އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް
4. ތިންވަނަ ސަބަބު: ދަލީލު ލިބިވަޑައިގަތުމަށްފަހު ހަނދުމަފުޅު ނެތުން
ހަނދާންނެތުން އެފަރާތަކަށް މުސްތަޙީލުވެގެންވާ ފަރާތް މަތިވެރިވެގެންވެއެވ.ެ ނަމަވެސް ތޮބީއަތުގައި ހަނދާންނެތުމުގެ ގޮތް އެކަށައެޅުއްވިފައިވާ އިންސާނުންނަށް އެމީހުން ދަސްކުރާ ހަދީސް ހަނދާން ނެތެނީ މަދެއްކޮށެއް ނޫނެވެ. ބައެއް ފަހަރަށް ކީރިތި ޤުރުއާނުގެ އާޔަތްތައްވެސް ހަނދާން ނެތޭ ހާލަތްތައް މެދުވެރިވެއެވެ. ހުދު ކީރިތި ގުރުއާން އެބޭކަލަކަށް ބާވާލެއްވުނު މާތް ނަބިއްޔާ ﷺ އަށް ވެސް މި މައްސަލަ ކުރިމަތިވިއެވެ. އެއްފަހަރެއްގައި އެކަލޭގެފާނު ސޮހާބީ ބޭކަލުންކޮޅަކާއިއެކު އިމާމްވެ ނަމާދުކުރެއްވިއިރު ހަނދުމަފުޅުނެތިގެން އާޔަތެއް ދޫކޮށްލެއްވުނެވެ. އެ ޖަމާއަތުގައި އުބައްޔު ބިން ކަޢުބު ވެސް ހުންނެވިއެވެ. ފަހެ އެކަލޭގެފާނު ނަމާދުން އަވަދިވެވަޑައިންނެވުމަށްފަހު އުބައްޔު ބިން ކަޢުބު ރަލިޔަالله އަންހަށް ވިދާޅުވިއެވެ. ކަލޭގެފާނު އެ އާޔަތް ތިމަންކަލޭގެފާނަށް ހަނދާންކޮށްދެއްވި ނަމަ ކޮން ފަދަހެއްޔެވެ؟ (أخرجه أبو داوود فى آتاب الصلاة)
މިއީ މަތިވެރި ނަބިއްޔާގެ ހާލުކޮޅު ހުރި ގޮތެވ.ެ އާއެކެވެ. އިންސާނެއް ކަމުގައި ވަނީ ނަމަ ހަނދާން ނެތުމުގެ މައްސަލަ ދިމާވާނެއެވެ. މިގޮތުން ހަދީހެއްގެ ހަބަރު ލިބިފައިވުމާ އެކުވެސް އެ ހަދީހެއް ހަނދާން ނެތުމީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ރަސޫލުالله ﷺ އެއްފަހަރަކު ޢުމަރުގެފާނާއި ޢައްމާރު ބިން ޔާސިރުގެފާނާއި މާތް ނަބިއްޔާގެ ކޮންމެވެސް ބޭނުންފުޅަކަށްޓަކައި ދުރުހިސާބަކަށް ފޮނުއްވެވިއެވ.ެ ދެން އޭގެ ދެކަލުން މި ދަތުރު މަތީގައި ޖުނުބުވެރިވެވަޑައިގެންނެވިއެވެ. އެއީ ފެން ލިބެން ނެތް ހިސާބެކެވެ. ދެން ޢައްމާރު ބިން ޔާސިރަށް އެކަލޭގެފާނުގެ އިޖުތިހާދުން ވިސްނިވަޑައިގެންނެވީ ވެލިން ތޯހިރުވަނީ ހަމަ ފެނުން ވެސް ތޯހިރުވާ ގޮތާ އެއްފަދައިންކަމަށެވެ. އެހެންވެގެން އެކަލޭގެފާނު ހަށިގަނޑުގެ ހުރިހާ ތަނެއްގައި ވެލި އުނގުޅޭނެ ފަދައިން ޖަނަވާރު އެއްޗެހި ހިނޭޖަހާ އުސޫލުން ބިންމަތީގައި ހަމަ ރަނގަޅަށް ފުރޮޅިވަޑައިގެންނެވިއެވެ. މުޅި ހަށިގަނޑުގައި ފެން ޖައްސާ ހިނައިގަންނަ ގޮތާ އެއްގޮތް ކުރެއްވުމަށެވެ. ނަމަވެސް ޢުމަރުގެފާނަށް ފެނިވަޑައިގަތީ ނަމާދު ނުކުރެއްވުމަށެވެ. ދެން އޭގެ ދެކަލުން އެނބުރި ރަސޫލު ﷺ ގެ އަރިހަށް ވަޑައިގަތުމުން ރަނގަޅު ގޮތް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ޢައްމާރު ބިން ޔާސިރުގެފާނަށް ހަދީސްކުރެއްވިއެވެ. ކަލޭގެފާނުގެ ދެ އަތްޕުޅުން މި ގޮތަށް ކަންތައް ކުރެއްވި ނަމަ ފުދިއްޖައީސްކަން ގައިމެވެ. އެހެން ހަދީސްކުރެއްވުމަށްފަހު މާތް ނަބިއްޔާގެ ދެ އަތްޕުޅުން ބިންމަތީގައި އެއް ފަހަރު ޖެއްސެވިއެވެ. ދެން އެއް އަތްޕުޅުން އަނެއް އަތްޕުޅުގެ ކުޑަހުޅާ ހަމައަށް ދެއަތްޕުޅުގެ ބޭރުފުށުގައި ފުއްސެވިއެވެ. އަދި މޫނުފުޅުގައި ވެސް ފުއްސެވިއެވެ.
(މިތަނުގައި ބަޔާންކުރެވިފައި މިވަނީ ތަޔައްމަމު ކުރުމާ ބެހޭ ގޮތުން އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން އެންމެ ރިވާޔަތެއްކަން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.) ޢުމަރުގެފާނުގެ ހަލީފާކަމުގައްޔާއި އަދި އޭގެ ކުރީގައިވެސް ޢައްމާރު ބިން ޔާސިރު މި ހާދިސާ މީސްތަކުންނަށް ބަޔާންކޮށްދެއްވާ އުޅުއްވިއެވެ. ނަމަވެސް އެއް ދުވަހަކު ޢުމަރުގެފާނު އެކަލޭގެފާނު ގެންނަވައިފައި ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ދައްކަވަނީ ކޮން ހާދިސާއެއްގެ ވާހަކަ ބާވައެވެ؟ ދެން ޢައްމާރު ބިން ޔާސިރު އެކަލޭގެފާނަށް ދެންނެވިއެވެ. އެއްދުވަހެއްގައި ރަސޫލު الله ﷺ ތިމަންމަން ދެކަލުން ތަނަކަށް ފޮނުއްވުމުން ކަންތައް ހިނގައި ދިޔަ ގޮތް ކަލޭގެފާނު ހަނދުމަފުޅު ނެތުނީތޯއެވެ. މިފަދައިން ޢައްމާރު ބިން ޔާސިރު އެ ހާދިސާ ޢުމަރުގެފާނަށް ކިޔައި ދެއްވުމުން ޢުމަރުގެފާނަށް އެ ހާދިސާ ހަނދުމަފުޅު ވާ ގޮތް ނުވުމުން ވިދާޅުވިއެވ.ެ އޭ ޢައްމާރުއެވެ. ކަލޭގެފާނު الله އަށް ބިރުވެތިވެވަޑައިގަންނަވާށެވެ. ދެން ޢައްމާރު ބިން ޔާސިރު ވިދާޅުވިއެވެ. މި ވާހަކަ މި ގޮތަށް ނުދެއްކުމީ الله ﷻ މިއަޅާގެ މައްޗަށް ކަލޭގެފާނަށްޓަކައި ކަނޑައަޅުއްވާފައިވާ ކިޔަމަންތެރިވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާ ނަމަ މިވާހަކަ ނުދައްކާހުށީމެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަކުރައްވާ ކަންތަކުގައި ކަލޭގެފާނަކީ ވެރިއެއްކަމުގައި ތިމަންމެން ބަލާނީއެވެ. އެބަހީ އެކަލޭގެފާނަށް ހަނދުމަފުޅު ނެތުމަކުން އަދި އެކަން މަނާކުރުމުގެ ހައްގު ލިބިވަޑައިގެންވާ ކަމަށް ދެކެނުލައްވާ ވާހަކައެވެ. (فتح البارى فى شرح صحيح البخارى، آتاب التيمم)
