އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް

މެއި 2, 2024 - 00:15
 0

7. ހަވަނަ ސަބަބު: ކަމެއްގެ ހުކުމާއި މެދު ދަލީލެއް ލިބިވަޑައިގެންނެވިއިރ،ު އެ ދަލީލަކީ އެއަށް ވުރެ ވަރުގަދަ އެހެން ދަލީލަކާ ނުވަތަ އިލްމުވެރިންގެ އިޖުމާއަކާ ފުށުއަރާ ދަލީލެއް ކަމުގައި ކަނޑައެޅުއްވުން

މިއީ ވެސް އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުމަށް ވަރަށް ގިނަފަހަރަށް މެދުވެރިވާ ސަބަބެކެވެ. އަދި ވަރަށް ގިނަ ފަހަރަށް އެކި މައްސަލަތަކުގައި ބައެއް ބޭފުޅުން އިޖުމާއު ނަގުލުކުރައްވާ އަޑު އިވުމުން ރަނގަޅަށް ބަލާއިރު އެއީ އިޖުމާއެއް ކަމުގައި ނުވާ ފަހަރުތައް ވެސް ކުރިމަތިވެއެވެ. އިޖުމާއު ނަގުލުކުރެއްވުމުގައި ހިނގާފައިވާ އެންމެ އާދަޔާ ހިލާފު ކަމަކީ ބައެއް އިލްމުވެރިން މައްސަލައެއްގެ ހުކުމަކާ މެދަށް އިޖުމާއު ނަގުލުކުރައްވާފައި ވަނިކޮށް އެއާއި ދިމާ އިދިކޮޅަށް އެހެން ބޭކަލުންކޮޅެއް އިޖުމާއު ނަގުލުކުރެއްވުމެވެ. މިސާލަކަށް އަޅުންގެ ހެކިބަސް ގަބޫލު ކުރެވޭނެކަމަށް ބައެއް އިލްމުވެރިން އިޖުމާއު ނަގުލުކުރައްވާފައި ވާއިރ،ު އަޅުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށްވެސް ބައެއް އިލްމުވެރިން އިޖުމާއު ނަގުލުކުރައްވައިފައިވެއެވެ. އެކަން އެގޮތަށްހިނގަން މެދުވެރިވާ ސަބަބަކީ ބައެއް ފަހަރަށް އިލްމުވެރިއަކު ހުންނަވާ ހިސާބުގަނޑެއްގައި ތިއްބެވި ހުރިހާ އިލްމުވެރިން ކަމަކަށް އެއްބަސްވެ ވަޑައިގެންނެވުމުން އެއާއި ހިލާފުވެ ވަޑައިގަންނަވާ އިލްމުވެރިޔަކު ނުއުޅުއްވާކަމަށް ހީފުޅުވެވުމެވެ. އަދި އެ އެއެއްބަސްވުމަކީ ދީނުގެ އެހެން މަސްދަރަކާވެސް ސީދާވާގޮތަށް އޮތް އިޖުމާއެއް ކަމުގައި ގަބޫލުފުޅުކުރެވުމެވެ. ވުމާއެކު އެއާއި ހިލާފުވެވަޑައިގަންނަވާނޭ ބޭފުޅަކު ނޫޅުއްވާނޭ ކަމަށް ނިންމަވާ އިޖުމާއެއް ކަމުގައި ލިޔުއްވެވެނީއެވެ. ނަމަވެސް ކަންތައް ވެފައި އޮންނަގޮތް ބައެއް ފަހަރަށް ނަމަވެސް އެއާއި އިދިކޮޅަށް ދިމާވަނީއެވެ.


