ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ދަރަނި އެންމެ ބޮޑު ގައުމަކަށް ދިވެހިރާއްޖެ
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ (ނުވަތަ ޖީޑިޕީ) ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވެއްޖެއެވެ.
ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނި އޮތް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފައެވެ.
ރާއްޖޭގެ ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 125.4 އިންސައްތައިގައެވެ. މިއީ ސަރަހައްދުގެ އެހެން ހުރިހާ ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން އާދަޔާ ހިލާފު މަތީ އަދަދެއް ކަމުން، މިއީ ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން މި ރިޕޯޓުން ހާމަވެއެވެ.
ރާއްޖެއަށް ފަހު ދެން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި އުޅެނީ ޖީޑީޕީގެ 103.6 އިންސައްތައިގެ ދަރަންޏަކާއެކު ބޫޓާނެވެ. ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދީ ބާރު ކަމަށްވާ އިންޑިއާގެ ދަރަނި 84.1 އިންސައްތައިގައި އުޅޭއިރު، އިގްތިސާދީ ގިނަ ހީނަރުކަމެއް ތަހައްމަލު ކުރަމުންދާ ޕާކިސްތާނުގެ ދަރަނި ހުރީ 72.8 އިންސައްތައިގައެވެ. މީގެ އިތުރުން ނޭޕާލްގެ ދަރަނި 48.1 އިންސައްތައިގައި ރެކޯޑު ކުރެވިފައިވާއިރު، މުޅި ދެކުނު އޭޝިއާއިން ވެސް އެންމެ ދަރަނި ކުޑަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޖީޑީޕީގެ އެންމެ 42 އިންސައްތައިގެ ދަރަންޏެއް އޮތް އަދި ދިވެހީންގެ ބައެއް ފަރާތްތަކުން ދަށު ދަރަޖައިގައި ދެކޭ ބަންގްލަދޭޝްއެވެ.
ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރަކީ ބަންގްލަދޭޝް ފަދަ ގައުމުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިވަގުތު އޮތީ ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވުމަށް ހަރުދަނާ މާލީ އަދަބުވެރިކަމެއް ގާއިމުކުރަން މަޖުބޫރުވެފައެވެ. ސާކްގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގެ ދަރަނީގެ ނިސްބަތް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ޖެހޭކަން އަންގައިދޭ މުހިންމު ނިސާނެއްކަމަށް މާލީ މާހިރުން ދެކެއެވެ.
ރާއްޖޭގެ ދަރަންޏާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާއިރު، މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއިން މައްޗަށްދިއުން ގާތްކަމަށް ވިދާޅުވެފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online