އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް

މެއި 2, 2024 - 00:15
 0

5. ހަތަރުވަނަ ސަބަބު: ދަލީލުގެ އަސްލު މުރާދާ ހިލާފަށް ވިސްނިވަޑައިގަތުން

މިސާލު (1)
الله ﷻ ވަހީކުރައްވާފައިވެއެވެ.{وَإِنْ آُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَآءَ أَحَدٌ مِّنْكُمْ مِّن الْغَآئِطِ أَوْ لَـامَسْتُمُ النِّسَآءَ فَلَمْ تَجِدُواْ مَآءً فَتَيَمَّمُواْ صَعِيداً طَيِّبا... (سورة المائدة - الآية  6)
މާނައީ: އަދި ތިޔަބައިމީހުންނަކީ ބަލި މީހުން ކަމުގައިވާ ނަމަ ނުވަތަ ދަތުރެއްގެ މަތީގައި ވާނަމަ ނުވަތަ ތިޔަބައިމީހުން ކުރެ މީހަކު ފާހާނާއަށް ދިޔަ ނަމަ ނުވަތަ ތިޔަބައިމީހުން އަނބީންނާ ލަމްސުވުމަށްފަހ،ު ދެން ތިޔަބައިމީހުންނަށް ފެން ނުލިބުނު ނަމަ ފަހެ ތޯހިރުވެގެންވާ ވެލިން ތަޔައްމަމުކުރާށެވެ. (ނޯޓު: ބަހުގެ ގޮތުން ލަމްސުގެ މާނައަކީ ބީހުމެވެ)
މި އާޔަތުގައި މިވާ ލަމްސުގެ މުރާދާ މެދު ޢިލްމުވެރިންގެ ތެރޭގައި ޚިޔާލު ތަފާތުވެފައިވެއެވެ. ބައެއް ބޭކަލުންނަށް ވިސްނިވަޑައިގެންނެވީ މިއާޔަތުގައިވާ ލަމްސު ގެ މުރާދަކީ ހަމަ ބަހުގެ ގޮތުން ވެސް ލަމްސުގެ މާނަކުރެވޭ ބީހުން ކަމުގައެވެ. އަނެއްބައި ޢިލްމުވެރިންނަށް ވިސްނިވަޑައިގެންނެވީ ސަހުވަތާއެކު ބީހުން ކަމުގައެވެ. އަނެއްބައި ޢިލްމުވެރިންނަށް ވިސްނިވަޑައިގެންނެވީ މި އާޔަތުގައި ލަމްސުގެ މާނައަކީ ޖިމާއުވުން ކަމުގައެވެ.
ފުން ވިސްނުމަކުން އާޔަތާ މެދު ވިސްނާއިރުގައި އެތަނުގައި ލަމްސުގެ މުރާދަކީ ޖިމާއުވުން ކަމުގައި ވިދާޅުވާ އިލްމުވެރިންނަށް ކުރި ލިބިފައިވާތަން ފެންނާނެއެވެ. އެހެނީ الله ﷻ މިއާޔަތުގެ ކުރީބައިގައި ފެނުން ތޯހިރުވާންވީ ގޮތް ބަޔާންކުރެއްވިއިރުގައި ވެސް ފެނުގެ ޒަރީއާއިން ކުޑަ ހަދަސުން ތޯހިރުވާ ގޮތާއި ބޮޑު ހަދަސުން ތޯހިރުވާ ގޮތް ވެސް ބަޔާންކުރެއްވިއެވެ. ފެނުގެ ޒަރީއާއިން ކުޑަ ހަދަސުން ތޯހިރުވާނެ ގޮތާ މެދު ވަހީކުރެއްވިއެވެ.
فاغْسِلُواْوُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ (سورة المائدة - الآية  6) ފަހެ ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ. އަދި ތިޔަބައިމީހުންގެ އަތްތައް ދެއުށަބޮށީގެ ކަށްޓާއެކުގައެވެ. އަދި ތިޔަބައިމީހުންގެ ބޯތަކުގައި ފެން ފުހޭށެވެ. އަދި ތިޔަބައިމީހުންގެ ފައިތިލަތައް ދެ ތަނބިކަށްޓާ އެކު (ދޮންނާށެވެ). (މިއާޔަތުގައި އަންގަވާފައި އެވަނީ ވުލޫގެ ފަރުލުތަކެވެ)
ފެނުގެ ޒަރީޢާއިން ބޮޑު ހަދަސުން ތޯހިރުވާނެ ގޮތާ މެދު ވަހީކުރެއްވިއެވެ.
