ނުރައްކާތެރި ކެމިކަލެއް ހިމެނޭ އިންޕޯޓު ހަވާދުގެ ދެ ބްރޭންޑެއް މަނާކޮށްފި

މަނާކުރި ހަވާދުގެ ދެ ބާވަތުގައިވެސް ކެއުމުން ގެއްލުންލިބޭ ކެމިކަލެއްވޭ

އޭޕްރީލް 27, 2024 - 16:48
 0
ނުރައްކާތެރި ކެމިކަލެއް ހިމެނޭ އިންޕޯޓު ހަވާދުގެ ދެ ބްރޭންޑެއް މަނާކޮށްފި
ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރި ދެ ބާވަތުގެ ހަވާދު

ރާއްޖެއަށް އާއްމުކޮށް އިންޕޯޓުކުރާ ހަވާދުގެ ދެ ބްރޭންޑަކުން ނުރައްކާތެރި ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.

މަނާކުރީ "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެދައިލިން އޮކްސައިޑް(Ethylene Oxide)" ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން ބުނެފައިވާ ކަމަށެވެ. މި ބްރޭންޑުތަކުގެ ހަވާދުތަކަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެކެވެ. އެހެންވެ ރާއްޖޭގެ ބާޒާރުން އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

1859 ވަނަ އަހަރު ފްރާންސްގެ ކެމިސްޓެއް އީޖާދުކުރި (ކެއުމަށް ރައްކާތެރި ނޫން ކެމިކަލެއް ކަމަށްވާ) މި "އެތިލިން އޮކްސައިޑަކީ" އާއްމުކޮށް ތަންތަނާއި އެއްޗެތިން ޖަރާސީމު މަރައި (ޑިސްއިންފެކްޓް ކުރުމަށް)، ހާއްސަކޮށް ކައްކައި ނުވަތަ ހޫނުން ހަލާކުވާ ޒާތުގެ މެޑިކަލް ސާމާނާއި، އިލެކްޓްރޯނިކްސްއާއި، އޮޕްޓިކަލް ސާމާސާއި، ކަރުދާހާއި ރަބަރާއި ޕްލާސްޓިކުގެ ބާވަތްތައް ޑިސްއިންފެކްޓް ކުރުމަށާއި، (ޖަރާސީމާއި ފަނި ފަކުސާ މަރަން) ދަނޑުވެރިކަމުގައި ދުން އެޅުމަށްވެސް ބޭނުންކުރަމުން އަންނަ ކެމިކަލެވެ. ކެމިކަލް ހަތިޔާރު ހެދުމަށް، 1940ގައި އެމެރިކާގެ އަސްކަރިއްޔާއިން ތަރައްގީކޮށް ބޭނުން ކުރަމުން އަންނަ މި ކެމިކަލަކީ ބައެއް ބާވަތުގެ ދިޔާތަކެތި ގަނޑުވިޔަ ނުދީ ހިފެހެއްޓުމަށް 1958 ގައި އެމެރިކާގެ ޝެލް އޮއިލް ކުންފުނިން އިތުރަށް ފައްކާކޮށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް އެންމެ ގިނައިން އުފައްދަނީ އެމެރިކާއިންނެވެ. 

އެމްއެފްޑީއޭ އިން ބުނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށާއި، މި ހަވާދުގެ ދެ ބާވަތް ބޭނުން ނުކުރުމަށެވެ.