ހަސަދަވެރިންނަށް ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުމެއް ނުހޯދޭނެ: އިގްތިސޯދީ ވަޒީރު ސައީދު

ޖެނުއަރީ 19, 2024 - 09:52
 0
ހަސަދަވެރިންނަށް ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުމެއް ނުހޯދޭނެ: އިގްތިސޯދީ ވަޒީރު ސައީދު
ޖެނުއަރީ 18 ވަނަ ދުވަހު، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް

ހަސަދަވެރިންނަށް، ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުން ނުހޯދޭނެ ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް، “ފަހި ފަތުރުވެރިކަމަށް އަންހެނުން” ޕްރޮގްރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިގްތިސޯދީ ވަޒީރު ސައީދު ވިދާޅުވީ ފަތުރުވެރިކަން ނުވަތަ ‘ހޮސްޕިޓާލިޓީ ދުނިޔޭގެ ހައި ސްޓްރީޓެއް’ އަތުރާލާފައި ހުންނަނަމަ އެންމެ ‘ޓޮޕް ލަގްޒަރީ ޓްރެންޑް’ ކުރާ ޑެސްޓިޝޭނަކަށް ރާއްޖެ ވާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މާކެޓިން އަދި ހޮސްޕިޓާލިޓީ ވެސް ވަރުގަދަވާނެ ކަމަށާއި އަދި ވާދަވެރިންނާއި ހަސަދަވެރިން ވެސް ގިނަވަމުންދާނެ ކަމަށެވެ.

“އެއް ސިޓީއަކުން ނުބެލުނު ނަމަވެސް، ގެސްޓްރޮނޮމީގައި ފުޑް އެންޑް ބެވަރޭޖުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖެ ބީޓު ކުރެވޭނެ ސްމޯލް އައިލެންޑު އެހެން ޑެސްޓިނޭޝަނެއް އޮވެދާނެ ކަމެއް. އެއީ އަޅުގަނޑުމެންނަށް މާތްﷲ ދެއްވި ވަރަށް ބޮޑު ބްލެސިންއެއް، ވަރަށް ބޮޑު ނިއުމަތެއް. ދިވެހިން ހޯދި ނިއުމަތެއް.
މިއަދު ދިވެހިން މިކުރި ބުރަ މަސައްކަތުން އައިސް މި ދެންނެވި ހައި ސްޓްރީޓް ޝޮޕިންގައި ލުއި ވިޓޯން މިސާލަކަށް އިންނަ ފަދައިން، ނޫނިއްޔާ ސްޕޯޓްސްގައި ނައިކީ އިންނަ ފަދައިން، ޓުއަރިޒަމް ލަގްޒަރީ ހޮސްޕިޓާލިޓީ ޓުއަރިޒަމް، ބީޗް ހޮލިޑޭސްގައި ދިވެހިރާއްޖެ، މޯލްޑިވްސް އޭޒް އަ ބްރޭންޑު އިނުމަކީ އާދައިގެ އެޗީވްމެންޓެއް ނޫން”

އިގްތިސޯދީ ވަޒީރުމުޙައްމަދު ސަޢީދު

ސައީދު އިތުރަށް ވިދާޅުވީ ގެސްޓްރޮނޮމީގެ އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓުތައް ހުރީ ރާއްޖޭގައި ކަމަށެވެ. އެންމެ ފެންވަރު ރަނގަޅު ކޮޓަރި، ބީޗު އަދި ޑައިވިން ފެސިލިޓީތައް ވެސް ހުރީ ރާއްޖޭގައި ކަމަށެވެ. ސައީދު ވިދާޅުވީ 50 އަހަރަކީ އިންޑަސްޓްރީއެއް އުފެއްދުމަށް ވަރަށް ކުޑަ ދުވަސްކޮޅެއް ނަމަވެސް އިންޑަސްޓްރީ ކޮޅަށް ޖެހިފައިވާ ކަމަށެވެ.

އިންޑިޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ޕްރައިމިނިސްޓަރު މޯދީ ދެއްވި ވީޑިއޯ މެސެޖަށްފަހު، ރާއްޖޭގެ 3 ނައިބު މިނިސްޓަރުން މޯދީއަށާއި އިންޑިޔާއަށް ކުޑައިމީސް ބަހާއި ހުތުރުބަސްތައް ރައްދުކުރުމުގެ ސަބަބުން، އިންޑިޔާއިން ރާއްޖޭގެ ފަތުރުވެރިކަން ‘ބޯއިކޮޓް’ ކުރާނެ ކަމުގެ މީސްމީޑީއާ ކެންޕޭނެއް ޖަންގަލީ އަލިފާން ގަނޑެއްހެން ފެތުރެމުންދާ މިދުވަސްވަރު، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރަން އަދުގެ ސަރުކާރަށް މަޖުބޫރުވެފައި އޮތްއިރު، ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ހިތްވަރު ވެސް އެބަހުރި ކަމަށާއި ވާދަވެރިން ތިއްބަސް އަދި ރާޅުތައް ބޮޑުވިޔަސް “ރާޅު ހުރަސްކޮށް ދިއުމުގެ ހިތްވަރު ދިވެހި އޮޑިފަހަރުގައި، ދޯނިފަހަރުގައި ހުންނާނެ. ފަށަނުގައި ހުންނާނެ،” ކަމަށެވެ.

ވަން އައިލެންޑް ވަން ރިސޯޓު، ކޮންސެޕްޓުގައި މެޑިކަލް ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރެވިދާނެތޯ ސަރުކާރުން ބަލަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމަށް ސަރުކާރުން ވެދެވެން ހުރި އެހީތަކަކީ ކޮބައިތޯ ބެސް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.