އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް

މެއި 2, 2024 - 00:15
 0

6. ފަސްވަނަ ސަބަބު: ހުކުމެއް މަންސޫޚުވެފައި އެކަމުގެ ހަބަރު ލިބިވަޑައިނުގަތުން

ނޯޓު: މަންސޫޚުވުމަކީ ކުރީގައި ވަކި ގޮތަކަށް ކަނޑައެޅިފައި އޮތް ހުކުމެއް އޭގެ ފަހުން ބާވާލެއްވުނު އާޔަތަކުން ނުވަތަ ހަދީސްކުރެއްވި ބަސްފުޅަކުން ކުރީގެ ހުކުމް އުވި ގޮސް ކުރިން އޮތް ހުކުމުގެ މަގާމަށް އަލުން އައި ހުކުމް ހަމަޖެހުމެވެ.
އިސްލާމްދީން ފެށިގެން އައި އިރު ނަމާދުގައި ރުކޫއަށް އޮންނަ އޮތުމުގައި ސުންނަތްވެގެންވާ ގޮތަކީ ދެ އަތްތިލަ ގުޅުވާލުމަށްފަހު، ދެ ކަކުލުގެ ދެމެދަށް ލައިގެން އޮތުމެވެ. ފަހުން އެ ހުކުމް މަންސޫޚުކުރައްވާ ރުކޫއުގައި އަތް ބާއްވަން ޖެހެނީ ދެ ކަކުލުގައި ކަމަށް ކަނޑައެޅުއްވީއެވެ. (صحيح البخاري)
އިބްނު މަސްޢޫދު ރަލިޔަالله އަންހަށް އެ ހުކުމް މަންސޫޚުވިކަން އެނގިވަޑައި ނުގަންނަވާއިރު އެކަލޭގެފާނު ހަމަ ކުރިއެކޭ އެއްގޮތަށް އަމަލުކުރައްވަމުން ގެންދެވިއެވެ. އެއްފަހަރަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ އަރިހުގައި ޢަލްޤަމާގެފާނާއި އަސްވަދުގެފާނާ ދެކަލުން ނަމާދުކުރެއްވިއިރު ރުކޫއުގައި ދެއަތްޕުޅު ދެކަކޫފުޅުގައި ބާއްވަވާ ތަނެވެ. އެކަލޭގެފާނު އޭގެ ދެކަލުންނަށް އެކަންތައް މަނާކުރައްވާ ދެއަތްތިލަ ގުޅުވާލުމަށް ފަހު ދެކަކުލުގެ ދެމެދަށް ލާން އަމުރުކުރެއްވިއެވެ. (صحيح مسلم) ކީއްވެގެން ކަމަށްހެއްޔެވެ؟ އެއީ އެކަލޭގެފާނަށް އޭރު ކުރީގެ ހުކުމް މަންސޫޚުވި ހަބަރު ލިބިވަޑައިގެންފައި ނުވާތީއެވެ. رضي االله عنهم أجمعين
ފަހެ އެއްވެސް އިންސާނަކަށް އެ އިންސާނެއްގެ ކުޅެދުންތެރިކަން ހުރި މިންވަރަކަށް މެނުވީ ތަކުލީފުޖެއްސެވިގެން ނުވެއެވެ. الله ﷻ ވަހީކުރައްވާފައިވެއެވެ.
لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّوُسْعَهَا لَهَا مَا آَسَبَتْ وَعَلَيْهَا مَا اآْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَآ إِصْرًا آَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَـافِرِينَ (سورة البقرة - 286) 
މާނައީ: އެއްވެސް ނަފުސަކަށް އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ކަމެއް އަދާކުރުމަކަށް މާތް الله ނުޖައްސަވައެވެ. އެ ނަފުސެއް ހޯދައިގެން ހެޔޮކަމެއްގެ ސަވާބު އެ ނަފުސަކަށްޓަކައި ވެއެވެ. އަދި އެ ނަފުސެއް ހޯދައިގެން ނުބައިކަމެއްގެ ޖަޒާ އެނަފުސުގެ މައްޗަށް ހުންނާނެއެވެ. (ތިޔަބައިމީހުން މިފަދައިން ދުއާކުރާށެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ހަނދާން ނެތުމުގެ ސަބަބުންނާއި އޮޅިގެން ކުރެވޭ ކުށަށްޓަކައި އަޅަމެންނަށް އަޒާބު ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅަމެންގެ ކުރީގެ މީސްތަކުންނަށް އުފުލުމަށް ޖެއްސެވި ފަދަ ބުރަކަމެއް އަޅަމެންގެ މައްޗަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެކަމަކަށް އަޅަމެންގެ ކުޅަދުންތެރިކަން ނުފޯރާ ކަމެއް އަޅަމެންނަށް ނުޖައްސަވައިދޭނވެ! އަދި އަޅަމެންނަށް މާފުދެއްވާ އަޅަމެންނަށް ފުއްސަވައިދޭނވެ! އަދި އަޅަމެންނަށް ރަޙުމަތްލައްވައިދޭނވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެންމެހާ ކަމެއްގެ ބެލެނިވެރި މާތް ރަސްކަލާނގެއެވެ. ފަހެ ކާފަރުވީ މީހުންގެ މައްޗަށް އަޅަމެންނަށް ނަސްރުދެއްވައިދޭނވެ!