މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން 16 މިލިއަން ޑޮލަރަށް ބިގްފިޝް މޯލްޑިވްސްއާއި ހަވާލުކޮށްފި

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން 16-މިލިއަން ޑޮލަރަށް ބިގްފިޝް މޯލްޑިވްސްއާއި ހަވާލުކޮށްފި

މާރިޗު 29, 2024 - 06:21
 0
މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން 16 މިލިއަން ޑޮލަރަށް ބިގްފިޝް މޯލްޑިވްސްއާއި ހަވާލުކޮށްފި

ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ މިއަދު (22 ޖޫން 2023 ވަނަ ދުވަހު) ހަވާލުކޮށްފި އެވެ. އެ މަސައްކަތް 16 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނި ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ހަފްލާގައެެވެ. 366 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމަން ޖެހޭއިރު މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ބިގްފިޝްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހްމަދެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެއެވެ.

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކުރީ 2021 ވަނަ އަހަރު ޑިސެމްބަރު މަހު 20 ވަނަ ދުވަހުގައެވެ. އެއީ ހދ މަކުނުދޫއާއި، ށ ބިލެތްފައްސާއި، ބ ތުޅާދޫއާއި، ރ އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އަޅާ އެއާޕޯޓަކާއި، ފ މަގޫދޫގެ އިތުރުން ތ ވިލުފުށްޓެވެ. ރ އަތޮޅު ދެކުނު ބިތުގައި އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި ކަމަށް މިމަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވާފަ އެވެ. 

ސަރުކާރުގެ ވައުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްމެ ދުރުވެގެން 20-30 މިނެޓް ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމެވެ. ކައިރީގައި މީހުން ދިރިއުޅޭ ރަށްތައް ނެތުމުން، މި ޕްލޭނާ އެއްގޮތަށް މަސައްކަތް ނުގެންދެވޭނެ ހަމައެކަނި ސަރަހައްދަކީ މަކުނުދޫ ހިމެނޭ ސަރަހައްދެވެ. އެހެންކަމުން ސަރުކާރުން އިއުލާންކުރެއްވީ އެރަށުގައި ވަކިން އެއާޕޯޓެއް ތަރައްގީކުރުމަށެވެ.

ބިގްފިޝްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޮޑުކަންނެލި ތާޒާކޮށް ބޭރުކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނން އަންނަނީ ވިޔަފާރީގެ އިތުރު ދާއިރާތަކަށް ވަންނަމުންނެވެ. މަކުނުދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓް، ބިގްފިޝްއިން ސަބްކޮންޓްރެކްޓަށް ހަވާލުކޮށްފައިވަނީ ކޭ.އެސް.އާރު ކިޔާ އިންޑިޔާ ކުންފުންޏަކާއެވެ.