އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް
3. ދެެވަނަ ސަބަބު: ކަމެއްގެ ހުކުމާއި މެދު އައިސްފައިވާ ދަލީލު ލިބިވަޑައިގަތަސް ދަލީލު ގެނެސްދިން ފަރާތަށް އިތުބާރު ނުކުރެވުން
މިސާލު (1):
ސަހީހުލްބުހާރީގައްޔާއި އަދި އެނޫންވެސް ހަދީސް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަލިޔަالله އަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ތޯއޫނޭ ކިޔުނު ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ހަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ސޮހާބީންނާއި މަސްވަރާކުރެއްވިއެވ.ެ މިގޮތުން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންނާއި ވެސް ވާހަކަދެއްކެވިއެވެ. އެބޭކަލުން އެކަމާއިމެދު ދެވިސްނުންފުޅެއްގެ މައްޗަށް ހިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް ޢިލްމެއް ލިބިގެންވެއެވެ. ރަސޫލުالله ﷺ ހަދީސްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ތޯއޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ހަބަރު ތިޔަބައިމީހުން އަހައިފިނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އޭގެ ބިރުވެރިކަމުގައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ. (أخرجه البخاري آتاب الطب ومسلم آتاب السلام)
މިސާލު (2):
ސޫރަތުއްތޮލާގް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ އިއްދައަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވ.ެ އަދި ސޫރަތުލްބަގަރާގެ 234 ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ އިއްދައަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ .މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަލިޔަالله އަންހު އާއި ޢަބްދުالله ބިން ޢައްބާސް ރަލިޔަالله އަންހުއާއި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާ، އިސްވެ ބަޔާންކުރެވުނު ދެއާޔަތުގައިވާ ދެ އިއްދާވެސް ހަމަކުރަންޖެހޭނެއެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާނަމަ ވިހަންދެން އިއްދާގައި އިންނަންޖެހޭނެއެވ.ެ އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު އިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން އިއްދާގައި އިންނަން ޖެހޭނެއެވެ. ނަމަވެސް ކީރިތި ރަސޫލު ﷺ ގެ ސުންނަތުގައި މި ދެ ހުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަލިޔަالله އަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. ހަމައެޔާއެކު ރަސޫލުالله ﷺ އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ. (خرجه البخاري آتاب الطلاق ومسلم آتاب الطلاق)
މި ހަދީސުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ އިއްދަ ކަމުގައި ބަގަރާ ސޫރަތުގެ 234 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ އިއްދައަކީ، ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ހާއްސަ އިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ އިއްދައަކީ ވިހެއުމެވެ. އެއްވެސް ސައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ހަދީސް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ހަދީސަށް ރިއާޔަތް ކުރައްވާނެކަމީ ސައްކެތް އޮތްކަމެއް ނޫނެވެ.
މި ސަބަބު ގެ މިސާލަކަށް ވެސް އަހަރެމެން ގެންނާނީ ސޮހާބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާއެކެވެ. ފާޠިމާ ބިންތު ޤައިސް ރަލިޔަالله އަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން ތިންވަނަ ފަހަރަށް އެކަމަނާ ވަރިކުރެއްވުމުން އިއްދާގައި އިންނަވަނިކޮށް ފިރިކަލުން އޭނާގެ ވަކީލުގެ އަތަށް ދެއްވައިފައި އެކަމަނާގެ ނަފަގާތް (ލާޒިމްވެގެން ދޭންޖެހޭ ހަރަދު) ފޮނުއްވެވިއެވެ. ނަމަވެސް އެކަމަނާ އެއާއި ހިތްޕުޅާ ހަމަ ނުކުރައްވާ އަދި އެ ހިއްޕެވުމާއި ވެސް ދެކޮޅު ހެއްދެވިއެވެ. ދެން މި މައްސަލަ މާތް ނަބިއްޔާގެ އަރިއަހަށް އުފުލިއްޖެއެވެ. އެހިނދު އެކަލޭގެފާނު ބަޔާންކޮށްދެއްވީ (މިހާލަތުގައި) ފިރިމީހާގެ ފަރާތުން އެކަމަނާއަށް ނަފަގާތެއް ވެސް އަދި އިންނާނެ ތަނެއް ވެސް ދިނުން ލާޒިމުވެގެން ނުވާ ކަމުގައެވެ. (أخرجه مسلم آتاب الطلاق) އެހެނީ އެކަމަނާ އިންނެވީ ތިންފަށް ވެފައެވެ. ތިންފަށް ވެފައިވާ އަންހެނާގެ އިއްދާގެ ދުވަސްވަރުގައި އެކަމަނާ ރުޖޫއަކުރުމުގެ ހައްގެއް ފިރިމީހާއަކަށް ނޯންނާނެއެވެ. ވަރިކުރެވިފައިވާ އަނބިމީހާއަށް އިއްދާގެ ދުވަސްވަރުގައި ނަފަގާތްދިނުން ފިރިމީހާއަށް ވާޖިބުވަނީ ރުޖޫއަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ ހާލަތުގައެވެ. މާބަނޑުވެފައިވާ ހާލަތް ފިޔަވައެވެ. އެއީ الله ﷻ ވަހީކުރައްވާފައިވާ މި ބަސްފުޅަށްޓަކައެވެ. {وَإِن آُنَّ أُوْلَـتِ حَمْلٍ فَأَنفِقُواْ عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ} (سورة الطلاق الآية 6)
މާނައީ: އަދި (ވަރިކުރެވުނު އަނބީން) މާބަނޑުކަމުގައި ވާ ނަމަ ފަހެ އެކަނބަލުންގެ ބަނޑުގައިވާ ދަރީން ވިހައިފުމަށް ދާންދެން އެކަނބަލުންނަށް ނަފަގާތްދޭށެވެ.
