އުތުރުތިލަފަޅުން ރާއްޖޭގެ އިންޕޯޓަށްވުރެ އިތުރަށް (ބައެއް ކާބޯތަކެތި) ހެއްދޭނެ

އޭޕްރީލް 23, 2024 - 21:01
 0
އުތުރުތިލަފަޅުން ރާއްޖޭގެ އިންޕޯޓަށްވުރެ އިތުރަށް (ބައެއް ކާބޯތަކެތި) ހެއްދޭނެ

29 މާރިޗު 2024 ވަނަ ދުވަހު ޗައިނާއިން އުތުރު ތިލަފަޅުގައި ހިންގަން ސަރުކާރާއެކު ސޮއިކުރެވުނު އޭއީޒެޑް މަސްރޫއުން މުޅި ރާއްޖޭގެ އިންޕޯޓަށްވުރެ އިތުރަށް (ބައެއް ކާބޯތަކެތި) ހައްދައި ނެރެވޭނެކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ދިވެހިންގެ ކެއިންބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް، މި ސަރުކާރުން އިއުލާންކޮށްފައިވާ ފުޑް ސެކިއުރިޓީ ޕްރޮގްރާމަށް ވުރެ އިތުރަށް އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބާވަތްތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

އުތުރު ތިލަފަޅުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) ގެ ގޮތުގައި ޗައިނާއަށް ދޫކޮށްފައިވާ ސަރަހައްދުގައި ފުޑް ސެކުރިޓީ ޕްރޮގްރާމްގެ ނަމުގައި ހިންގާނެކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަސްރޫއު ހިންގުމަށް، ޗައިނާގެ ސަރުކާރުގެ އެސްއޯއީ ކުންފުންޏެއް ކަމުގައިވާ ޗައިނާ ހާބަރ އެންޖިނިއަރިންގ ކޮންޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާއި އެސްޓީއޯގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއަިޑީ) ކިޔާ އުފައްދާފައިވާ ހަރަކާތަކާއި ދެމެދު ސޮއިކުރީ މިދިޔަ މާރިޗު މަހު 29 ވަނަ ދުވަހު، ސީއެޗްއީސީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އާއި އެމްއައިޑީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

"އުތުރުތިލަފަޅުގައި ހިންގާ މި މަސްރޫއަކީ މުޅި ދިވެހިރާއްޖޭގެ ޓޫރިސްޓު ރިޒޯޓްތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އަހަރެއްގެ އިމްޕޯޓަށްވުރެ އެކްސެސް (އިތުރު) ވާނެ ވަރަށް އެއްޗެހި، ބައެއް އެއްޗިއްސަކީ،" ވަޒީރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީއާއެކު މި މަސްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް އުފެއްދޭނެ ކަމަށާއި 'ރިސާޗުލެބު' ތަކާއި ފަރުމަހާއި ސީފުޑްގެ ބާވަތްތައް އާލާކުރެވޭނެ ކުރެވޭނެ ގޮތްތައް އެތަނުގައި ހުންނާނެ ކަމަށެވެ.

"ބޮޑު އެޑްވާންސްޑް ސިޓީއެއް ގޮތަށް، ފުޑް ސިޓީއެއް ގޮތަށް އެތަން މި ޑިވެލޮޕްކުރަނީ. ވަރަށް ބޮޑު މަސްރޫއެއް. އެއީ ރައީސްގެ އެންމެ ބޮޑު އެއް އަމާޒު" - ސައީދު

ސަރުކާރުން ބުނާ ގޮތުގައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި މަސްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ (އެއްގަމު މަސް) އުފައްދާ މިންވަރު އިތުރުކުރުމާއެކު އިންޕޯޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ. އުތުރު ތިލަފަޅު (އޭއީޒެޑް) ޗައިނާ އާއި ހަވާލުކުރި ދުވަހު، އެތަނުގައި ކުރާނެ ކަންކަމުގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ؛

  • ބިން ހިއްކުމާއި އާއްމު އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުން
  • ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ހެދުން
  • މުދާ އަރުވާބާލާ އަދި މީހުން އަރާ ފައިބާނެ ބަނދަރު ހެދުން
  • ތަރުކާރީއާއި މޭވާ ހައްދާނެ އަސާސީކަންކަން ގާއިމް ކުރުން
  • ދަނޑުވެރިކަމުގެ ތަމްރީނުދޭނެ މަރުކަރު ހެދުން
  • ހައްދާ ކާބޯތަކެތި (ރާއްޖޭގެ އެަތަން މިނަތަނަށް) ފޮނުވޭނެ ގޮތްތަކާއި ވަސީލަތްތައް ގާއިމް ކުރުން

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީ (ހެއްދުމަށް) އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނު ކުރާނެ ބަޔަކު ވެސް މި މަސްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

މި މަސްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 (އަށް ލައްކަ) މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ޗައިނާގެ ސީއެޗްއީސީން ބުނެފައި ވެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ހަރަދުތަކުގެ 40 އިންސައްތަ ދަށްކުރުމަކީ މި މަސްރޫއުގެ އަމާޒެއްކަމަށް އެމީހުން ބުނެފައި ވެއެވެ.

ނިމި ދިޔަ އެމްޑީޕީ ސަރުކާރުން އުތުރު ތިލަފަޅު (ޔޫޓީއެފް) ހިއްކާފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް، ވަކީން ހާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ކަމުގައި އެ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

މިސަރުކާރުން އުތުރު ތިލަފަޅުން މިވަނީ އޭއީޒެޑެއް ޗައިނާއަށް ދީފައެވެ. އަދި މިއީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ހިންގާ މައިމަސްރޫއެއް ކަމަށްވެސް މި ސަރުކާރުން ހާމަކޮށްފައި ވެއެވެ.