News Network - މުޙައްމަދު ރަޝީދު

ވިޔަފާރިކުރާ ފަރާތްތަކުން މުސާރަ ދިނުމަށް އިސްކަމެއް ނުދެނީ ކީއްވެ؟
މުވައްޒިފުން އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް ފުއްދުމަށް ބަރޯސާވަނީ އެމީހުންނަށް ލިބޭ މުސާރައަށެވެ. ކަނޑައެޅިފައިވާ ދުވަހަށް މުސާރަ ނުލިބި ލަސްވުމުން ވަރަށް ގިނަ ދަތިއުނދަގޫތަކާއި ބުރަ އުފުލަންޖެހެއެވެ.  ދިރިއުޅޭ ތަނުގެ ކުލި ދެއްކުމަށާއި، ކަރަންޓާއި، ފެނާއި އަދި އިންޓަރނެޓް ބިލްތައް، މުސާރަ ލިބުނަސް ނުލިބުނަސް ދައްކަންޖެހެއެވެ. ދަރިންގެ ކިޔެވުމުގެ ހަރަދާއި ކެއުން ބުއިމުގެ ހަރަދުތައް ކުރަންޖެހެއެވެ.

މުސާރަ ލަސްވުމުން ދިމާވާ ދަތިއުނދަގޫތައް ތަހައްމަލުކުރަންޖެހުމަކީ ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ސައުގާއި ފޯރި  ގެއްލޭނެކަމެކެވެ. ފިކުރާއި ހާސްކަމުގެ ތެރެއަށް ގެނބި، ނަފްސާނީ ދުޅަހެޔޮކަން ގެއްލި ސިއްހީ ބަލިމަޑުކަމަށް މަގުފަހިވާކަމެކެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ 50 ވަނަ މާއްދާގައި "... މަދުވެގެން މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ" މިހެން އޮވެއެވެ. ވަޒީފާގެ އެއްބަސްވުމުގައި ހިމަނަންޖެހޭ މައުލޫމާތުގެ ތެރޭގައި އުޖޫރަ ދިނުމަށް ކަނޑައަޅާ ދުވަސް ބަޔާންކޮށްފައި އޮންނަންޖެހެއެވެ.

މުސާރައާއި ގުޅުން ހުރި ސަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ ހަވާލުވެފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އާއިއެވެ. މިގޮތުން އެލްއާރުއޭ އިން އެޅޭނެ ފިޔަވަޅަކީ ސަކުވާބަލައި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމެވެ. ޖަވާބުދާރީ ނުވެއްޖެނަމަ އެޅޭނެ ވިޔަވަޅަކަށް އޮންނަނީ -/2000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާއެއް ކުރުމާއި އެލްއާރުއޭ ގެ ވެބްސައިޓްގައި ޖަހައި ނަން ހާމަކުރުމެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ފާހަގަކުރާ ގޮތުގައި އެކަށީގެންވާ މުސާރައެއް، ކަނޑައެޅިފައިވާ ވަގުތުގައި ލިބުމަކީ އިޖްތިމާއީ އިންސާފުގެ ތެރޭގައި ހިމެނޭ އަދި ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު އަސާސީ ކަމެކެވެ.

އިސްލާމްދީނުގައި މަސައްކަތުގެ އުޖޫރަ ދިނުން ލަސްނުކުރުމަށް ވަރަށް ބާރުއަޅާފައިވެއެވެ. ކުރި މަސައްކަތުގެ ދައު ނުހިކެނީސް އުޖޫރަ ދިނުމަށް ކީރިތި ރަސޫލާ އަންގަވައި ހަދީސް ކުރެއްވިކަމަށް އަބޫހުރައިރާ ރިވާކުރައްވާފައި ވެއެވެ.

މުސާރަ ދިނުން ލަސްކުރާ ނުވަތަ ލަސްކޮށްފާނެ ސަބަބުތައް

ބައެއް ވިޔަފާރިތަކުން މުވައްޒިފުންގެ މުސާރަ ދިނުމަކީ އަސާސީ ޒިންމާއެއް ކަމަކަށް ނުދެކެއެވެ. މުސާރައަކީ ބެންކު އެކައުންޓްގައި ފައިސާ ނެތްނަމަ، އެހެން ހަރަދުތަކެކޭ އެއްފަދައިން ލަސްކުރެވޭނެ ހަރަދެއް ކަމަށް ދެކެވެ އެވެ. އެހެން ނަމަވެސް ޒިންމާދާރު ހަރުދަނާ މިންގަނޑުތަކަށް ހިންގާ ވިޔަފާރިއެއްނަމަ، މުވައްޒިފުންގެ މުސާރަ ދިނުން އެހެން ހަރަދުތަކަށް ވުރެ އިސްކޮށް، މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ދުރާލާ އިންތިޒާމު ކުރާނެއެވެ.

ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ، އެފައިސާ ލިބެންޖެހޭ ވަގުތުގައި ނުލިބޭ ހާލަތުގައި، މުސާރަ ދިނުން ލަސްކުރަން މަޖުބޫރުވެދާނެއެވެ. ނަމަވެސް މިގޮތަށް ލަސްކުރަންޖެހޭނީ ފައިސާ ހޯދާނެ އެހެންގޮތެއް އިންތިޒާމު ކުރެވެންދެނެވެ. ހަގީގަތަކީ ވިޔަފާރި ހިންގުމުގެ މާލީ އަދި އިދާރީ ނިޒާމު ހަރުދަނާ ނޫން ވިޔަފާރިތަކުން، ކުރިއަށް ލަފާކުރާ ބަޖެޓެއް ނެތުމުންނާއި އާރުލާ ރޭވުމެއް ނެތުމުގެ ސަބަބުން، މުސާރަ ދިނުން ލަސްކުރަން ޖެހުމެވެ.

ހަރުދަނާ އުސޫލުތަކާއި ހިލާފަށް ހިންގާ ވިޔާފާރިތަކުން، ގަސްތުގައި މުސާރަދިނުން ލަސްކުރެއެވެ. މުވައްޒިފުންނަށް މުސާރަ ދިނުމަށް ހުރި ފައިސާ، ވިޔަފާރީގެ އެކިކަންކަމުގައި ބޭނުންކުރެއެވެ. ބެންކުތަކުން ވިޔަފާރިއަށް ފައިސާ ލިބުމުގެ މަގު އޮތްނަމަވެސް، އިންޓަރެސްޓަށް އަރާ ލާރިކޮޅެއް ސަލާމަތްކުރަން މުސާރަ ދިނުން ލަސްކުރެއެވެ. ހިއްސާދާރުން ނުވަތަ ވިޔަފާރީގެ ބައިވެރިން އެމީހުންގެ މާލީ ގާބިލުކަން ހުރިނަމަވެސް އެވިޔަފާރީގެ ރައުސުލްމާލު އިތުރު ކުރާކަށް ބޭނުމެއް ނުވެއެވެ. މިފަދަ ވިޔަފާރި ތަކުން މުވައްޒިފުންގެ މުސާރަ ދިނުން ލަސްކުރުމަކީ އުސޫލީގޮތުން ކުރާކަމެކެވެ.

ފަރުދީ މައްސަލައަކަށްވުރެ ބޮޑު މައްސަލައެއް

މުސާރަދިނުން ލަސްވުމުން ދިމާވާ މައްސަލައަކީ ހަމައެކަނި ފަރުދީ މައްސަލައެއްނޫނެވެ. މިފަދަ މައްސަލަތައް އާންމުވެ، ގިނަ ވިޔަފާރިތަކުން މުސާރަދިނުން ލަސްކުރާނަމަ، އަމިއްލަ ވިޔަފާރިތަަކުގެ ވަޒީފާއަށް ބަރޯސާވުން ކުޑަވެ އިތުބާރުކުޑަވެ އެފަދަ ވަޒީފާތައް އަދާކުރާ މީހުން މަދުވާނެއެވެ. ގިނަ ދިވެހިން، ސަރުކާރުގެ ނުވަތަ ސަރުކާރު ކުންފުންޏަކުން ވަޒީފާ ހޯދަން ބޭނުންވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. މިހެން މިކަން ދެމިއޮވެއްޖެނަމަ ސަރުކާރުން ދިވެހިންގެ ގިނަ ބަޔަކަށް ވަޒީފާ ދޭންޖެހި، އަމިއްލަ ވިޔަފާރިތަކުގައި މުޅިންހެން ގެންގުޅެން ޖެހޭނީ ބިދޭސީންނެވެ.

ނަތީޖާއަކީ ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުވުމާއި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު، އުފެއްދުންތެރި މަސައްކަތްތަކުން ބަރީއަވެ ތިބުމާއެކު، ގައުމީ އުފެއްދުންތެރިކަން ބޮޑުތަކުން ދަށްވެ، ރާއްޖޭގެ އާމްދަނީން ބޮޑުބައެއް ބިދޭސީންގެ މުސާރައިގެ ގޮތުގައި ބޭރުވުމެވެ.

މައްސަލައަށް ހައްލެއް ހޯދުން

މުސާރަދިނުން ލަސްކުރުމުން އުފެދޭ އިޖްތިމާއި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް މުވައްޒިފުންގެ މުސަރާދިނުމުގެ ކަންކަން ހަރުދަނާކޮށް، ލަސްނުކޮށް އެކަންކުރުމަށް، ވަޒީފާދޭ ހުރިހާ ފަރާތެއްގެ މައްޗަށް ލާޒިމުކޮށް ގާނޫނު އިސްލާހު ކުރަންޖެހެއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީ ފަދަ މުއައްސަސާތަކުގެ ފާރަވެރިކަން އިތުރުކުރުމާއި (ގާނޫނާ ގަވާއިދުތައް) ތަންފީޒުކުރުން ހަރުކަށި ކުރަންޖެއެވެ. މުވައްޒިފުންނަށް މުސާރަދިނުންފަދަ އަސާސީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ހާމަކޮށް ބޭޒާރު ކުރުމާއި، ސަރުކާރުގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުން އެފަދަ ފަރާތްތައް އެއްކިބާކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.