އޮނަސާޅީސް ގޮނޑިއަށް ވާދަކޮށްގެން ލިބުނީ ސުމެއް

"ފާރަވެރި މަޖިލިސް" ނަމުގައި މޮޓޯހައްދަވައި 'ފާރަވެރިކަމުގެ ބަސްފުޅުތައް' ނަޝީދު އަމާޒުކުރެއްވީ ވެރިކަމުގައި ނެތް އެމްޑީޕީއަށް

އޭޕްރީލް 22, 2024 - 10:20
 0
އޮނަސާޅީސް ގޮނޑިއަށް ވާދަކޮށްގެން ލިބުނީ  ސުމެއް
އަބްދުﷲ ޔާމީން ރައީސްކަމުގެ ހުވާކުރެއްވި ދުވަހު އޭގެ ކުރިން ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދާއި ސަލާމްކުރައްވަނީ

އިއްޔެ އޮތް މަޖިލިސް އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދުގެ ދަޑިމޮކްރެޓްސް އިން، މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެއްޖެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ. އޮނަސާޅީސް ގޮނޑިއަށް ވާދަކޮށްގެން ދަޑިމޮކްރެޓްސް އަށް ލިބުނީ  ސުމެކެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވައި، އެ ޕާޓީގެ މެންބަރުންގެ ބުރަ މަސައްކަތާއި އެކު 87 ގޮނޑީގެ 19 ވަނަ މަޖިލިހަށް އިންތިހާބުވެ ވަޑައިގެންނެވި 67 މެންބަރުގެ ތެރެއިން 13 މެންބަރުން، ދަޑިމޮކްރެޓްސްއަށް ބަދަލުވެވަޑައިގެން، 20 ވަނަ މަޖިލިހަށް ކުރިމަތިލެއްވީ ދަޑިމޮކްރެޓްސްގެ ޓިކެޓުގައި، ސީދާ ރައީސް ނަޝީދުގެ ފުރިހަމަ ތާއީދާއެކުގައެވެ.

މަޖިލީހުގެ އިތުރު ދައުރަކަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުންނާއި، އަލަށް އެ ޕާޓީން ކުރިމަތި ލެއްވި ކެނޑިޑޭޓުންވެސް ހިމަނައިގެން 39 ދާއިރާއަށް ވާދަކުރެއްވި ނަމަވެސް، އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

"ފާރަވެރި މަޖިލިސް" ނަމުގައި މޮޓޯއެއް ހައްދަވައިގެން ދަޑިމޮކްރެޓްސް ކެނޑިޑޭޓުން ކެންޕޭން ކުރައްވަމުން ގެންދަވައި، އިންތިހާބުގެ ދެދުވަސް ކުރިން އެ ޕާޓީން ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ބޭއްވި ޖަލްސާއެއްގައި، ރައީސް ނަޝީދުގެ 'ފާރަވެރިކަމުގެ ބަސްފުޅުތައް' ވެރިކަމުގައި ނެތް އެމްޑީޕީއަށް ރައްދުކުރައްވައި ފާޑުވިދާޅުވުން ވެގެންދިޔައީ، ދަޑިމޮކްރެޓްސްގެ 'ފާރަވެރި ކަމުގެ އަމާޒު' ކަސިޔާނުވެފައިވާ ކަމުގެ ހެއްކެއްކަމުގައި ގިނަބަޔަކު މީސްމީޑިއާގައި ބުނެފައިވެއެވެ.

ޕީއެންސީގެ އަށް ތާއީދުކުރާ މެންބަރަކު، ދަޑިމޮކްރެޓްސްއަށް ވޯޓެއް ނުދޭނެކަމާއި، ރައީސް ނަޝީދުގެ ސިޔާސީ ފުރައްސާރަ އެމްޑީޕީއަށް އަމާޒުކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ޕާޓީއަށް އެންމެ ގޮނޑިއެއްވެސް މި އިންތިހާބުގައި ކާމިޔާބު ނުވި މައިގަނޑު އެއް ސަބަބު ކަމުގައިވެސް ގިނަ ފަރާތްތަކުން ބުނެއެވެ. އަދި އެމްޑީޕީ ބަލިކުރަން ދަޑިމޮކްރެޓްސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައީސް މުއިއްޒާއި ޕީއެސްސީން ރަނގަޅަށްވެސް ބޭނުންކޮށްލައިފި ކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސީދާ ޓިކެޓެއްގައި ކެންޑިޑޭޓަކު ވާދަކޮށްފައި ނުވި ނަމަވެސް، އެ ޕާޓީންނާއި ރައީސް ޔާމީންވެސް ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންނަށް ރުހުން ދެއްވައި، އެބޭފުޅުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް އެހުރިހާ ކެންޑިޑޭޓުންނަށް ލިބުނީ ދަޑިމޮކްރެޓްސް އިން ކުރިމަތިލެއްވި ކެނޑިޑޭޓުންނަށްވެސް ލިބުނު ނަތީޖާއެވެ. ސުމެކެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއި ނަންޖެހި ހުސްގޮނޑި ދައްކަވައިގެން ކަމަށާއި، ޕީޕީއެމްވެސް ފޭރިގެންފައިވާކަމަށް ގިނަ ބަޔަކު، ހާއްސަކޮށް ޕީއެންއެފުން ބުނަމުން ގެންދިޔައެވެ. އެހެން ނަމަވެސް 93 މެންބަރުންގެ 20 ވަނަ މަޖިލިސްގެ މި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ޕީއެންއެފުން ކާމިޔާބުކޮށްފައިވަނީ އެފޮޓޯއާއި ގޮނޑިއެއް ނެތި، 66 މެންބަރުންގެ ސާފު އަގުލަބިއްޔަތެއް ނަންގަވައިގެންނެވެ.