وَإِن آُنتُمْ جُنُباًفَاطَّهَّرُوا...( سورة المائدة - الآية  6) މާނައީ: އަދި ތިޔަބައިމީހުން ޖުނުބުވެރި (ބޮޑު ހަދަސްވެރި) ވެފައިވާ ނަމަ ހިނައިގަންނާށެވެ. 
ކީރިތި ޤުރުއާނުގެ ބަސްމަގު އައިސްފައިހުރި އުސޫލުތައް ނިޔާކުރާ ގޮތުން ނަމަ ދެން ހަމަ އެޔާ ވިދިގެން ވެލިން ތޯހިރުވާނެ ގޮތް ބަޔާންކުރެއްވުމުގައި ވެސް ބެލެވެނީ ކުޑަ ހަދަސާއި ބޮޑު ހަދަސްގެ ވާހަކަ އަންނާނެ ކަމަށެވެ. ފުރަތަމަ އެ އެންގެވީ ކުޑަ ހަދަސްގެ ވާހަކައެވެ. "ނުވަތަ ތިޔަބައިމީހުން ގެ ތެރެއިން މީހަކު ފާހާނާއަށް ދިޔަ ނަމައެވެ." ދެން އެޔާ ވިދިގެން އެ އަންގަވަނީ ބޮޑު ހަދަސްވެރިވުމުގެ ވާހަކައެވެ. "ނުވަތަ ތިޔަބައިމީހުން އަނބީންނާ އެކު (ލަމްސުކުރި ނަމަ) ޖިމާޢުވީނަމައެވެ." އެއާއި ހިލާފަށް މިތަނުގައި ލަމްސުގެ މާނައަކީ ބީހުން ކަމުގައި ބަލައިފި ނަމަ އެ ނިންމުނީ މިބައިގައި ވެލީގެ ޒަރީއާއިން ބޮޑު ހަދަސުން ތޯހިރުވުމަށް އިސާރާތްކުރައްވާފައި ނުވާކަމުގައެވެ. އަދި އާޔަތުގެ މިބައިގައި ގެންނަވާފައި މިއޮތީ ކުޑަ ހަދަސްވެރިވާ ދެ ސަބަބު ކަމުގައެވެ. ބޮޑު ހަދަސްވެރިވުމުގެ ސަބަބެއް ގެންނަވާފައި ނުވާ ކަމުގައެވެ. މިއީ ކީރިތި ގުރުއާންގެ ބަސްމަގު އައިސްފައިހުރި އުސޫލުތަކާއި ހިލާފު ގޮތެކެވެ. އަދި މިގޮތަށް މާނަ ނަގައިފި ނަމަ އޭގެ ނަތީޖާއަކީ ވުލޫ ގެއްލޭ ކަންތައްތަކުގެ ތެރޭގައި އަންހެނުން (އަނބިން) ގައި ބީހުން ހިމެނިގެން ދިއުމެވެ. އެހެންވެގެން އެ ގޮތަށް މާނަ ނެންގެވި އިލްމުވެރިން އަންހެނުންގައި ސަހުވަތާއެކު ބީހުމަކީ އަދި ބައެއް އިލްމުވެރިނ،ް ސަހުވަތަކާ ނުލައި ބީހުމަކީ ވެސް ވުލޫ ގެއްލޭކަމެއް ކަމުގައި ދެކެވަޑައިގެންނެވިއެވެ. ނަމަވެސް ރަނގަޅު ގޮތަކީ އެ ދެޙާލަތުން ކުރެ ހާލަތެއްގައިވެސް ވުލޫ ނުގެއްލުމެވެ. އެހެނީ ސައްހަ މަގުން ރިވާވެގެންވަނީ ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ބޮސްދެއްވުމަށްފަހުގައިވެސް އަލުން ވުލޫ ކުރެއްވުމެއް ނެތި ނަމާދަށް ވަޑައިގަންނަވާކަމަށެވެ. (أخرجه أبو داوود والترمذي وابن ماجه -آتاب الطهارة) މި ރިވާޔަތް ކިތަންމެ މަގަކުން ރިވާވުވުމުގެ ސަބަބުން އެއް ރިވާޔަތުން އަނެއް ރިވާޔަތަށް ބާރުލިބި ސައްހަކަން ގަދަވެފައިވެއެވެ.

