވިފައެވެ.

މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން ކެންސަރުގެ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އިންޑިއާގެ 15 ހޮސްޕިޓަލަކާއި، ސްރީލަންކާގެ 2 ހޮސްޕިޓަލަކާއެކު އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށްވަޒީރު ޣީލާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލިޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލި ފެތުރިފައިވާ މިންވަރާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށްޓަކައި، މި ސަރުކާރުގެ ދައުރުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.