އިސްވެ ބަޔާންކުރެވުނު ފާޠިމާ ބިންތު ޤައިސް ރިވާކުރެއްވި ހަދީސް ޢުމަރުގެފާނަށް ދެންނެވުނު ހިނދު އެކަލޭގެފާނު އެހަދީސް ރައްދުކުރެއްވިއެވެ. އެހާދިސާ ހިނގައި ދިޔަ ގޮތް އެކަމަނާއަށް ހަނދުމަފުޅުނެތުމުގެ އިޙްތިމާލު (ކަމެއް ވެދާނޭ ކަމުގެ ފުރުސަތު) އޮތްކަމުގައި ބައްލަވާފައެވެ. އަދި ތިންފަށްވެފައިވާ އަންހެން ކަނބަލުންނަށް ވެސް އެކަނބަލުންގެ ޢިއްދާގެ ދުވަސްވަރުގައި ވެސް ނަފަގާތްދިނުން ފިރީންގެ މައްޗަށް ލާޒިމުކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ އެކަންތައް ހިނގައިދިޔަ ގޮތް އެކަމަނާ ރަނގަޅަށް ހަނދާންހުރި ކަމެއް ނުވަތަ ނެތްކަމެއް އަހަރެމެންނަށް ޔަޤީން ނުވާއިރު އެކަމަނާގެ ބަހަށްޓަކައި އަހަރެމެންގެ ވެރިރަސްކަލާނގެ ބަސްފުޅު ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ އެބަހީ އެކަމަނާގެ ބަހަށް ރިއާޔަތްކޮށް الله ﷻ ވަހީބަސްފުޅު ތަފްސީރު ކުރެވެން ނެތް ވާހަކައެވެ. މާނައަކީ ޢުމަރު ރަލިޔަالله އަންހު އެ ދަލީލު ރިވާވި ގޮތާ މެދު ހިތްޕުޅު ނުތަނަވަސް ވީއެވެ. އެކަލޭގެފާނު ފިޔަވައި އެހެން ސޮހާބީންނަށާއި އަދި ތާބިއީންނަށް ވެސ،ް ބައެއް ދަލީލުތައް ރިވާވެފައިވާ ގޮތާ މެދު ހިތް ނުތަނަވަސްވުމުގެ މައްސަލަ ދިމާވި ފަދައިން އޭގެ ފަހުން އައި މީހުންނަށް ވެސް އެ މައްސަލަ ދިމާވިއެވެ. ހަމަ މިފަދައިން އަހަރެމެންގެ މިޒަމާނާ ހަމައަށް ވެސް މިކަން މިހެން ހިނގާފައިވެއެވެ. އަދި ކިއެއްހެއްޔެވެ؟ ގިޔާމަތާ ޖެހެންދެން ވެސް މިކަން ހިނގާނީ މި އުސޫލުންނެވެ. ބައެއް އިލްމުވެރިން އެބޭކަލުންނަށް ސައްހަކަމުގައި ދެކެވަޑައިގެން ހުކުމް ނަންގަވާ ހަދީސްފުޅުތައް އަނެއްބައި އިލްމުވެރިންނަން ބަލިކަށިކަމުގައި ދެކެވަޑައިގެންނެވޭތީ ދޫކޮށްލައްވާތަން އިލްމުވެރިންގެ ބަސްފުޅުތަކުން އަހަރެމެންނަށް ފެންނަނީ ކިހާ ވަރަކަށްހެއްޔެވެ؟ ރިވާވެގެން އައި ގޮތާއި މެދު އިތުބާރުނުކުރެއްވިގެންނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online