މިސާލު (2)
ކީރިތި މާތް ނަބިއްޔާ އަހުޒާބު ހަނގުރާމަ ނިންމަވާފައި އެނބުރިވަޑައިގެން ހަތިޔާރުތައް ރައްކާކުރެއްވިތަނާ ޖިބްރީލް އަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. އަހަރެމެން (މަލާއިކަތް ބޭކަލުން) އަދި ހަތިޔާރު ނުބަހައްޓަމެވެ. ބަނޫ ގުރައިޒާއާ ހަނގުރާމައަށް ނުކުމެވަޑައިގަންނަވާށެވެ. ދެން އިތުރު އެކަލޭގެފާނުގެ ސޮހާބީންނަށް ހަނގުރާމައަށް ނުކުންނެވުމަށް އަމުރުކުރެއްވިއެވެ. އަދި ހަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ބަނޫ ގުރައިޒާގައި މެނުވީ އަސްރު ނަމާދުކޮށްގެން ނުވާނެއެވެ. ސޮހާބީންގެ މެދުގައި ކީރިތި ނަބިއްޔާ އަމުރުކުރެއްވި އަމުރުފުޅުގެ މުރާދާ މެދު ހިޔާލު ތަފާތުވިއެވެ. ބައެއް ބޭކަލުންނަށް ވިސްނިވަޑައިގެންނެވީ ހަނގުރާމައަށް އަވަސްވެ އަސްރު ނަމާދު އައުމުގެ ކުރިން އެހިސާބަށް ދާންޖެހޭނެ ކަމުގައި އެންގެވީ ކަމަށެވެ. ނަމަވެސް އެހިސާބަށް ނުފޯރަނީހުން ދަތުރުގެ މަގުމަތީގައި އަސްރު ނަމާދުގެ ވަގުތު ޖެހުމާއެކު އެބޭކަލުން ނަމާދުކުރެއްވީއެވެ. އަނެއްބައި ބޭކަލުންނަށް ވިސްނިވަޑައިގެންނެވީ ވަގުތު ފާއިތުވެގެން ދިޔަކަމުގައި ވިޔަސް މިއަދުގެ އަސްރު ނަމާދުކުރަން މާތް ނަބިއްޔާ އެ އެންގެވީ ބަނޫ ގުރައިޒާގައި ކަމަށެވ.ެ އެހެންވެ އެބޭކަލުން ނަމާދުކުރެއްވީ ބަނޫ ގުރައިޒާއަށް ވަޑައިގެންނެވުނު ފަހުން އަދި ނަމާދުގެ ވަގުތުވެސް ފާއިތުވީ ފަހުންނެވެ. (أخرجه البخاري ومسلم)
އެއްވެސް ސައްކެތްނެތް ގޮތުގައި ރަނގަޅު މުރާދު ނެންގެވި ކަމުގައި ބެލެވެނީ ނަމާދުގެ ވަގުތުގައި ނަމާދުކުރެއްވި ބޭކަލުންނެވެ. އެހެނީ މާތް ނަބިއްޔާގެ ބަސްފުޅެއްގެ މުރާދު އޮޅުން އަރައިފިނަމަ ދެން ޖެހޭނީ އެ މައުލޫގައި އައިސްފައިހުރި މުރާދު ސާފުކޮށް ބަޔާންވެފައިހުރި ހަދީސްތަކުގެ އަލީގައި އެ އެރި އޮޅުމެއް ފިލުވާށެވެ. މައުލޫގައި އައިސްފައިހުރި އެހެން ހަދީސްތައް ކަނޑައަޅަނީ ނަމާދު އޭގެ ވަގުތުން ފަސްނުކުރުމަށެވެ.
ކޮންމެއަކަސް މިކަމުން އެނގުނީ ދަލީލުގެ އަސްލު މުރާދު ވިސްނިވަޑައިގަތުމުގައި ތަފާތު ހުރުމަކީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުމުގެ ސަބަބެއް ކަމެވެ. ނޯޓު: އަޖައިބު ވާންޖެހޭ ހަގީގަތަކީ މަތީގައި ބަޔާންކުރެވުނު ގޮތާއި އިދިކޮޅަށް، ރަނގަޅު ގޮތަކީ ހަމަ ބަނޫ ގުރައިޒާގައި ނަމާދުކުރެއްވި ބޭކަލުންގެ ވިސްނުންފުޅުކަމުގައި، ބައެއް އިލްމުވެރިން ވިދާޅުވެފައިވުމެވެ.
މިހުންނަނީ ވިސްނުމާއި ވިސްނޭ ގޮތުގައި ހިލާފުހުރި ވަރެވެ. މީކީ ނައްތާލެވޭނޭ ކަންކަމެއް ނޫނެވެ. މި ކަމަކީ ބަލައިގެނެގެން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމާ އެކު ނިންމާލަންވީ ކަންކަމެވެ. ކީރިތި މާތް ނަބިއްޔާއަށް އިސްވެ ދިޔަ ހާދިސާގެ ހަބަރު ލިބިވަޑައިގަތް ހިނދު އެތަނުން އެއްވެސް ކޮޅަކަށް ބަދު ބަހެއް ވިދާޅުވުމެއް ނެތި ހަނު ހުންނެވި ކަމީ މިކަމުގެ އެންމެ ވަރުގަދަ ހެއްކެވެ.