ސުޕްރީމް ކޯޓުގެ އަމުރާއެކު ގުޅީފަޅު ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް

ގުޅީފަޅު ބިން ހިއްކުން ހުއްޓާލަން ހައި ކޯޓުން އޭރު ހުކުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް ދައުލަތުން އެދުމުން މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވެސް ނެރެދީފަ އެވެ.

މެއި 15, 2024 - 16:52
 0
ސުޕްރީމް ކޯޓުގެ އަމުރާއެކު ގުޅީފަޅު ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްޣަފޫރު، ހުށަހެޅި މައްސަލަ ނިމެންދެން ގުޅިފަޅު ބިން ހިއްކުމުގެ މަސްރޫއު ހުއްޓާލަން  ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.

މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ހުކުމުގައި ބުނެފައި ވަނީ ހައިކޯޓުން ގުޅިފަޅު ހިއްކުމުގެ މަސްރޫއު ހުއްޓުވަން އަމުރު ނެރެފައި ވަނީ ދެ ފަރާތަށް ލިބޭނެ ގެއްލުން ވަޒަން ކުރުމެއް ނެތި ކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން ވެސް ވަޒަންކޮށްފައި ނުވާ ކަމަށެވެ.

ހައި ކޯޓުން އޭރު އެ ހުކުމް ކުރުމާއެކު ދައުލަތުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. ދައުލަތުން އެދުނު ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވެސް ނެރެދީފަ އެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ.

ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވާށެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، ކުރިއަށް ދާކަމަށް ސަރުކާރުން ބުނި، ނަމަވެސް ކޯޓެއްގެ ހުކުމުން ހުއްޓިފައިވާ ގުޅީފަޅުގެ މަސައްކަތް އަލުން ފަށައި ކުރިއަށް ގެންދިއުމަށް އޮތް ހުރަސް ނެތިގެން ދިޔައީއެވެ. ރާއްޖޭގެ ވެއްޓަށްވުރެ މި ވަގުތު، ބޯހިޔާވަހިކަން މާ ބޮޑަށް މުހިއްމު ވެފައިވާކަން އާއްމު ރައްޔިތުންގެ އުދާސްތަކުން ހާމަވަމުން ދެއެވެ.