އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް

މެއި 2, 2024 - 00:15
 0

8. ހަތްވަނަ ސަބަބު: ލޮއީފު ހަދީހަކުން ދަލީލު ނެންގެވުން ނުވަތަ ސޮއްހަ ހަދީހަކުން ބަލިކަށި ދަލީލެއް ނެންގެވުން

ލޮއީފު ހަދީސް އަކުންް ދަލީލު ނެންގެވުމުގެ މިސާލު :
މިއީވެސް ވަރަށް ގިނަ ހިލާފުތަކުގެ ސަބެބެކެވެ. މިސަބަބުގެ މިސާލެއްގެ ގޮތުގައި ތަސްބީހަ ނަމާދަކީ ސުންނަތެއް ކަމުގައި ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން ހިމެނެއެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ އެއީ މަކްރޫހަވެގެންވާ ބިދުއައެއް ކަމުގައެވެ. އަދި އެ ނަމާދާމެދު އައިސްފައިވާ ހަދީސް ސޮއްހަ ނޫންކަމުގައެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި އިމާމް އަޙްމަދު ރަޙިމަހުالله ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: ތަސްބީހަ ނަމާދަކީ ކީރިތި މާތް ނަބިއްޔާގެ އަރިހުން ސޮއްހަ މަގުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުالله ވިދާޅުވެފައިވެއެވެ: ތަސްބީހަ ނަމާދާ ބެހޭ ގޮތުން އައިސްފައިވާ ހަދީހަކީ ކީރިތި މާތް ނަބިއްޔާގެ މައްޗަށް ހަދާފައިވާ ދޮގެކެވެ. ހަމަ ހަގީގަތުގައި ވެސް އެ ހަދީހާއި މެދު ފުންކޮށް ވިސްނައިފި މީހަކަށް އެ ހަދީހުގައި ދީނުގެ ނިސްބަތުގައި ނަހަމަ ފުށުއެރުންތައް ހުއްޓާ ފެންނާނެއެވެ. އެ ހަދީހުގެ އުސްލޫބު ހުރީ ސަރީއަތުގެ އެހެން ކަންކަމުގައި ފެންނަން ހުރި މޭރުމަކުން ނޫނެވެ. އެކަމުން ސާބިތުވަނީ އެ ހަދީހުގެ ސަނަދާއި މަތުނުގައި ހުރި ފުށުއެރުންތަކެވެ. އެހެންވީމާ ޝައިޚުލްއިސްލާމް ފަދައިން އެ ހަދީހަކީ ކީރިތި މާތް ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގެކޭ ބުނާ އިލްމުވެރިން އެވިދާޅުވަނީ ތެދުފުޅެކެވެ. މިސަބަބުގެ މިސާލެއްގެ ގޮތުގައި ތަސްބީހަ ނަމާދުން މިސާލު ޖަހަން މިޖެހުނީ ބައެއް މީހުން ތަސްބީހަ ނަމާދާ މެދު ވަރަށް ގިނައިން ސުވާލުކުރާ ކަމަށްޓަކައެވެ. އެހެންވީމާ މިހެން ބަޔާންކުރުމުގެ ސަބަބަކީ މި ބަހަކީ ބައެއް މީހުންނަށް ތަޙައްމަލުކުރަން ތަންކޮޅެއް ބުރަ ބަހަކަށްވި، މި ބިދުއައަކީ ދީނުގެ ކަމެކޭ ހީވެދާނޭތީ ބިރުވެތިވީތީއެވެ. އަދި އެއީ ބިދުއައެއްކަމުގައި ވިޔަސްމެއެވެ. އެހެނީ އަހަރެމެން ގަބޫލުކުރަންވާނީ الله ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުން ސާބިތުވާން ނެތް (ދީނުގެ ކަމެއް ކަމުގައި މީސްތަކުން ހަދައިގަންނަ) ކޮންމެ ކަމަކީ ބިދުއައެއް ކަމުގައެވެ .
ނޯޓު: ތަސްބީހަ ނަމާދާ ބެހޭ ގޮތުން އައިސްފައިވާ ހަދީހުގެ ސޮއްހަކަމާ މެދު އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ހިލާފު އެބަހުއްޓެވެ. ވަރަށް ގިނަ އިލްމުވެރިން އެއީ ސުންނަތްވެގެންވާ ނަމާދެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. އިބްނުލްޢާބިދީން ރަޙިމަހުالله ވިދާޅުވެފައިވަނީ އެ ހަދީސް ރިވާވެފައިވާ އެކި ގޮތްތައް ގިނަކަމާއެކު އެއީ ޙަސަން ދަރަޖައިގެ ހަދީހެއް ކަމަށާއި އެއީ ހަދައިފައިވާ ހަދީހެއް ކަމުގައި ކުރެވޭ ދައުވާއަކީ ކުށްހީއެއް ކަމުގައެވެ. އެކަލޭގެފާނެކޭ އެއްފަދައިން އެ ހަދީސް ސޮއްހަ ކުރައްވާ ބޭކަލުންގެ ތެރޭގައި އަލްއިމާމުއްދާރު ޤުޠުނ،ީ އަލްޚަޠީބުލްބަޣްދާދ،ީ އަބޫ މޫސަލްމަދަނ،ީ އަލްޙާކިމ،ް އައްސުޔޫޠ،ީ އަދި މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ (رحمهم االله جميعا) އަދި މިނޫންވެސް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. 
އަދި އެ ހަދީސް ސޮއްހަ ނޫން ކަމުގައި ވިދާޅުވާ ބޭކަލުންގެ ތެރޭގައި އަލްއިމާމް އިބްނުލްޖައުޒ،ީ ސިރާޖުއްދީނުލްޤިޒްވީނ،ީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔ،ާ އަދި އަލްއިމާމް އަޙްމަދު (رحمهم االله جميعا) އަދި މިނޫންވެސް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އެއްވެސް ސައްކެތް ނެތް ގޮތުގައި މި ލިޔުމަކީވެސް މި ފަދަ ހިޔާލު ތަފާތުވުންތައް އުފެދުމަށް މެދުވެރިވީ ސަބަބުތަކެވެ.

