އެފްއޭއެމްގެ ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ގިނަ މަގާމުތަކެއް އެފްއޭއެމުން އިއުލާން ކުރި އިރު، އެ އެސޯސިއޭސަނަށް ފީފާގެ ޑިވެލޮޕްމެންޓް ފަންޑު ނުދީ އެ އިދާރާއިން ވަނީ ހިފަހައްޓައިފައި

އޭޕްރީލް 15, 2024 - 18:39
 0
އެފްއޭއެމްގެ ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

އެފްއޭއެމުން އިއުލާން ކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެ އެސޯސިއޭސަނުން ބުނެފި އެވެ.

މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް އެ ސޯސިއޭސަނުން މިދިޔަ މަހު ވަނީ 13 ޓެކްނިކަލް މަގާމަކަށް ކުރިމަތިލާން އިންޓަނޭސަނަލް ޕްލެޓްފޯމެއްގައި ހުޅުވާލައިފަ އެވެ. "ޖޮބްސް ފޯ ފުޓްބޯލް" ގައި އެފްއޭއެމުން އިއުލާން ކުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.

އިއުލާނުކޮށްފައިވާ ވަޒީފާތައް މި ލިންކުން ބައްލަވާ ލެއްވޭނެ

ތިން ހަފުތާތެރޭ އެވަރުގެ އަދަދެއް، އެފްއޭއެމްގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލާފައިވުމަކީ ފުޓްބޯޅަ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ތަރުހީބެއްކަމަށް އެ އެސޯސިއޭސަނުން ބުންޏެވެ.

"މި ތަރުހީބުން ދައްކުވައިދެނީ ފުޓްބޯޅައިގެ ފެންވަރު މަތިކުރުމަށާއި ހެޔޮ ބަދަލެއް ގެނައުމަށް އެފްއޭއެމުން ކުރާ ދުރުވިސްނުންތެރި ދަތުރުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑަށް އެދިއެދި ތިބިކަމެވެ،" މީސް މިޑިއާގައި އެފްއޭއެމުން ބުނެފައި އެވެ.

އެ އެސޯސިއޭސަންގެ ޓެކްނިކަލް ޑިރެކްޓަރު ޕޯލް ތޯމަސް ސްމޯލީ ބުނީ އިންޓަނޭސަނަލް ފެންވަރުގައި ގިނަ ހުށަހެޅުންތަކެއް ލިބިފައިވުމަކީ އުފާވެރިކަމެއް ކަމަށެވެ.

ގިނަ މަގާމުތަކެއް އެފްއޭއެމުން އިއުލާން ކުރި އިރު، އެ އެސޯސިއޭނަށް ފީފާގެ ޑިވެލޮޕްމެންޓް ފަންޑު ނުދީ އެ އިދާރާއިން ވަނީ ހިފަހައްޓައިފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ އެސޯސިއޭސަންގެ މުސާރަ ނުދެވި ބޮޑު ބެކް ލޮގެއް އޮތެވެ. އެކަމަކު ފީފާއިން މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ހަރަދު ނުކުރަން ސަރުތުކޮށް އެފްއޭއެމަށް 381،000 ޑޮލަރު ދިނުމުން، މުސާރައިގެ ބޮޑު ބެކްލޮގް ވަނީ ކުޑަކޮށްފަ އެވެ.