ފަހެ ކުޑަ ހަދަސުން އެރިގަތުމަށްޓަކައި ފެން ނުލިބިއްޖެ ހިނދުގައި ތަޔައްމަމު ކުރެވޭ ފަދައިން ބޮޑު ހަދަސުން އެރިގަތުމަށްޓަކައި ވެސް ތަޔައްމަމު ކުރެވޭކަން ކީރިތި މާތް ނަބިއްޔާ ބަޔާން ކޮށްދެއްވާފައިވާކަން ޢުމަރުގެފާނު ހަނދުމަފުޅު ނެތުނީއެވެ. މަތިވެރި ސޮހާބީންކުރެ ޢަބްދު الله ބިން މަސްޢޫދުވެސް މިމައްސަލައިގައި ޢުމަރުގެފާނަށް ތަބާވެވަޑައިގަންނަވައެވެ. އަދި ޢަބްދު الله ބިން މަސްޢޫދާއި އަބޫމޫސާ އާއި ދެމެދުގައި މި މައްސަލައިގައި ބަހުސެއް ވެސް ހިނގައިފައިވެއެވ.ެ އަބޫ މޫސާ ޢައްމާރު ބިން ޔާސިރު ޢުމަރުގެފާނަށް ދެންނެވި ވާހަކަ ކިޔައިދެއްވުމުން ޢަބްދު الله ބިން މަސްޢޫދު ވިދާޅުވިއެވެ. ބަލަ ޢައްމާރުގެފާނުގެ ބަސްފުޅުގައި ޢުމަރުގެފާނު ނުހިތްޕަވާތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަނީހެއްޔެވެ؟ ދެން އަބޫ މޫސާ ވިދާޅުވިއެވެ. އެހެންވީއިރު ޢައްމާރުގެފާނުގެ ބަސްފުޅު ބާއްވަވާށެވެ. މާއިދާ ސޫރަތުގައި އައިސްފައިވާ ތަޔައްމަމު ގެ އާޔަތާ މެދުގައި ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟ ދެން އިބްނު މަސްޢޫދު ހަނުހުންނެވިއެވެ. (فتح البارى فى شرح صحيح البخارى، آتاب التيمم) އެއްވެސް ސައްކެތް ނެތް ގޮތުގައި މި މައްސަލައިގައި ރަނގަޅު ގޮތަކީ ކުޑަ ހަދަސްވެރިޔާ ފެން ނުލިބިއްޖެ ހާލަތުގައި ތަޔައްމަމު ކުރާ ފަދައިން ބޮޑު ހަދަސްވެރިޔާ ވެސް ފެން ނުލިބިއްޖެ ހާލަތުގައި ތަޔައްމަމު ކުރުމެވެ.
ފާހަގަކޮށްލަން ބޭނުންވަނީ ބައެއް ފަހަރަށް އިންސާނުންނަށް ހަނދާންނެތުމުގެ ސަބަބުން ދީނީ ހުކުމްތައް ބުއްދީގެ ވިސްނުމަށް ތިލަނުވާ ފަހަރު އަންނާނެއެވެ. އެހިނދުގައި އޭނާއަށް ރަނގަޅު ނޫން ގޮތަށް ވެސް ބުނެވިދާނެއެވެ. ނަމަވެސް އެހާލަތުގައި އެފަދަ މީހާއީ ޢުޒުރުވެރިއެކެވެ. އެހެނަސް ދަލީލު ހަނދާން ހުރި މީހާ އުޒުރުވެރިއަކަށް ވާނީ ކޮން ފަދައަކުންހެއްޔެވެ؟
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online