ސޮއްހަ ހަދީހަކުން ބަލިކަށި ދަލީލެއް ނެންގެވުމުގެ މިސާލު :
ދަލީލު ނެގި ހަދީހަކީ ސޮއްހަ ހަދީހެއް ކަމުގައި ވިޔަސް އެ ހަދީހުން ދަލީލު ނެގި ގޮތް ބަލިކަށިވުމަކީ ވެސް ބައެއް ފަހަރަށް ދިމާވާ ކަމެކެވެ. ކީރިތި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. 
"ކަތިލެވޭ ޖަނަވާރުގެ މާބަނޑުގައިވާ ދަރީގެ ކަތިލެވުމަކީ އޭތީގެ މަންމަގެ ކަތިލެވުމެވެ." (خرجه أبو داوود والترمذي وابن ماجه) 
މި ހަދީހުގެ ދޭހަ ކަމުގައި އިލްމުވެރިންގެ މެދުގައި މަސްހޫރުވެގެންވާ ގޮތަކީ މާބަނޑު ޖަނަވާރެއް ކަތިލެވޭ ނަމަ އޭގެ ބަނޑުގައި ވާ ޖަނަވާރުގެ ކަތިލެވުމެއް ކަމުގައި އެ ކަތިލުން ފުދޭނޭ ކަމުގައެވެ. މާނައަކީ ކަތިލެވޭ ޖަނަވާރުގެ ބަނޑުގައި އޮންނަ އޭގެ ދަރި އަލުން ނަގައިފައި ކަތިލާކަށް ނުޖެހޭނެއެވެ. އެހެނީ އޭގެ މަންމަގެ ކަތިލުން އޭތީގެ ކަތިލުމަކަށް ވެސް ފުދެއެވެ. (ފުރިހަމަވެގެންވާ ދިރުމެއް އޭގައި ހުރެއްޖެއްޔާ މެނުވީއެވެ. ފުރިހަމަވެގެންވާ ދިރުމެއް ހުރެއްޖެ ނަމަ އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ކަތިލުމެވެ. އަނެއް ގޮތަކީ ކަތި ނުލައި ގެންގުޅުމެވެ.)
ނަމަވެސް އެ ހަދީހުގެ މުރާދަކީ މިއީ ނޫންކަމުގައި ވިސްނިވަޑައިގަތް ބޭކަލުންވެސް އިލްމުވެރިންގެ ތެރޭގައި ތިއްބެވިއެވެ. އެބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި އެ ހަދީހުން ދޭހަވަނީ ކަތިލެވޭ ޖަނަވާރެކޭ އެއްފަދައިން އޭގެ މާބަނޑުގައި އޮންނަ މަރުވެފައިވާ ޖަނަވާރުވެސް ކަތިލައި ލޭ އޮހޮރުވާލަން ޖެހޭނޭކަމުގައެވެ. ނަމަވެސް މި ރައުޔަކީ އެ ހަދީހުގެ ދޭހަކަމުގައިވުން ވަރަށް ދުރެވެ. އެހެނީ މަރުވެފައިވާ އެއްޗަކުން ލޭ އޮހޮރުވައިލުން ހާސިލެއް ނުކުރެވޭނެއެވެ. (ލޭ ނެރުމާއި ލޭ އޮހޮރުވައިލުމާ މިއީ ދެ ކަމެކެވެ.)
އިލްމުވެރިންގެ މެދުގައި ދީނުގެ ފަރުއީ ކަންކަމުގައި ހިޔާލު ތަފާތުވުމަށް މެދުވެރިވި އަދި މެދުވެރިވާ ނުހަނު ގިނަ ސަބަބުތަކުގެ ތެރެއިން ފާހަގަކޮށްލަން ރަނގަޅު ކަމުގައިވި މައިގަނޑު ސަބަބުތަކަކީ މިއީއެވެ. އެއީ ހިކިފަސްތަނެއް ފެންނަން ނެތް ކަނޑެއް ފަދަ ފުންވެގެންވާ ވާހަކަތަކެއް ކަމާއެކުގައި ވެސްމެއެވެ. 

ނޯޓު: މި ކަމުގެ މައުގިފް މީގެ ދެވަނަ ބައި ސާއިއު ކުރާއިރު ހިމެނިގެން ދާނެއެވެ.

މަސްދަރު: ކީރިތި ގުރުއާން، އަލްބުހާރީ، އަލްމުސްލިމް

މުޙައްމަދު ބުން ޞާލިޙް އަލް އުސައިމީން (1929-2001)
(ނަބީލްގެ ތަރުޖަމާ އާއި އެކު)