މިސާލު:
އިބްނު ޢައްބާސް ރަލިޔަالله އަންހުމާ ރިބާގެ ދެވައްތަރުން ކުރެ ރިބާ އަލް ފަލުލާއި މެދު ދެކެވަޑައިގެންނެވި ގޮތް މިސާލެއްގެ ގޮތުގައި ފާހަގަވެއެވެ. ރިބާ އަކީ ހަމައެކަނި ރިބާ އަންނަސީއާ އެވެ. އެހެނީ ކީރިތި ރަސޫލު ﷺ ހަދީސްކުރެއްވި ކަމަށް ރިވާވެގެންވެއެވެ. "ރިބާ ވާކަން ކަށަވަރީ ފަސްކޮށްފައި އަދާކުރުމުގައެވެ." އަދި އެހެން ރިވާޔަތެއްގައި މި ހަދީސް އައިސްފައިވާ އިބާރާތުގައިވެއެވެ. "ފަސްކޮށްފައި އަދާކުރުމުގައި މެނުވީ ރިބާއެއް ނުވެއެވެ. (أخرجه البخاري ومسلم وابن ماجه)
މި ހަދީސްގެ އަލީގައި އިބްނު ޢައްބާސް ދެކެވަޑައިގެންނެވީ ފަސްކުރުމެއް ނެތި (އަތުން އަތަށް) ރިބާ ހިނގާ ބާވަތްތައް އެކަތި އަނެކެއްޗަށް ވުރެ އިތުރުކޮށްފައި ބަދަލުކުރާ ނަމަ ރިބާއަށް ނުވާނޭ ކަމުގައެވެ. މާނައަކީ ރިބާ އަލްފަލުލަކީ އޮންނަ އެއްޗެއް ނޫން ކަމުގައެވެ. ނަމަވެސް ޢިބާދާ ބުނުއްޞާމިތު ގެ އަރިހުން ރިވާވެފައިވާ ރިބާއާ ބެހޭ ހަދީސުން (صحيح مسلم) ރިބާ އަލްފަލުލަކީ ރިބާގެ ވައްތަރެއްކަން ސާފުކޮށް ސާބިތުވެއެވެ. އަދި އިބްނު ޢައްބާސްއަށް ފަހު ހުރިހާ އިލްމުވެރިން ވަނީ ރިބާގެ ދެ ވައްތަރު އޮންނަ ކަމަށް އިޖުމާއުވެ ވަޑައިގަންނަވައިފައެވެ. 
ނޯޓު: ރިބާ އަލްފަލުލު (ربا الفضل) ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއް ބާވަތެއްގެ ދޭތި އެކަތި އަނެކައްޗާ ބަދަލުކުރާއިރު އެކަތި އަނެކެއްޗަށް ވުރެ އިތުރަށް ދޭން ސަރުތު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ދިހަ ގުރާމު ރަނަށް (ރަން ދޭގޮތަށް) ފަސް ގުރާމު ރަން ބަދަލުކުރުން (ދިނުން) އެވެ. މި ގޮތަށް ބަދަލުކުރާއިރު އަތުން އަތަށް ބަދަލުކުރާ ނަމަ އިބްނު ޢައްބާސް ރަލިޔަالله އަންހުމާގެ އަރިހުގައި އެއީ ރިބާކަމުގައި (އޭރު) ނުވެއެވެ .ރިބާ އަންނަސީއާ (ربا النسيئة) އަކީ ދަރަނި އަދާކުރުމުގައި ދަރަނި ދިން ވަރަށް ވުރެ އިތުރަށް ދެއްކުން ސަރުތު ކުރެވިފައިވާ އިތުރުވުމެވެ.
އެހެންވީމާ މިސާލަކަށް ދެ ކިލޯ ގޮދަން އެއްކިލޯ ގޮދަނާ ނުވަތަ ދެ މިސްގާލު ރަން އެއް މިސްގާލު ރަނާ އަތުން އަތަށް ބަދަލުކުރާ ނަމަ އިބްނު ޢައްބާސްގެ އަރިހުގައި އެއީ ރިބާއެއް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ރިބާއަށް ވަނީ އެތަކެތި ބަދަލުކުރުމުގައި އަތުން އަތަށް ދިނުމުގެ ބަދަލުގައި އެއް ފަރާތުން ދޭ ދިނުން ފަސްކޮށްފި ނަމައެވެ. އެހެނީ އިސްވެ ދިޔަ ހަދީސްގައި ރިބާ ވާކަން ކަށަވަރީ ފަސްކުރުމުގައޭ އޮތުމުން އަސްލުގައި އެ ހަދީސުން ދޭހަކޮށްދެނީ ރިބާ ވަނީ ހަމަ އެވައްތަރުގައި އެކަނި ކަމެވެ. (އަދި އެ ހަދީސް އައިސްފައިވާ އަނެއް ރިވާޔަތުގެ އިބާރާތް ހުރީ ވެސް އިބްނު ޢައްބާސް ރަލިޔަالله އަންހުމާ ނެންގެވި ދޭހައަށް ބާރުލިބޭ ގޮތަށެވެ.) ނަމަވެސް ހަގީގަތަކީ ޢިބާދާ ބުނުއްޞާމިތުގެ އަރިހުން ރިވާވެފައިވާ ހަދީސުންވެސް ދޭހަވާ ފަދައިން ރިބާ އަލްފަލުލަކީ ވެސް ރިބާގެ ވައްތަރެއް ކަމެވެ. އަދި މާތް ނަބިއްޔާ ހަދީސް ކުރައްވައިފައިވާ ކަމަށްޓަކައެވެ. "އިތުރުކޮށްފި ނުވަތަ އިތުރުކޮށްގެންފި މީހާ ފަހެ ހަމަކަށަވަރުން ރިބާގެ ފައިދާއެއް ހޯދައިފިއެވެ. (خرجه مسلم)
މާތް ސޮހާބީ އިބްނު ޢައްބާސް ރަލިޔަالله އަންހުމާ އެގޮތަށް ދަލީލު ނަންގަވައިފައިވާ އެ ހަދީސްފުޅާއި މެދު އަހަރެމެންގެ މައުގިފަކީ ރިބާ އަލްފަލުލަކީ ވެސް އޮންނަ އެއްޗެއްކަން ދޭހަވާ ގޮތަށް ހުރި ހަދީސްތަކާއި އެކަލޭގެފާނު ދަލީލު ނަންގަވާ ހަދީސްކަމުގައިވާ ރިބާވަނީ ހަމައެކަނި އަދާކުރުން ފަސްކުރާ ނަމައޭ ދޭހަވާ ހަދީހާއި މިހަދީސްތަކުގެ މެދުގައި ބޭރު ފުށުން ފެންނަން އެވާ ފުށުއެރުން ފިލައިގެންދާނޭ ގޮތެއްގައި ހިފުމެވެ. އެހެންވީމާ އަހަރެމެން ބުނާނީ އެންމެ ހަރާންކަން ގަދަވެގެންވާ ރިބާއަކީ ރިބާ އަންނަސީއާ ކަމުގައެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އާއްމުވެފައި އޮތް ރިބާއަކީ ވެސް އަދި އާލްއިމްރާން ސޫރަތުގެ 130 ވަނަ އާޔަތުގައި ނަހީކުރައްވައިފައިވާ ރިބާއަކީ ވެސް ރިބާ އަންނަސީއާ އެވެ. އެއާއި ހިލާފަށް ރިބާ އަލްފަލުލަކީ އެންމެ ހަރާންކަން ގަދަވެގެންވާ ރިބާއެއް ނޫނެވެ. ނަމަވެސް ރިބާގެ ވައްތަރެކެވެ. އެހެންވެގެން އިބްނުލް ޤައްޔިމް ރަޙިމަހުالله އެކަލޭގެފާނުގެ ފޮތް 'އިޢުލާމުލް މުވައިޤިޢީން'ގައި ވެސް ވިދާޅުވެފައިވަނީ ރިބާ އަލްފަލުލު ހަރާންކުރެއްވިގެންވަނީ ރިބާއަށް މަގުފަހިވާ ވަސީލަތެއް ހަރާންކުރެއްވުމުގެ ގޮތުން ކަމުގައެވެ. އޭގެ އަސްލު މަގްސަދު ހަރާންކުރެއްވުމުގެ ގޮތުން ނޫންކަމުގައެވެ.
ނޯޓު: އިބްނު ޢައްބާސް ރަލިޔަالله އަންހުމާ ނަންގަވާ ހަދީހުގައި ރިބާ ވާކަން ކަށަވަރީ އަދާކުރުން ފަސްކުރުމުގައޭ ނުވަތަ އަދާކުރުން ފަސްކުރުމުގައި މެނުވީ ރިބާއެއް ނުވެއޭ މިފަދައިން އައިސްފައި އެވަނީ އޭގެ މަގްސަދުގެ ސަބަބުން ހަރާންކުރެއްވުނު ރިބާއަކީ ހަމައެކަނި ރިބާ އަންނަސީއާ ކަމުގައި ވާތީއެވެ. އަދި ރިބާ އަލްފަލުލު ހަރާންކުރެއްވިގެންވަނީ ރިބާއަށް މަގުފަހިވެދާނޭ ވަސީލަތެއް ކަމުގައި ވާތީކަން ދޭހަކޮށްދޭ ހަދީހެއް މުސްނަދު އަޙްމަދުގައި އައިސްފައިވެއެވެ.